10 Jan 2023, 22:04
އޮތެންޓިކް މޯލްޑިވްސް އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރައި، ތަރައްގީ ކޮށް ދެމެހެއްޓުމުގެ މަގްސަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުގެ އިސްނެންގެވުމުގެ ދަށުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވި ފިހާރައެކެވެ.
އެހެން ފިހާރަތަކާ ޙިލާފަށް، އޮތެންޓިކް މޯލްޑިވްސް ޚާއްސަ ވަނީ ދިވެހި ފަންނުވެރިންނަށާއި، އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ވިއްކާ، ޕްރޮމޯޓް ކުރުމުގެ ތަނެއްގެ ގޮތުގައެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޔުޓީ ފްރީގައެވެ. އެތަނަށް ލިބުނު ތަރުޙީބުން ހުޅުމާލެ އަދި މާލެގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ބީސީސީ އިން ހުޅުވިއެވެ. އޭގެ ފަހުން ކުޑަ ވިލިނގިލި ރިސޯޓު އަދި ކްރޮސް ރޯޑުގައި ބީސީސީ އިން އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވިއެވެ.
އޮތެންޓިކް މޯލްޑިވްސް އާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެތަނުގެ ޑިރެކްޓާ މުހައްމަދު ޖައުޝަން ވިދާޅުވީ ރާއްޖެއިން ބޭރުން ދިވެހި އުފެއްދުންތައް ހޯދުމަކީ އޮތެންޓިކް މޯލްޑިވްސްގެ އަމާޒެއް ކަމަށެވެ. ރިސޯޓު މާކެޓަށް ރާއްޖޭގެ މާކެޓު ހުޅުވުނީ އެކަމުގެ ތެރެއިން ކަމަށް ޖައުޝަން ވިދާޅުވިއެވެ.
މިހާރު އޮތެންޓިކް މޯލްޑިވްސް އަކީ ހަމަ އެކަނި ފިހާރައެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އޮތެންޓިކް މޯލްޑިވްސް ފިހާރައިން ތަކެތި ގަނެވޭ ގޮތަށް،ވެބްސައިޓެއްވެސް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ.
މި ވަގުތު އޮތެންޓިކް މޯލްޑިވްސްގެ ހަތަރު ފިހާރައަކުން ޙިދުމަތްދޭ އިރު، މި ފިހާރަތަކުން އެންމެ ފާހަގަ ވަނީ ދިވެހި ފަންނުވެރިންނަށާއި އުފެއްދުންތެރިންނަށް އޮތެންޓިކް މޯލްޑިވްސް އިން ދީފައިވާ ކުރިއެރުމެވެ. އެންމެ 50 ސަޕްލަޔަރުންނާ އެކު ފެށި ފިހާރައަށް މިއަދު 200 އަށް ވުރެ ގިނަ ސަޕްލަޔަރުންގެ އުފެއްދުންތައް ލިބެން ހުންނަ ކަމީ މިކަމުގެ ބޮޑު ހެއްކެކެވެ.
އޮތެންޓިކް މޯލްޑިވްސް ފިހާރައިގެ އެންމެ މައިގަނޑު މަގްސަދު ކަމުގައިވާ ރާއްޖޭގެ ފަންނުވެރިންނަށާއި، އުފެއްދުންތެރިންނަށް ފަހި ޕްލެޓްފޯމެއް އެކުންފުނިން ގާއިމް ކޮށްފިއެވެ. ހުނަރުވެރިންގެ އެންމެ ގާތް އެކުވެރިޔާއަށް އެ ފިހާރަ ވަނީ އެހެންވެއެވެ.