09 Jan 2023, 23:48
ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނާއި އިންވެގެންހުރި، މާލެސިޓީ ކައުންސިލްގެ ބިދޭސީ މުއައްޒަފުން ތިބޭ އެކަމަޑޭޝަން ބްލޮކު ބޭނުން ނުކުރެވޭވަރަށް އަނދައިގެން ދިއުމާ ގުޅިގެން މަގުމަތިވި ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭނޭ ތަން ކަނޑައެޅުމުގައި މޭޔަރާއި ރައީސް އޮފީހުގެ ތަރުޖަމާނު ދައްކަވާ ވާހަކަފުޅު ފުށުއަރައިފިއެވެ.
ބިދޭސީ މުއައްޒަފުން ތިބޭނޭ ތަނަކާއި ގުޅޭގޮތުން އިމާދުއްދީން ސްކޫލުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ، އަނދައިގެން ދިޔަ އެކަމަޑޭޝަން ބްލޮކްގައި ތިބި 200 އެއްހާ ބިދޭސީ މުވައްޒަފުން ތިބޭނޭ ތަނެއްގެ ގޮތުގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހަމަޖައްސާފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ، މާލެއިން ތަނެއް ހަމަޖެހޭތޯ ބެލުމަށް ސަރުކާރުގެ އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، މާލެސިޓީ ކައުންސިލުން މިއަދު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
"ޕާސަނަލީ އަޅުގަނޑުވެސް މިއަދު ދިޔައިން މާލޭގެ ބައެއް ތަންތަން ބަލާލަން. ކުރީގެ ޔޫއެން ބިލްޑިންގް، ޝީ ބިލްޑިން ކައިރީ ހުންނަ ނިއުޕްލާޒާވެސް ބަލާލިން. ނަމަވެސް އެތަންތަން މިހާރު ހުރީ އިންސާނުން ބޭނުންކުރަން އެކަށީގެންވާ ގޮތަކަށެއް ނޫން. އެއްވެސް ތަނެއް ނެތިގެން އެންމެފަހުން ކޮވިޑް ފެސިލިޓީ މި ހަމަޖެއްސީ،" މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މާލޭގައި ވަގުތީ ހިޔާއެއްގައި 200 އެއްހާ މުވައްޒަފުން ބޭތިއްބުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބުމަށް ފަރުކޮޅުފުށި ހަމަޖެއްސިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، މުއިއްޒު ވިދާޅުވީ ފަރުކޮޅުފުށީގައި މީގެކުރިން މީހުން ބޭތިއްބި ތަންތަން މިހާރު ހުރީ ބޭނުންކުރެވޭފަދަ ހާލަތެއްގައި ނޫންކަމަށް އެޗްޑީސީގެ އޮފިޝަލުން ވިދާޅުވެފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބުމަށް ޓްރީޓޮޕް ކައިރީހުންނަ ކޮވިޑް ފެސިލިޓީ ހަމަޖެހުނުއިރު، އެ މީހުންނަށް ބޭނުންވާ ގޮދަޑި ފަދަ ތަކެތި ހަމަކޮށްދޭނޭކަމަށް ޑިޒާސްޓާ މެނޭޖުމަންޓުން ބުނެފައިވާ ކަމަށެވެ. ބިދޭސީ މުވައްޒަފުންގެ ކެއިން ބުއިމުގެ ކަންކަން ސިޓީ ކައުންސިލުން ހަމަޖައްސާނޭ ކަމަށާއި ވަކިގޮތެއް ހަމަޖެހެންދެން މުވައްޒަފުން މާލެއަށް މަސައްކަތު އައުން ފަދަ ކަންކަމަށް އެމްޓީސީސީގެ ބަސް ހަމަޖެހިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މަސްދުވަހުގެ ތެރޭގައި އެކަމަޑޭޝަން ފެސިލިޓީ ޤާއިމްކޮށް އެތަނަށް އެމީހުން ބަދަލުކުރުމަށް ކަމަށެވެ. މިގޮތުން މިކަންކުރަންވެސް ވަގުތު ބޭނުންވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭނޭ ވަގުތީ ތަނެއްގެ ގޮތުގައި ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހަމަޖެހިފައިވާކަމަށް މޭޔަރު މުއިއްޒު ވިދާޅުވި ނަމަވެސް، "ސަން" އާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުހައްމަދު ވިދާޅުވީ، މޭޔަރު އެހެން ވިދާޅުވިނަމަވެސް ބިދޭސީ މުވައްޒަފުންނަށް ވަގުތީގޮތުން ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާނީ ފަރުކޮޅުފުށީގައި ކަމަށެވެ.
ސަރުކާރުން އެކަން ކޮށްދިން ނަމަވެސް މިއީ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނީލަން ފިހާރައިގައި އަލިފާން ރޯވީ މިއަދު ހެނދުނު 06:00 ހާއިރުއެވެ. މި ހާދިސާގައި ނީލަން ފިހާރައާއި އިންވެގެން ހުންނަ މާލެސިޓީ ކައުންސިލްގެ ބިދޭސީ މުއައްޒަފުން ތިބޭ އެކަމަޑޭޝަން އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.