އިއްޔެ ނީލަން ފިހާރައިގައި އަލިފާން ރޯވެ، ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަން ބްލޮކްގައި އަލިފާން ހިފުމުގެ ސަބަބުން ހިޔާވަހިކަން ގެއްލުނު މުވައްޒަފުންނަށް ދާއިމީ ހިޔާވަހިކަމެއް ދޭން މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަލިފާނުގެ ހާދިސާގައި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފައެވެ.

މިކަމާ ގުޅިގެން ވާހަދަ ދައްކަވަމުން މޭޔަރު ވިދާޅުވީ، އެ މުވައްޒަފުން ތިބޭނެ ދާއިމީ ތަނެއް ހަމަޖެހެންދެން އެމީހުން ތިބޭނީ ފަރުކޮޅުފުށީގައި ކަމަށެވެ.

"އަޅުގަނޑުމެން ބަލާނީ އެއް މަސްދުވަސް ތެރޭގައި ވެސް ހަމަ އަޅުގަނޑުމެންގެ އޭރިއާ ތެރޭގަ، އަޅުގަނޑުމެންގެ އަމިއްލަ ކޮންޓްރޯލުގެ ތެރޭގައި، އަޅުގަނޑުމެންގެ މުވައްޒަފުން ބޭތިއްބޭނެ ކަމަހަލަ ދާއިމީ ސެޓަޕެއް ހެދުން،" މޭޔަރު ވިދާޅުވިއެވެ.

މުވައްޒަފުންނަށް ދާއިމީ ތަނެއް ހަމަޖެއްސުމުގެ ނުވަތަ ހެދުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އެތަން ރެޑީ ކުރެވުނުހާ އަވަހަކަށް މުވައްޒަފުން އަނބުރާ ގެންދާނަން،" އޭނާ ވިދާޅުވިއެވެ.

މުވައްޒަފުން ފަރުކޮޅުފުށިން މާލެއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ އެމްޓީސީސީގެ ބަހުގައެވެ. އެކަމަށް ޚާއްސަ ދެ ޑަބަލް ޑެކާ ބަސް އެބަ އޮތްކަމަށް މޭޔަރު ވިދާޅުވިއެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވީ އިއްޔެ ފަތިހު 5:30 ހާއިރުއެވެ. މި ހާދިސާގެ ސަބަބުން ސިޓީ ކައުންސިލްގެ 202 ބިދޭސީންގެ ބޯހިޔާވަހިކަން ގެއްލުނެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.