މެޗުގެ 50 ވަނަ މިނެޓްގައި މިޑްފީލްޑަރު މަލޮނީ ކާމިޔާބު ކުރި ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 ލަނޑުން ވިގަން މޮޅުވުމުން އިނގިރޭސި ލީގު ހޯދުމުގެ ފުރުސަތު ވާދަވެރި މެންޗެސްޓާ ސިޓީ އަށް ތަނަވަސްވެއްޖެ އެވެ.

ރޭގެ މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވިނަމަވެސް، ލީގް ތާވަލްގެ އެއްވަނާގައި 79 ޕޮއިންޓާއެކު އަދި ވެސް އޮތީ އެޓީމެވެ. އަދި މެޗުން މޮޅުވި ވިގަން އޮތީ ތާވަލްގެ 17 ވަނައިގައި 31 ޕޮއިންޓު ލިބިގެންނެވެ.

ރޭގެ މެޗަށް ފަހު ވިގަންގެ މެނޭޖަރު ރޮބާޓޯ މާޓިނޭޒް ބުނީ، ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް އަތުން ކާމިޔާބީއެއް ލިބުމަކީ ޓީމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި ޓީމްގެ ކުޅުންތެރިން ކުރި ހިތް ވަރަށް ޝުކުރު އަދާ ކުރާކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އެލެކްސް ފާގަސަން ބުނީ، ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް، ވިގަން އިން ދެއްކި ކުޅުމަކީ މޮޅު ކުޅުމެއް ކަމަށެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތާހަމައަށް ވިގަންގެ ޑިފެންޑަރުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑްގެ ފޯވާޑުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާންޖެހުނު ކމަށް ފާގަސަން ބުންޏެވެ.

"ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ނުކުރެވުމުން ޓީމް އޮތީ ޕްރެޝަރަށް ވެއްޓިފަ. ގިނަ ކުޅުންތެރިން ތިބީ ވެސް އަނިޔާގައި. އިދިކޮޅު ވިގަން އިން ކުރި މަސައްކަތައް މަރުހަބާ ކިޔަން" ފާގަސަން ބުންޏެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އަނެއް ތިން މެޗަށް ބަލާއިރު، މެންޗެސްޓާ ސިޓީ ވަނީ ރޭ ވެސްޓު ބްރޯމް އަތުން 4-0 ލަނޑުން މޮޅުވެފައެވެ. ރޭގެ މޮޅާއެކު ސިޓީ ވަނީ ލީގް ތާވަލްގެ އެއް ވަނާގައި މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެ މެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފައެވެ.

މެޗުގައި މެންޗެސްޓާ ސިޓީއަށް ގޯލްތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ، ސާޖިއޯ އަގުއެރޯ އާއި ކާލޯސް ޓެވޭޒް އަދި ޑޭވިޑް ސިލްވާއެވެ. އަދި އަގުއެރޯ ވަނީ މިމެޗުގައި ސިޓީ އަށް ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ލީގު ތާވަލްގެ ދެ ވަނާގައި 74 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު ، ތާވަލްގެ ތިން ވަނާގައި އޮތީ ރޭ ވުލްވޮއިން އަތުން 3-0 ލަނޑުން މޮޅުވި އާސެނަލް އެވެ. ތާވަލްގެ ތިން ވަނާގައި އާސެނަލް އޮތީ 64 ޕޮއިންޓާ އެކު އެވެ.

އަދި ރޭ ސްވަންސީ އަތުން ކިއުޕީއާރު މޮޅުވީ 3-0 ލަނޑުން ނެވެ.