ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތުގައި ދޮގު ހެކިބަސް ދިން ކަމުގެ ތުހުމަތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ފުލުހަށް ހާޒިރުކޮށްފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ނަރީޝް ފުލުހަށް ހާޒިރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ފުލުހަށް ހާޒިރުކުރުމަށް ފަހުގައި ވަނީ ދައުވާ އިއްވާ، ތުހުމަތުތައް ސާފުކޮށްދީފައެވެ.

އޭނާ ކްރިމިނަލް ކޯޓުގައި ދީފައިވަނީ ދޮގު ހެކިބަސް ކަމަށް ބުނެފައުވަނީ އާރަށު މައްސަލައިގާ އެކޯޓުން ޔާމީންގެ މައްޗަށް އިއްވި ހުކުމުގައެވެ. އޭގައި ބުނެފައިވަނީ ދައުވާއިން ސަލާމަތްވެވަޑައިގަތުމަށް ޔާމީންގެ ފަރާތުން ދޮގުހެކި އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެއީ ނަރީޝާއި އަބްދުﷲ ރަޝީދު ހެކިބަސް ދިން ފަދައިން ޑޮލަރު ގަތުމުގެ މުއާމަލާތެއް ނޫންކަން ސާބިތުވެ، ދަށު ކޯޓުން ވަނީ އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

އެއް މިލިއަން ޑޮލަރު ގަތުމަށް ބޭނުންވާ ދިވެހި ފައިސާ (15 މިލިއަން ރުފިޔާ) ޔާމީން ދިރިއުޅުއްވި ގޭގައި އަތުން ގުނާފައި ގަނޑުކޮށް ގެންގޮސް ޔޫސުފް ނައީމަށް ރައްދު ކުރި ކަމަށް ނަރީޝް ވަނީ ހެކިބަސް ދީފައެވެ.

މި މައްސަލައިގައި ދޮގު ހެކިބަސް ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމުން އިދިކޮޅު ޕީޕީއެމުން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން އެ މައްސަލައިގައި ބުނެފައިވަނީ ޔާމީންގެ ފަރާތުން ދޮގު ހެކި އުފައްދާފައިނުވާނެ ކަމަށާއި ޝަރީއަތުން ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވަނީ ހެއްކަށް ބެލުމެއް ނެތި ކަމަށެވެ.