މިހާރު ނީލަން ފިހާރަ ހުރި ސަރަހައްދަކީ އެތަން ބަހައްޓަން ރައްކާތެރި ތަނެއް ނޫން ކަމުން އެބިމުގައި ދެން ނީލަން ފިހާރަ ނުހިންގޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނީލަން ފިހާރަ ހިންގާ މާލޭގެ ކުރީގެ އެއް ނަންބަރު ކުނިކޮށި ހުރި ސަރަހައްދުގައި އަލިފާން ރޯވެފައިވަނީ އިއްޔެ ހެނދުނެވެ.

އެ ހާދިސާގައި އެތަނާ އިންވެގެން ހުންނަ ސިޓީ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިން ތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. އެހެންވެ، އެތާ ދިރިއުޅުނު 200އަށްވުރެ ގިނަ މަސައްކަތްތެރިން ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައެވެ.

މޭޔަރު މުއިއްޒު މިއަދު "ސަން"އަށް ވިދާޅުވީ ނީލަން ފިހާރަ ހިންގަމުން އައި ބިމަކީ އެކަން ކުރަން ރައްކާތެރި ބިމެއް ނޫން ކަމަށާއި ސިޓީ ކައުންސިލުން އަބަދުވެސް ގެންގުޅުނީ އެތަން އެހެން ބިމަކަށް ބަދަލުކުރުމުގެ ވިސްނުން ކަމަށެވެ.

"ނީލަން ފިހާރަ ހިންގާ ބިމަކީ އެކަން ކުރަން ރައްކާތެރި ތަނެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ނަމަވެސް ސަރުކާރުން ބިމެއް ހަމަޖައްސައިދީފައިނުވާތީ އެތަން އެގޮތަށް އޮންނަނީ" އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ނީލަން ފިހާރަ ހިންގަން އިންޑަސްޓްރިއަލް ވިލެޖު ދިނުމަށް ވެސް ސަރުކާރުގައި އެދުނު ކަމަށެވެ. އެކަމަކު، ނީލަން ފިހާރަ އެބިމަށް ބަދަލުކުރުމުގެ ހުއްދައެއް ސަރުކާރުން ދީފައިނުވާ ކަމަށެވެ.

ސިޓީ ކައުންސިލުން މިހާރު ވިސްނަނީ ހުޅުމާލޭގެ ސިނާއީ ސަރަހައްދަށް ނީލަން ފިހާރަ ބަދަލުކުރާށެވެ.

"ގުޅީފަޅާއި ތިލަފުށި ކަހަލަ ތާކަށް [ނީލަން ފިހާރަ] ބަދަލު ކުރެވޭނީ ބުރިޖު އެޅުނީމާ. މިވަގުތަށް އިންޑަސްޓްރިއަލް ޒޯނުން ޖާގަ ނުލިބޭ ނަމަ، ހުޅުމާލޭ ސިނާއީ ސަރަހައްދުން ޖާގަ ހޯދަން ރިކުއެސްޓް ކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ. މިފަހަރުވެސް އެތަނުގައި ގަސްތުގައި ރޯކުރީތޯ ބަލަން ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.