ހަރަދަތައް ބޮޑުވެ، ދެކޮޅު ނުޖެހޭ ކަމަށް ބުނެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް އެދި ފެލިވަރު ފިޝަރީޒް މޯލްޑިވްސްގައި މަސައްކަތް ކުރާ މުވައްޒަފުން މެނޭޖްމެންޓަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.

ދުއިސައްތަ ފަންސާސް މުވައްޒަފުން ސޮއިކޮށް، ސަރުކާރުގެ މަސް ޚާރުހާނާ، ފެލިވަރުގެ މެނޭޖުމަންޓަށް އިއްޔެ ހުށަހެޅި ޕެޓިޝަންގައި ބުނަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ހަރަދުތައް ދެކޮޅު ނުޖެހޭ ކަމަށާއި މުސާރަ ބޮޑުކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ބުނެފައި ވަނީ މަގާމުގެ ކުރިއެރުން ހައްގުވާ އެތައް ބަޔަކަށް މަގާމުގެ ކުރިއެރުން ނުލިބިވާ ކަމަށާއި އެބޭފުޅުންނަށް ކުރިއެރުން ދިނުމަށާއި މުވައްޒަފުންގެ ކެއުމާއި ހުރުމުގެ ކަންތައްތައް ރަނގަޅުކޮށް ދިނުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ އެދިފައިވެ އެވެ. އަދި ހަމަ އެހެންމެ ހަމަހަމަ އުސޫލަކުން ހުރިހާ މުވަޒިފުންގެ މެދުގައި އަމަލު ކުރުމަށާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ނުލިބޭ ކަމަށް ބުނެ އެކަން ރަނގަޅުކޮށް ދިނުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ އެދިފައިވެ އެވެ.

އެ ޕެޓިޝަނުގައި ސޮއިކޮށްފައިވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް، ބުނީ ފެލިވަރު މެނޭޖުމަންޓުން މުވައްޒަފުންނާ ދޭތެރޭ ކަންކަން ކުރަމުން އަންނަނީ ގަވައިދެއް އުސޫލެއް ނެތި ކަމަށާއި މުވައްޒިފުންނަށް އެއްވެސް އިހުތިރާމު ކުރުމެއް ނެތް ކަމަށެވެ.

"ގަވައިދުގައި އޮންނަނީ މަސައްކަތަށް ނުކުންނަ އިރު ބަރާބަރަށް ޔުނީޕޯމް ލާން ޖެހޭނެ ކަމަށް. ނަމަވެސް ޔުނީފޯމް ހޯދައެއް ނުދޭ،" އެމީހާ ބުންޔެވެ." "ފާހާނައިގެ ދަތިކަން ވެސް ވަރަށް ބޮޑު. މަސައްކަތް ކުރާ ހިސާބުގައި ހުންނަނީ އެންމެ ދެ ފާހާނާ. އެ ދެތަނުގެ ހާލަތު ވަރަށް ދަށް. މުވައްޒިފުންގެ އަސާސީ ބޭނުންތަކަށް އެއްވެސް އަޅައިލުމެއް ނެތް،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

ޕެޓީޝަންގައި ސޮއި ކުރި މީހުން ވަނީ އެ މީހުން ހުށަހެޅި ކަންތައްތައް ރަނގަޅުކޮށްދިނުމަށް މުހުލަތެއް ވެސް ދީފަ އެވެ. އެ މުހުލަތުގައި ބުނެފައި ވަނީ މި މިހުގެ 25 ވަނަ ދުވަހުގެ ކުރިން ޖަވާބެއް ދިނުމަށާއި އަދި އަމަލީ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަންކަން ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގައި އެކަންކަން ރަނގަޅު ނުކޮށްފި ނަމަ އަޅާނީ ކޮން ފިޔަވަޅެއް ކަމެއް އެ ޕެޓިޝަންގައި ބުނެފައެއް ނުވެ އެވެ.

ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ވަހީދު އިއްޔެ ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުން ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެކަމާ ބެހޭ ގޮތުން އަދި މުވައްޒަފުންނާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.

ފެލިވަރުގައި 364 ދިވެހި މުވައްޒަފުންނާއި 52 ބިދޭސީން މުވައްޒަފުން މަސައްކަތް ކުރެ އެވެ.