މާލޭ ސިޓީ ކައުންސިލުގެ މުނިސިޕަލް ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް މިރޭ 18:00އިން ފެށިގެން ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

ނީލަން ފިހާރައިގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެތަނާ އިންވެގެން ހުރި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުގައި ވެސް ވަނީ ރޯވެފައެވެ. އެ ހާދިސާގައި ސިޓީ ކައުންސިލްގެ 200އަށްވުރެ ގިނަ މުވައްޒަފުންގެ އެކޮމޮޑޭޝަން ވަނީ ގެއްލިފައެވެ.

މި އެންމެންނަކީ ވެސް މުނިސިޕަލް ޚިދުމަތްތަކާއި އެެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ބިދޭސީންނެވެ.

ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަލްޝާ ޝަރީފް "ސަން"އަށް މިއަދު ވިދާޅުވީ ކުރިން ޚިދުމަތް ދެމުން އައި ގޮތަށް މިއަދު އިރުއޮއްސި 18:00ގެ ފަހުން އަލުން ޚިދުމަތްތައް ފަށަން ތައްޔާރުވަމުން އަންނަކަމަށެވެ.

"އިއްޔެގެ ހާދިސާގެ ސަބަބުން މުވައްޒަފުންނަށް ބޮޑު ގެއްލުމެއް ލިބި ވަރަށް ބޮޑު ވަރުބަލި ކަމެއްގައި ތިބީ ވެސް. އެހެންވެ އެ މީހުންނަށް އަރާމުކުރުމަށް އިތުރު ވަގުތުކޮޅެއް ދިނުމަށާ އެއްކޮށް، މިއަދު ލަހުން މަސައްކަތް ފަށަން މޭޔަރު ނިންމެވީ،" އޭނާ ވިދާޅުވިއެވެ.

މި ހާދިސާގެ ސަބަބުން ބައެއް މުވައްޒަފުންގެ ޕާސްޕޯޓުފަދަ މުހިންމު ލިޔެކިޔުންތަކާއި، އެ މީހުންގެ އަންނައުނައުނާ ގެންގުޅޭ ތަކެތި އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އަދި އެ މުވައްޒަފުން ތިބޭނެ ދާއިމީ އެކޮމޮޑޭޝަނެއް ހަމަޖައްސަން ގާތްގަނޑަކަށް ދެ މަސް ދުވަސް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެމީހުން ވަގުތީ ގޮތުން ތިބީ ކޮވިޑްގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ކުރިން ބޭނުންކުރި ކޮވިޑް ވިލެޖު ނުވަތަ ކޮވިޑް ފެސިލިޓީގައެވެ.

ނީލަން ފިހާރައިގައި އަލިފާން ރޯވީ އިއްޔެ ފަތިހު 5:30 ހާއިރުއެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.