ވޮޝިންޓަން (10 ޑިސެންބަރު 2022): މިއަހަރު ތެރޭގައި ޔުކްރޭނަށް އާދަޔާ ޚިލާފު ބޮޑެތި އެހީތަކެއް ވެދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކް ސްލީވަން ވިދާޅުވީ މިއަހަރުތެރޭގައި ޔުކްރޭނަށް 45 ބިލިއަން ޑޮލަރުގެ އެހީދިނުމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. މީގެތެރެއިން ބޮޑުބަޔަކީ އަސްކަރީ އެހީއެވެ.

ސްލީވަން ވިދާޅުވީ ރަޝިއާގެ މައްޗަށް ޔުކްރޭނުން އަސްކަރީ ކާމިޔާބެއް ހޯދުމަކީ އެމެރިކާގެ އުންމީދެއް ކަމަށެވެ. އެކަމަށް ބޭނުންވާ އަސްކަރީ، އިގްތިސާދީ އަދި ޖާސޫސީ މައުލޫމާތު ޔުކްރޭނަށް ފޯރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔޫކްރޭނަށް އަސްކަރީ ގޮތުންނާއި އިގްތިސާދީގޮތުން ބޮޑެތި އެހީތަކެއްވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާއާއި ޔޫރަޕުން އެކި ގޮތްގޮތުން މިދިޔައަހަރު ޔުކްރޭނަށް ދިން ޖުމްލަ އެހީގެ ޖުމްލަ މިންވަރު 60 ބިލިއަން ޑޮލަރަށް އަރާނެއެވެ.

މިދިޔަ އަހަރު އެމެރިކާއިން ޔުކްރޭނަށް ދީފައިވަނީ 20 ބިލިޔަން ޑޮލަރުގެ އެހީއެވެ. މި އެހީތައް ނުލިބުނުނަމަ ރަޝިއާގެ ކުރިމަތީގައި އަސްކަރީގޮތުން ހިފަހައްޓާނުލެވުނީސްކަމަށް ޚުދު ޔުކްރެއިންގެ މަސްއޫލުވެރިންވެސްވަނީ އިއުތިރާފްވެ ވަޑައިގެންފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންގެ ސިޓީތައް ހަލާކުވެ ފުނޑުފުނޑުވެފައި

ޔުކްރެއިން ހަނގުރާމައާއެކު ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނާ އެފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާ ޔޫރަޕްގެ ގައުމުތަކާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން (ރަޝިއާގެ އަގުހެޔޮ ގޭހާއި ތެޔޮ ޔޫރަޕަށް ލިބުން ދަތިވުމުން) ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދަށްވަނީ ފާއިތުވި ފަންސާހަކަށް އަހަރު ތެރޭގައި ނާންނަވަރުގެ ބޮޑު ހީނަރުކަމެއް އައިސްފައެވެ.

މި ހީނަރުކަމުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ހަކަތައިގެ ބާވަތްތައް ލިބުން ދަތިވުމާއި އެތަކެތީގެ އަގުބޮޑުވުމެވެ.

އާންމު ދިރިއުޅުމަށް ބޭނުންކުރާ މުދަލުގެ އަގުތައްވެސް އާދަޔާ ޚިލާފަށް ބޮޑުވެ އިންފްލޭޝަން މައްޗަށް ދިއުމަކީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޔޫރަޕްގެ ގައުމުތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

ޔޫރަޕްގެ އިގްތިސާދު ހީނަރުވުމުގެ ސަބަބުން ޔޫރަޕުން ރަޝިއާއަށް ދޭ އަސްކަރީ އެހީ މިއަހަރު ދަށަށްދާނެ ކަމަށް ޔޫރަޕްގެ އިއްތިހާދުގެ މަސްއޫލުވެރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަހަރުވެސް މަދުވެގެން 18 ބިލިއަން ޑޮލަރުގެ އަސްކަރީ އަދި އިގްތިސާދީ އެހީ ޔުކްރޭނަށް ދޭނެކަމުގެ ޔަގީންކަން ޔޫރަޕްގެ އިއްތިހާދުންވަނީ ދީފައެވެ.

ޔުކްރެއިންގެ ގިނަ ސްޕަމާކެޓްތަކުގައި ތަކެތި ހުސްވެފައި

މީގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ ޔުކްރޭނަށް ވަކިވަކިން ހަތިޔާރު ފޯރުކޮށްދޭނެކަމުގެ ޔަގީންކަންވެސް ދީފައެވެ.

މީގެތެރޭގައި ޔޫރަޕްގެ އިއްތިހާދުގައި ނުހިމެނޭ ގައުމެއްކަމަށްވާ އިނގިރޭސިވިލާތް ހިމެނެއެވެ. ޔޫރަޕާ ޚިލާފަށް އެމެރިކާގެ އިގްތިސާދަށް މާބޮޑު ހީނަރުކަމެއް އައިސްފައިނުވާތީ އެމެރިކާއިން ޔުކްރޭނަށް ދޭ އެހީ މަދުވެގެންނުދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އެމެރިކާއިން މިއަހަރު ޔުކްރޭނަށް 45 ބިލިއަން ޑޮލަރުގެ އެހީ ދޭނެކަން އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖެކް ސްލީވަން ހާމަކުރެއްވުމުން ޔުކްރެއިންގެ ޚާރިޖީ ވަޒީރު ދިމިތްރޫ ކޮލީބާ ވަނީ އެކަމަށްޓަކައި އެެމެރިކާއަށް ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ ޔުކްރެއިން ބޭނުންވާ މިންވަރަށް ހުޅަނގުން އަސްކަރީ އަދި އިގްތިސާދީ އެހީ ފޯރުކޮށްދޭނަމަ ލަސްތަކެއްނުވެ ރަޝިއާގެ މައްޗަށް ޔުކްރެއިން އަސްކަރީ ގޮތުން ކާމިޔާބު ހޯދައި ރަޝިއާ ބަލިކޮށްލާނެ ކަމަށެވެ. ހަނގުރާމައިގާ ރަޝިއާ ބަލިކޮށްގެންނޫނީ ޔުކްރޭނަށް ވެސް ޔޫރަޕަށްވެސް އަދި މުޅި ދުނިޔެއަށްވެސް އަމާންކަމާއި ރައްކާތެރިކަން ނެތްކަމަށް ކޮލީބާ ސިފަކުރެއްވިއެވެ.

ޔުކްރެއިންގެ އިސްވެރިންގެ ތެރެއިންވެސް ހުޅަނގަށް އެންމެ ބޮޑަށް ތާއީދުކުރައްވާ އެއްބޭފުޅަކީ އަދި ނޭޓޯއިން ރަޝިއާއާ ދެކޮޅަށް ޔުކްރެއިން މެދުވެރިކޮށް ހިންގަން ރާވާފައިވާ (ރަޝިއާ އަސްކަރީ ގޮތުން ވަށާލައި ކޮންޓެއިން ކުރުންފަދަ) ރޭވުންތަކުގެ އިސް އެއް މޭސްތިރިއަކީ ކޮލީބާކަމަށް ރަޝިއާއިން ސިފަކުރެއެވެ.

ހުޅަނގުން ޔުކްރޭނަށް ކިތަންމެ ވަރަކަށް އެހީ ދިންނަމަވެސް ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންވަނީ ވަރަށް ބޮޑަށް ހަލާކުވެ ފުނޑުފުނޑުވެފައެވެ. އަދި ޔުކްރެއިންގެ ބިމުގެ ބޮޑު ބައެއް އަދިވެސްވަނީ ރަޝިއާގެ ބާރުގެ ދަށުގައެވެ.

ރަޝިއާ ޔުކްރޭނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޔުކްރެއިންގެ އިގްތިސާދުވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

ޔުކްރެއިންގެ ބަޖެޓްގެ ޑެފިސިޓް މިދިޔަ އަހަރު 30 ބިިލިއަން ޑޮލަރަށް އެރިކަމަށް އެގައުމުން ބުނެފައިވެއެވެ. ހަނގުރާމައިގެ ސަބަބުން ޔުކްރެއިންގެ 16 މިލިއަނަށްވުރެ ގިނަ މީހުންވަނީ ހާލުގައިޖެހި ރެފިއުޖީންނަށް ވެފައެވެ. ހަކަތައިގެ މަރުކަޒުތަކައި ޔުކްރެއިންގެ އިންފްރާސްޓްރަކްޗަ ވަނީ ހަލާކުވެފައެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދުނިޔޭގެ އެހެންގައުމުތަކުގެ އެއްބާރުލުން ނުލިބުމުން ރަޝިއާ އިގްތިސާދީ ގޮތުން އިނދަޖައްސާލުމުގައި ހުޅަނގަށް އަދި އެއްވެސް ވަރަކަށް ކާމިޔާބު ލިބިފައެއްނުވެއެވެ. ރަޝިއާ ބުނާގޮތުން ޔުކްރެއިންގެ ފަހަތުގައިވަނީ އެމެރިކާއާއި ނޭޓޯގެ އެހެން ގައުމުތަކެވެ. ޔުކްރެއިންގެ ވެރިންނަކީ ނޭޓޯ ރަޝިއާއާ ދެކޮޅަށް ބޭނުންކުރާ ޓޫލެކެވެ.