01 Aug 2010, 05:28
10:00
ޝަރުތެއް ނެތި، މިޑްޓާމް އިލެކްޝަނަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި ނަމަވެސް، އެކަން އަމިއްލަފުޅަށް އިޢުލާން ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރުގެ ވެސް ރީކޯ މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން މިޑްޓާމް އިލެކްޝަނަކަށް ދާގޮތަށް ނިންމީ ވެސް ވަރަށް ބޮޑު ޔަގީންކަމަކާ އެކުގައި ކަމަށެވެ. އެހެން ނޫންނަމަ އެގޮތަށް ނުނިންމަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ޑީއާރުޕީއޭގެ މަސައްކަތަކީ އަބަދުވެސް ސަރުކާރުން ވައްޓާލުން ކަމަށާއި ނަމަވެސް އެމްޑީޕީން މަޖިލީހުގެ ތެރޭގައި ވެސް ސަރުކާރުގެ ވަޢުދުތައް ފުއްދައިދިނުމަށް ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ ފަސް ސަތޭކަ މިލިއަނުން، ތިންސަތޭކަ މިލިއަނުން ޚަރަދުކޮށްގެން އިންތިޚާބަކަށް ދިއުމަކީ ރައްޔިތުން ބޭނުންވާނެ ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީން އެގޮތަށް ނިންމައިފިނަމަ މިޑްޓާމް އިލެކްޝަނަކަށް އެމްޑީޕީން ދާން އޮތީ ތައްޔާރަށް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
އެއްވެސް ޝަރުތެއް ނެތި، މިޑްޓާމް އިލެކްޝަނަކާ ކުރިމަތިލެއްވުމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވެސް ހުންނެވީ ތައްޔާރަށް ކަމަށް ޑީއާރުޕީން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި މޫސަ ވިދާޅުވީ ތަސްމީން އަމިއްލަފުޅަށް އެކަން އިޢުލާން ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
މި ވެރިކަން ބަދަލުކުރަން އޮތް ކޮންމެ ކަމަކަށް ޑީއާރުޕީ އޮތީ ތައްޔާރަށް ކަމަށާއި، އެގޮތުން ޑީއާރުޕީން ކަނޑައަޅާ އުސޫލުތަކާއެކު، ކޮންމެ ދުވަހަކު އިންތިހާބަކަށް ނުކުންނެވުމަށް ވެސް ތަސްމީން ހުންނެވީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.