ނީލަން ފިހާރަ ސަރަޙައްދުގައި އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށް ގެނައި ބަދަލުތައް އުވާލާ ބަހުގެ ޝެޑިއުލް ކުރިއެކޭ އެއްގޮތަށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނައީ ނީލަން ފިހާރަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސައާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކުރުމުން ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އިއްޔެ އަމީނީ ރޫޓު ވަގުތީގޮތުން މެދުކަނޑާލިއެވެ. އަދި އަމިނީ ރޫޓު މެދުކަނޑާލުމާއެކު އޯކިޑް ރޫޓު ބޭނުންކުރާ ކަސްޓަމަރުން އިތުރުވެދާނެ ކަމަށް ބަލާ، އޯކިޑް ރޫޓަށް ބަހެއް އިތުރު ކުރިއެވެ.

ވެސްޓް ޕާކުން ހުޅުމާލޭ ފޭސް އެކަކަކާއި ދޭކަށް ދާ ބަހުގެ ޚިދުމަތް ވެސް ވަގުތީ ގޮތުން ކާނިވަލް ސަރަހައްދަށް އިއްޔެ ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް މި ބަދަލުތައް އުވާލާ މިއަދު ވަނީ ކުރިއެކޭ އެއްގޮތަށް ބަހުގެ ޚިދުމަތް ދޭންފަށާފައެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވީ އިއްޔެ ހެނދުނު 06:00 ހާއިރުއެވެ. އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ހެނދުނު 07:30 އިރުއެވެ.

މި ހާދިސާގައި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭ އެކަމޮޑޭޝަން ބްލޮކަކަށް ފެތުރި އެތަން ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.