10 Jan 2023, 17:35
ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަން މަސައްކަތްކުރާކަން ފާހަގަވާކަމަށާއި އެއީ ވަރަށް "ކޮމިއުނިސްޓް" ވިސްނުމެއްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހެނދުނު ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ ބޯދާ ވިސްނުމެއް ކަމަށެވެ.
"އެއީ ވަރަށް ކޮމިއުނިސްޓު ވަރަށް ބޯދާ ވަރަށް ދެކޮޅު ނުޖެހޭ ވިސްނުމެއް. ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިދާވާ ކުންފުނިތަކެއް ނޫން. އެ ތަންތަނުގެ ޚަރަދުތައް، ދޭ މުސާރަ، އެ ތަންތަނުން ކުރާ މަސައްކަތަށް ދޭ ފައިސާ، މި ހުރިހާ ފައިސާއެއް ދެމުން ތިޔަ ގެންދަވަނީ ތި ބޭފުޅުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޓެކްސީތައް ސަރުކާރަށް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށެވެ.
ބ. އޭދަފުށީގައި ކެމްޕޭން ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އެ މަނިކުފާނު ވަނީ ރައީސް ނަޝީދުގެ އެ ވިސްނުންފުޅަށް ތާއީދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.
އެއާއެކު މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ އެމްޑީޕީގެ ސިޔާސާތުތައް އަބަދުވެސް ބާރު ދެނީ އަމިއްލަ ވިޔަފާރިތައް ކުރި އަރުވައި އެ ވިޔާފަރިތައް މެދުވެރިކޮށް ރަށްރަށް ތަރައްގީކޮށް، ވަޒީފާތައް އިތުރުކުރުމަށްކަމަށް ވިދާޅުވެފައެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތައް ބޮޑުކުރުން އެއީ އަމިއްލަ ވިޔަފާރިއަށް އެޅޭނެ ހުރަހެއް. މިހާރު ސަރުކާރު ހިއްސާވާ ކުންފުނިތައް އަނެއްކާ ވެސް ވަރަށް ބޮޑުވަމުން އެބަ އާދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދު ތި ބޭފުޅުންގެ ގާތަށް މި އައީ ކަންބޮޑުވެގެން. އަނެއްކާ ވެސް އަޅުގަނޑުމެންނަށް އިވެން ފަށައިފި 1980ގެ ދުވަސްވަރުގެ ވާހަކަތަކެއް. ޑިމޮކްރެސީއާ ދުރު ބަސްތަކެއް. ރައްޔިތުން ވޯޓު ދޭން ޖެހެނީ ސަރުކާރުން އެދޭ ގޮތަށްކަމަށް ކުރާ ވަކާލާތެއް. ޚާއްސަ ގޮތެއްގައި ރައްޔިތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަދި ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާނަމަ އެ މީހުން ވޯޓު ދޭންޖެހޭނީ ސަރުކާރުން އެދޭ ގޮތަށްކަމަށް ދެކެވޭ ދެކެވުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރީ އެ ވިސްނުން ބަދަލުކުރުމަށް ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް ވެސް މިނިވަންކަން ދީ، އެ މީހަކު އެދޭ ގޮތަށް ވޯޓު ދިނުމުގެ ފުރުސަތު ދިނުމަށްކަމަށެވެ.
ހަމައެއާއެކު ވެރިމީހާއަށް "ނޯކިރީ" ކަން ކޮށްދީގެން ރަށު ތަރައްގީ ހޯދުމުގެ ވިސްނުމަކީ، އެ ކަން އޮންނަންވީ ގޮތް ނޫންކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައީސް ޞާލިހުގެ ވިސްނުންފުޅާއެކު އެމްޑީޕީގެ ތެރެއަށް "މައުމޫނީ" ފިކުރެއް އަންނަކަމަށްވެސް ރައީސް ނަޝީދު ތަކުރާރުކުރެއްވިއެވެ.