ބ. ތުޅާދޫގައި ސަރުކާރުން އެޅުމަށް ވައުދުވެފައިވާ އެއާޕޯޓުގައި މިއަހަރު ނިމުމުގެ ކުރިން، ފްލައިޓް ޖައްސާނޭކަން ދޭހަވާ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވާހަކަދައްކަވައިފިއެވެ.

ރައީސް ސާލިހް މިގޮތަށް ވިދާޅުވެފައިވަނީ، ބ.އޭދަފުށީގައި ބޭއްވި އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައީސް ސާލިހް ވިދާޅުވީ، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 40 މިނެޓް ތެރޭގައި އެއާޕޯޓަކަށް ދިއުމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި އަދުގެ ސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ. މި ވައުދު ސަރުކާރުން ފުއްދާނޭކަމަށާއި، މިގޮތުން މިހާރުވެސް ބައެއް ރަށްރަށުގައި އެއާޕޯޓު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށި އަނެއްބައި އެއާޕޯޓުތަށް ތަރައްޤީކުރުމަށް ކުންފުނިތަކާއި ހަވާލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ތުޅާދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ އެއާޕޯޓާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ، ބ.އަތޮޅު ތުޅާދޫގައި އެޅުމަށް ވަޢުދުވި އެއާޕޯޓުގެ މަސައްކަތްކުރުމަށް ކުރިއަށްއޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ މެދުތެރެއަށް އަރާއިރު، ބިން ހިއްކައި އެތަނުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް ފެށުން. އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެތަން ބޭނުން ކުރެވޭވަރު ކުރާނަން" ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓަށް އިޝާރާތް ކުރައްވައި ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ހަތަރު އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި، އޭގެ ތެރެއިން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މުލީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާއިރު، ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތާއި މަގޫދޫ އެއާޕޯޓުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ކުރިއަށްއޮތް ތަނުގައި އިތުރު ހަތަރު އެއާޕޯޓް އެޅިގެންދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހް ވަނީ ތުޅާދޫގައި އެޅުމަށް ސަރުކާރުން ވައުދުވި ހޮސްޕިޓަލުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނޭ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ނަމަވެސް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.