ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި ދުވަސްވަރު ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށާއި އެހެންވެ، ބަލީގެ އަލާމާތްތައް ދެނެގަނެ ބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެޗްޕީއޭއިން މިއަދު "ސަން"އަށް ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ނިމިދިޔަ 2022ވަނަ އަހަރު ލޮލުރޯގާ ބަލީގެ 12،555 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި ބަލި ފެތުރޭ މިންވަރު އިތުރުވާން ފެށީ މިދިޔަ އޯގަސްޓް މަހުގެ ދެވަނަ ހަފުތާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ލޮލު ރޯގާގެ އެންމެ ގިނަ ކޭސްތައް ރިޕޯޓް ކޮށްފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ހދ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން ލ. އަތޮޅުންނެވެ.

ލޮލު ރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ރޯގާއެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ލޯ ހިރުވުމާއި ލޮލުން ފެން އައުމާއި ލޮލުގައި މަޑުލުމުގެ އިތުރުން ލޯ ރަތްވުން ހިމެނެއެވެ.

މިފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ނުވަތަ ސިއްހީ އެހީތެރިއަކަށް ދައްކައިގެން ފަރުވާހޯދުމަށް އެޗްޕީއޭއިން އެދެއެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި އާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި ލޮލުގައި އަތްލުމާއި ނުވަތަ އުނގުޅުމުން ދުރުހެލިވުމުގެ އިތުރުން ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

ބަލީގެ އަލާމާތްތަށް ދެނެގަނެ ވީ އެންމެ ބޮޑަކަށް އެބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.