09 Jan 2023, 19:19
ގދ. ފިޔޯރީ ސްކޫލުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުތަކާ ގުޅިގެން އެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކޮށްފިއެވެ.
އިއްޔެ ހަވީރު 5:00 ހާއިރު ފިޔޯރީ ސްކޫލުގެ ބާ ހޯލް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަލިފާންގަނޑު މުޅި އިމާރާތަށް ފެތުރި އެ އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ނަމަވެސް ސްކޫލްގެ އާ އިމާރާތަށް އަލިފާނުގެ އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
އަލިފާން ރޯވެފައިވަނީ ބާ އިމާރާތެއްގައި ކަމަށް ވީ ނަމަވެސް، އެ އިމާރާތުގައި ސެން ކްލާހާއި އާންމު ތިން ކްލާސްރޫމު އަދި ގުދަނެއް ވެސް ހިންގަމުން ދިޔައެވެ.
ފިޔޯރީ ސްކޫލުގެ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިގްބާލް "ސަން" އަށް މިއަދު ވިދާޅުވީ، އެ އިމާރާތަކީ ކިޔަވައިދިނުމަށް ބޭނުންކުރަމުން ދިޔަ އިމާރާތެއް ކަމުން އަލިފާނުގެ ސަބަބުން ޖާގައިގެ ދަތިތަކަކާ ދިމާވެފައިވާ ކަމަށެވެ. އަދި، މީގެކުރިން 165 ދަރިވަރުންނާއެކު އެއް ދަންފަޅިއަށް ކިޔަވައިދެމުން އައި ނަމަވެސް، ޖާގަ ނެތުމުގެ ސަބަބުން ސްކޫލްގެ ކިޔަވައިދިނުން ދެ ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ސެޝަންތައް ކުރުކޮށް ގެންދިޔަ ނަމަވެސް، މާދަމާއިން ފެށިގެން އެ ސްކޫލުގައި ރަސްމީކޮށް ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށާނެ ކަމަށް އިގްބާލް ވަނީ ވިދާޅުވެފައެވެ. ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ބޯޑެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް އެރަށު ފެނަކަ ސްޓޭޝަން މެނޭޖަރު ވިދާޅުވެފައިވެއެވެ.
މި ހާދިސާ އާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ސްކޫލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ހާދިސާ ހިނގީ ސްކޫލު ބަންދު ވަގުތެއްގައިކަމުން، އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.