17 Jan 2023, 08:50
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް މިއީ މުހިންމު އަހަރެކެވެ. ރިޔާސީ އިންތިޚާބުގެ ބޮޑު ނިންމުން ނިންމާތީއެވެ. އެ ނިންމުމާއެކު އެ ޕާޓީގެ ސިޔާސީ ކުރިމަގު ވެސް މި ނިންމުމާ ގުޅިފައިވާތީއެވެ.
މިހާރު ކުރިއަށްދަނީ އެ ޕާޓީގެ ފަރާތުން މި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއިން އިންތިޚާބު ކުރުމުގެ މަސައްކަތެވެ. ފޯރިގަދަ، ވާދަވެރި މާހައުލެއްގައި އެ ޕާޓީގެ ދެ ރައީސުން ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
ޕްރައިމަރީގެ ނަތީޖާއާ ގުޅިފައިވަނީ އެ ޕާޓީގެ އެތެރޭގެ މަސްރަހު ބިނާވާނެ ކުރިމަގަށެވެ.
މިހާ ހިސާބުން އޮތް ބޮޑު ސުވާލަކީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ބަދަހިކަން "އަސްލު އެމްޑީޕީ"ގެ ރޫހުގައި ފެނިދާނެތޯއެވެ. މިއީ މި ޕްރައިމަރީން ހޮވޭ ކެނޑީޑޭޓަކާ ގުޅިފައިވާ ކަމެކެވެ. އެ ޕާޓީގެ ކުރިމަގާ ގުޅިފައިވާ ކަމެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން
ޕްރައިމަރީއަކީ ދާންވީ މަގު
އެމްޑީޕީގެ ގިނަ މެމްބަރުންގެ ނަޒަރުގައި ޕްރައިމަރީތައް ބޭއްވުމަކީ އެމްޑީޕީގެ އަސާސެވެ. އިންތިޚާބު ކުރާ އެއްވެސް މަގާމެއްގެ މީހަކަށް އެ މަގާމެއްގެ އެތެރޭގެ ޕްރައިމަރީއަކާ ނުލާ ޓިކެޓެއް ދިނުމަކީ އޮންނަ ގޮތެއް ނޫންކަމަށް އެ ޕާޓީގެ އިސް މެމްބަރުން ދެކެއެވެ.
އަދި ޕްރައިމަރީ ކާމިޔާބުކުރާ ކެނޑިޑޭޓަކާއެކު މުޅި ޕާޓީގެ މެމްބަރުން މަސައްކަތްކުރުމަކީ އެ ޕާޓީން އަބަދު ވެސް ކަން ކުރާ ގޮތްކަމަށް ބުނެއެވެ.
އޭގެ ތެރެއިން އެމްޑީޕީގެ އިސް މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ދެކިލައްވަނީ އެ ގޮތަށެވެ.
"ޕްރައިމަރީއަކީ އެމްޑީޕީގެ އެއް އަސާސް. އެހެންވީމާ އަޅުގަނޑުމެން އިލެކްޓެޑް އެއްވެސް މީހަކު އެމްޑީޕީގެ އެތެރޭގެ އެއްވެސް މަގާމެއްގައެއް ރައީސް ނަޝީދު ފިޔަވައި ޕްރައިމަރީއެއްގައި ވާދަކުރުމެއް ނެތި ޓިކެޓު ދީފައެއް ނުވާނެ. ރައީސް ނަޝީދަށް ވާނެ ބައެއް ފަހަރު އެހެން. މަގާމަކަށް ވާދަނުކުރައްވާ ޓިކެޓު ލިބިފައި. އެކަމު އެ ނޫން އެއްވެސް މީހަކަށް ޕާޓީގައި އެއްވެސް އިލެކްޓެޑް މަގާމަކަށް ކުރިމަތިލާން ހުޅުވައިނުލައި، ޓިކެޓު ދީފައިނުވާނެ،" އަނދުން ހުސައިން ވިދާޅުވިއެވެ.
މީގެ އިތުރުން ވާދަވެރި ޕްރައިމަރީއަކަށްފަހު ޓިކެޓު ކާމިޔާބުކުރުމުން ދެން އެ ކެނޑިޑޭޓެއްގެ ފަހަތުގައި މަސައްކަތްކުރުމަކީ އޮންނަންވީ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޚުދު އޭނާ އަމިއްލަފުޅަށް ގަބޫލުކުރައްވާ ގޮތުގައި، ރައީސްކަމުގެ މަގާމުގައި މިހާރު ވެސް ހުންނެވި ބޭފުޅަކަށް ދެވަނަ ދައުރެއް ދިނުމަށް ޓަކައި އެތެރޭގެ ޕްރައިމަރީއަކަށް ދިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ.
"ޕާޓީގެ ޕްރައިމަރީ ނިމުނީމާ ދެން އެމްޑީޕީގައި އުޅޭ މެމްބަރުންނަކީ ހަމަ އެމްޑީޕީގެ މެމްބަރުން. މެޖޯރިޓީ ނިންމި ގޮތަކަށް އެމްޑީޕީ ކުރިއަށްދާނީ. ދުނިޔޭގެ މަދު ގައުމެއްގައި، ސިޓިން ޕްރެޒިޑެންޓަކަށް ސެކަންޑް ޓާމެއް ދިނުމަކީ ޕްރައިމަރީއަކާ ލައިގެން ކުރާ ކަމެއް ނޫން. ދެން މި ރާއްޖޭގައި ޑިމަކުރަސީގެ ކުރީ ކޮޅުގައި މިކަހަލަ ކަންކަން ފެންނާނެ. ވާނެ،" އަނދުން ހުސައިން ވިދާޅުވިއެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ، ރައީސް މުހައްމަދު ނަޝީދަށް ވެސް އެމްޑީޕީގެ ތެރެއިން ރިޔާސީ އިންތިޚާބެއްގައި ވާދަކުރައްވަން ދެ ފުރުސަތު ލިބިވަޑައިގެންފައިވުމެވެ. އެއީ 2008ވަނަ އަހަރާއި 2013ވަނަ އަހަރެވެ.
އެހެން އޮތް ނަމަވެސް، އަނދުން ހުސައިން ސިފަކުރެއްވި ގޮތުގައި މި ރިޔާސީ ޕްރައިމަރީއަކީ އެމްޑީޕީގެ ސަފުތައް އިތުރަށް ބަދަހިވާނެ ކަމެކެވެ. އަދި މިއީ ރިޔާސީ އިންތިޚާބަށް ޕާޓީ ވަރުގަދަވާނެ ކަމެކެވެ.

ޖެނުއަރީ 31، 2020: ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބައިބައިވުމަކީ ޗޮއިސްއެއް ނޫން، އޮތީ ދެ ފޯމިއުލާ
ސިޔާސީ ޕާޓީއެއް ނަމަ އެ ޕާޓީއެއްގެ ތެރޭގައި ވެސް ވާދަވެރިކަމުގެ ރޫހު އޮތުމަކީ މުހިންމު ކަމެކެވެ. ސިޔާސީ ފޯރި އިތުރުކޮށް ޕާޓީ ވަރުގަދަ ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ. ހަމައެއާއެކު ޕާޓީގެ ސަފުތައް ބަދަހިކުރުމަކީ ވެސް މުހިންމު ކަމެކެވެ.
"އެމްޑީޕީއަށް ތާއީދުކުރާ މެމްބަރުން މި ފެންނަނީ ދެ ފަޅީގައި ތިއްބަސް، ހަތަރު ފަޅީގައި ތިއްބަސް. އެ ބޭފުޅުންގެ ތެރޭގައި އެންމެ މަގުބޫލު ބޭފުޅަކު ހޮވަން މި އުޅެނީ. ދެ ބޭފުޅުންނަކީ ވެސް ހަމަ ރަނގަޅު ދެ ބޭފުޅުން. އެހެންވީމާ އެންމެ މަގުބޫލު ބޭފުޅަކު ޑިމަކުރަޓިކް އުސޫލުން ޕްރައިމަރީއަކުން ކާމިޔާބު ކުރެއްވީމާ، ދެން އެމްޑީޕީ މީހުން ކާމިޔާބު ކުރެއްވި ކެނޑިޑޭޓަކާ އެކީގައި ވަޑައިގަންނަވާނީ،" އަނދުން ހުސައިން ވިދާޅުވިއެވެ.
އަނދުން ހުސައިން ވިދާޅުވި ގޮތުގައި ޕްރައިމަރީއެއް ބާއްވައި، މިފަދަ ބޮޑު އިންތިޚާބަކަށް ތައްޔާރުވުމަކީ އެއްގޮތަކަށް ވެސް ޕާޓީ ބައިބައިވުމަށް ކުރާ ކަމެއް ނޫނެވެ. އަދި އެއީ އަލަށް ކުރާ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގައި މިހާރު އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާ ދިމާއަށް އެއީ އަސްލު އެމްޑީޕީ މީޙުން ނޫން ކަމަށް ބުނާތީ އެކަމަށް އަނދުން ހުސައިން ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ވަކި ޕާޓީއަކުން އައި މެމްބަރެކޭ ބުނުމަށްފަހު އެ މެމްބަރަކު އެމްޑީޕީ ތެރޭގައި ބާކީ ކުރުމަކީ ވެސް މީގެ ކުރިން އެ ޕާޓީއިން ކުރާ ކަމެއް ނޫނެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަކީ އެ ފަދަ ތަފާތުކުރުމުގެ ވިސްނުމެއް ނެތް ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީގައި ތިއްބެވި ބޭފުޅުންނަކީ ޕާޓީއަށް އިޚްލާސްތެރި، ތެދުވެރި، ޕާޓީގެ އަސާސީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތާ ބޭފުޅުން. އަޅުގަނޑުމެންގެ ޕާޓީގައި ތިއްބާ އެހެން ބަޔަކު އައިސް މަސައްކަތްކުރަނީ އެއް ނޫން. ޕާޓީގައި އެތައް އަހަރެއް ހޭދަކޮށް ޕާޓީއަށް ސޮއިކޮށްގެން ޕާޓީގައި އެތައް މަގާމެއް ފުރުއްވި ބޭފުޅުންނަކީ ޕާޓީގެ ބޭފުޅުން. އަސްލު އެމްޑީޕީއަކީ އެމްޑީޕީގެ އަސާސީ ގަވައިދު،" އަނދުން ހުސައިން ވިދާޅުވިއެވެ.
މިއީ ރައީސް ނަޝީދު ހޮވުމަށް ޓަކައި މަސައްކަތްކުރައްވާ އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)ގެ ވެސް ވިސްނުންފުޅެވެ.
"އަސްލު އެމްޑީޕީއަކީ ރައީސް ނަޝީދެއް ވެސް ނޫން. ރައީސް ޞާލިހެއް ވެސް ނޫން. އަސްލު އެމްޑީޕީއަކީ ކޮބައިކަން މި ޕާޓީގެ މަގްސަދުތަކުގައި އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
މެމްބަރު ވައްޑެ ވެސް ގަބޫލުކުރައްވާ ގޮތުގައި އެމްޑީޕީ ބައިބައިނުވެ، އެ ޕާޓީ ކުރިއެރުވެން އޮތީ އެމްޑީޕީ އަސާސީ ގަވައިދާއި އެ ޕާޓީގެ ފަލްސަފާގެ މަތީގައި ތިބެގެންނެވެ. އެއީ ވަކި މީހެއްގެ އަތް މަތީގައި ނުވަތަ ވަކި މީހެއްގެ ބަހެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެ ކަން ދެމެހެއްޓުމަށް ޓަކައި އޮތް "ފޯމިއުލާ" އަކީ ރައީސް ނަޝީދުކަމަށް ވައްޑެ ވިދާޅުވެއެވެ.
"އަޅުގަނޑުމެންގެ ޕާޓީ އެއްބައިވާނީ އަޅުގަނޑުމެންގެ އަސާސްތަކާއި ފަލްސަފާއާއި އުސޫލްތަކުގެ މަތީގައި ހިފަހައްޓައިގެން. އެ ކަން ކުރެވޭނީ ރައީސް ނަޝީދަށް،" ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހު ކަންކަން ކުރައްވަނީ އެމްޑީޕީން ރައްޔިތުންނަށް ވިއްކާ ސިޔާސަތުތަކާ މުޅީން ޚިލާފަށް ކަމަށެވެ. އެހެންކަމަށްވާނަމަ ރައްޔިތުން އެ ޕާޓީއަށް ކުރާ އިތުބާރު ފަނޑުވުމުގެ ބޮޑު ފުރުސަތެއް އޮތްކަމަށް އޭނާ ދެކެއެވެ.
އެމްޑީޕީ ބައިބައިވެ، ދެކަފިވުމަކީ އެ ޕާޓީގެ އެއްވެސް މެމްބަރަކު އެދޭ ގޮތެއް ނޫނެވެ. އެއީ ހާމަކަން ބޮޑު ކަމެކެވެ. ނަމަވެސް އަސްލު އެމްޑީޕީގެ ރޫހު ދެމެހެއްޓުމަށް ޓަކައި ދެ ފޯމިއުލާއެއް އެބަ އޮތެވެ. އެ ތަނުން ފޯމިއުލާއެއް ނަގައި ބޭނުންކުރުމުގައި ރައްޔިތުންގެ ވިސްނުން ބެލުމަކީ ޕްރައިމަރީގެ ބޭނުމެވެ.

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ތ. ތިމަރަފުށީގައި--- ފޮޓޯ/ އެމްޑީޕީ
ދެ ރައީސުން، ވާދަވެރިކަމުގައި ދޫ ދިނުމެއް ނެތް!
ދެ ރައީސުންގެ ވާދަވެރިކަން އޮތީ އިންތިހާއަށެވެ. މި ވާދަވެރިކަމުގައި އެއްވެސް ބޭފުޅަކު ހުންނެވީ ދޫ ދެއްވަވާނެ ވިސްނުންފުޅެއްގައި ނޫންކަން ދެ ރައީސުންގެ ވާހަކަފުޅުތަކުން ވަރަށް ރަނގަޅަށް ހާމަވެއެވެ.
ދެކެވެނީ ވެރިކަމުގެ ދަހިވެތިކަމާއި ބާރުތައް ހޯދުމުގެ ވާހަކައެވެ. އަސާސްތައް ދިރުވައި، އާލާކުރަން ބޭނުންނަމަ ވަކި ނިންމުމެއް ނިންމުން މުހިންމުކަމުގެ ވާހަކައެވެ. މި ވާދަވެރި ރޭހުގައި ބަހުގެ ހޫނު ހަމަލާތައް އަންނަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކުރަމުންނެވެ.
ރައީސް ޞާލިހު ވިދާޅުވާ ގޮތުގައި ނަޝީދުގެ ސަބަބުން އެމްޑީޕީއަށް ލިބުނު ގެއްލުން ކުޑައެއް ނޫނެވެ. އެގޮތުން އެތައް އަހަރެއް މަގުމަތީގައި ތިބެން ޖެހުމަކީ އޭގެ ތެރެއިން ކަމެކެވެ.
ރައީސް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބި ކަންވެގެން ދިޔަ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެގޮތުން އެ ސަރުކާރުގައި ވެސް މަސައްކަތްތަކެއް ކުރަން އުޅުނު ކަމަށާއި ނަމަވެސް ދުރު ރާސްތާއެއް ނެތި އެ ކަން ކުރުމުން އެދެވޭ ނަތީޖާއެއް ނުނެރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.
"ދެވަނަ ފަހަރަށް އަޅުގަނޑުމެން އިންތިޚާބު ކުރާ ވެރިކަމެއް އެ މަގަށް ގޮސް ދިއުން އެއީ އެމްޑީޕީ މެމްބަރުން އެދޭނެ ކަމެއް ނޫން. ދެވަނަ ފަހަރަށް މަގުމައްޗަށް ނިކުމެ، ހަ އަހަރު ހަތް އަހަރު މަގުމަތީގައި އެހެން ތިބުމަކީ ސިޔާސީ ޕާޓީއަކަށް އަބަދުކުރަން ހެޔޮވާވަރުކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހަށް ރައްދު ދެއްވަމުން ނަޝީދުވަނީ ރައީސް ޞާލިހަށް ޓިކެޓު ހޯދައިދޭން އެއްވެސް މީހަކު މަސައްކަތްކޮށްފިނަމަ ރައްޔިތުން މަގުމަތިވާނެ ކަމަށާއި އެތައް ވޯޓެއް ގެއްލޭނެކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން މަގުމަތި ވާނެ ރައީސް ޞާލިހަށް އެ ޓިކެޓު ހޯއްދަވައިދޭން އަޅުގަނޑުމެން އެކަކުވެސް އުޅެފިއްޔާ. ދިހަ ޕަސެންޓުން ބަލިވެދާނެ އަޅުގަނޑުމެން. ރައީސް ޞާލިހް ކުރިމަތިލުމުން ގެއްލޭނެކަން ޔަގީންވާ ވޯޓުތައް އަޅުގަނޑަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" ނަޝީދު ވިދާޅުވިއެވެ.
ކޮންމެ އަކަސް އެމްޑީޕީ ޕްރައިމަރީގެ ބޮޑު ނިންމުމަކީ ވަރަށް ބޮޑު މަންޒަރެއް ހާމަވާނެ ނިންމުމެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ހަމައަށްދާއިރު ސިޔާސީ މައިދާނުގެ ހޫނުކަން ބިނާވަނީ މި ނިންމުމަށެވެ.