ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށާއި އެ މަސައްކަތް ލަސްވަނީ ސަރުކާރުން ހުރަސްއަޅާތީ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ދަށު ކޯޓުން މިދިޔަ މަހު 25ގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ ހުކުމް ގަބޫލުނުކުރާ ކަމަށާއި މަތީ މަރުހަލާގައި އިސްތިއުނާފު ކުރާނެ ކަމަށް މީގެ ކުރިން ވެސް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން ވަނީ ބުނެފައެވެ.

އެކަމަކު، މިހާތަނަށް ހައި ކޯޓުން އާންމުކުރާ، އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީން އެނގިފައިވާ ގޮތުގައި މިހާތަނަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެއެވެ. އެހެންވެ، އެ މައްސަލަ އަދިވެސް އިސްތިއުނާފު ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ އިސްތިއުނާފު ކުރުމަކީ ބުރަ މަސައްކަތެއް ކަމަށާއި އެކަން ކުރުމަށް ލިޔެކިޔުންތައް ބޭނުންވާ ކަމަށެވެ. އަދިވެސް ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބިފައިނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިހާރު މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ލަސްވަނީ ސަރުކާރުން އެކަމަށް ހުރަސްއަޅާތީ ކަމަށެވެ.

"އިސްތިއުނާފަކީ ވަރަށް ބޮޑު ގާނޫނީ މަސައްކަތެއް. ވަރަށް ބޮޑު ގޯސްތަކެއް ހަދާފައިހުރި ޝަރީއަަތެއް މިއީ. އެ ހުރިހާ އެއްޗެހި ބަލާ، އެ ހުރިހާ ކަމެއްގެ ދިރާސާއާ އެކީގައި ނޫންތޯ [އިސްތިއުނާފު] ކުރެވޭނީ." އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގަނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު -- ސަން ފޮޓޯ/ ފަަޔާޒު މޫސާ

ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގާ 250އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް ސަރުކާރުން ބުނާއިރު، ދައުލަތަށް ވެސް ހަތަރު އަހަރު ތެރޭ ދައުވާ ކުރެވުނީ އެންމެ މީހެއްގެ މައްޗަށް ކަމަށެވެ. އެހެންވެ، އެކަމުން އެކަނިވެސް މަސައްކަތުގެ ބުރަކަން އިހުސާސް ކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަތަރު އަހަރު ހިނގައިގެން ދިއައިރުގައި ވެސް ދައުލަތަށް، އެންމެ މީހަކަށް ދައުވާ ކުރެވުނީ، ދެން ކިހިނެއްތޯ [ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ] ރިޕޯޓު ނުލިބި އިސްތިއުނާފު ކުރާނީ؟" އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އިސްތިއުނާފު ކުރަން ދިފާއަށް 60 ދުވަހުގެ މުއްދަތެއް ލިބިދީފައިވާއިރު އެ މުއްދަތް ހަމަވާން އަދި ކައިރިވެސް ނުވެއެވެ. ނަމަވެސް އިސްތިއުނާފު ލަސްވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެތީއެވެ.

ކްރިމިނަލް ކޯޓުން 2019ވަނަ އަހަރު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުވެސް ހައިކޯޓުން ނިމުނީ އަހަރެއްހާ ދުވަހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބުގެ ކުރިން މި މައްސަލައިގެ އިސްތިއުނާފު ނުނިމިދާނެ ކަމުގެ ބިރު ބޮޑެވެ.