09 Jan 2023, 20:22
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އަހުމަދު ރިޔާޒު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަހުމަދު ރިޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ އިސްތިއުފާ ދެއްވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް ނާޒިމްގެ ކެމްޕެއިންގައި ޢަމަލީ ގޮތުން ބައިވެރިވެ، އެ ކެމްޕެއިންނަށް ވަގުތު ދިނުމަށް ޓަކައި ކަމަށެވެ.
އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުރެގެން ގައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދިން ކަމަށް ޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގައި ކުރިން އުޅުއްވި، ރިޔާޒް ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާއިން ސަންޕެންޑް ކޮށްފައި ބެހެއްޓުމަށް ފަހު ޓްރާންސްޕޯޓު މިނިސްޓްރީއަށް ބަދަލު ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އިސްތިއުފާއާ ބެހޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ސަރުކާރު ތެރޭގައި ހުރެގެން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.
"އަޅުގަނޑަކީ އެމްއެންޕީގެ ކައުންސިލް މެމްބަރެއް. އެހެންވީމަ ސަރުކާރު ތެރޭގައި ހުރެގެން އެމްއެންޕީގެ ކެންޑިޑޭޓަށް ކެމްޕެއިން ކުރުމަކީ އެހާ އިންސާފުވެރިކަމެއް ނޫން ކަމަށް ވާތީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުން،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒަކީ އެމްއެންޕީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ ބޭބެއެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ކާނަލް ނާޒިމް ފިޔަވައި އެހެން ބޭފުޅަކު ކުރިމަތި ނުލުމުން އެ ޕާޓީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ އޭނާއަށް ޔަގީން ވެފައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.