11 Jan 2023, 10:08
އިނގިރޭސިވިލާތުގެ ޕްރިންސެސް ޑަޔާނާ އަވަހާރަވުމުގެ އަހަރުތަކެއް ކުރިން ތުރު ކުރެއްވި ހެދުންތަކެއް ނީލަމަށް ލައިގެން ވިއްކާލަން ތައްޔާރުވެއްޖެ އެވެ.
މަޝްހޫރު އޮކްޝަން ހައުސް ކަމަށްވާ ސޮދެބީސް އިން ޑަޔާނާގެ ހެދުންތަކުގެ ތެރެއިން މީގެކުރިން އާންމުންގެ ތެރެއަށް ވިއްކާލާފައި ނުވާ ހެދުންތަކެއް ވިއްކާލުމަށް މި މަހުގެ ފަހުކޮޅުގައި ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން އިވެންޓެއްގެ ގޮތުގައި އެ ހެދުންތައް ވިއްކާލާނީ ނިއު ޔޯކްގައެވެ.
މި އިވެންޓުގައި ޑަޔާނާގެ "އައިކޮނިކް" ރިވެންޖް ހެދުން ނެތް ނަމަވެސް އެކަމަކާ ތުރު ކުރެއްވި ތަފާތު ފާހަގަކޮށްލެވޭ ހެދުންތައް ހިމެނޭނެއެވެ. އޭގެތެރޭގައި އެކަމަނާ އަވަހާރަވި އަހަރު ތުރުކުރެއްވި ދަނބު ކުލައިގެ ވެނިޓީ ފެއާ، ސިލްކު ވެލްވެޓު ހެދުން ހިމެނެއެވެ.
ނީލަމުގައި ވިއްކާލާ ދަނބު ކުލައިގެ ހެދުމަކީ ވިކްޓާ އެޑެލްސްޓީން ޑިޒައިން ކުރި ހެދުމެކެވެ. އެއީ އޭނާގެ 1989 ވަނަ އަހަރުގެ ލައިނަޕްގައި ހިމެނޭ ހެދުމެކެވެ. މީގެ ކުރިންވެސް މި ހެދުން ވަނީ 2019 ވަނަ އަހަރުގައި ވިއްކާލާފައެވެ. ޗެރިޓީއަކަށް ފައިސާ ހޯދުމަށް މި ހެދުން ވިއްކާލާފައިވަނީ 347،000 ޑޮލަރަށެވެ.
ސޮދެބީސް އިން ބުނާގޮތުގައި މި ހެދުމަކީ އެންމެ އަގުބޮޑުކޮށް ވިކޭނެ ކަމަށް ލަފާކުރާ ހެދުމެވެ. އެގޮތުން އެ ގްރޫޕުން ލަފާކުރާގޮތުގައި ހެދުން، 120،000 ޑޮލަރަށް ވިކޭނެއެވެ.
އެ ހެދުމުގެ އިތުރުން ޑަޔާނާ މީގެކުރިން 1997 ވަނަ އަހަރު ޑޮނޭޓްކޮށްފައިވާ 75 ހެދުމެއް ވެސް ނީލަމުގައި ހިމެނޭނެއެވެ. މި ހެދުންތަކަކީ މީގެ ކުރިން ނީލަމަށް ލައިގެން ފައިސާ ޑޮނޭޓްކުރަން ވިއްކާލި ހެދުންތަކެކެވެ. މި ހެދުންތަކަށް ވަނީ 3.25 މިލިއަން ޑޮލަރު ލިބިފައެވެ. މި ފައިސާތައް ހަދިޔާ ކޮށްފައިވަނީ އެއިޑްސް އަދި ކެންސަރާ ގުޅޭ ޖަމިއްޔާތަކަށެވެ.