12 Apr 2012, 10:17
މެރިލޭންޑް (އެޕްރީލް 12) : އަސްކަރީ ގޮތުން ޗައިނާއާ ކުރިމަތިލާން ބޭނުންނުވާކަން އެމެރިކާ ހާމަކޮށްފި އެވެ.
މޭރީލޭންޑްގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެކަޑަމީއެއްގައި މިދިޔަ އަންގާރަދުވަހު ވާހަކަ ދައްކަވަމުން އެމެރިކާ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވީ އެމެރިކާއިން ކުރީގެ ސޮވިއެޓް ޔުނިޔަންއާ ކުރިމަތިލިގޮތަށް ޗައިނާއާ ކުރިމަތިލައި އެޤައުމާއެކު ފިނިހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމުގަ އެވެ.
ކުރިޔަށްއޮތް އަށެއްކަ އަހަރު ތެރޭގައި އިޤްތިސާދީގޮތުން އެމެރިކާއާ އެއްހަމައަކަށް ޗައިނާ ދާނެކަމަށް ބެލެވިފައިވީނަމަވެސް ޢަސްކަރީގޮތުން އެމެރިކާއާ އެއްހަމައަކަށް ޗައިނާ ދިޔުމަށް އަދި ފަނަރަވަރަކަށް އަހަރުނަގާނެ ކަމަށް ސްޓްރެޓީޖިކް ދިރާސާކުރާ ތަޖްރިބާކާރުން ލަފާކުރެ އެވެ.
ހިލަރީ މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އޭޝިއާގެ ބޮޑުބާރު ކަމަށްވާ ޗައިނާގެ ބާރާއިނުފޫޒު އޭޝިޔާ ޕެސިފިކް ގައި ކުޑަކުރުމުގެ މަކަރުވެރި ރޭވުންތަކެއް ގެންގުޅެމުންދާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވަނީ ކުރެވިފަ އެވެ. އޭޝިޔާ ޕެސިފިކް ގައި މިސައިލް އައްޑަނައިގެ ނިޒާމެއް ބެހެއްޓުމަށް އެމެރިކާ ރޭވުމާއި އޮސްޓްރޭލިޔާއާއި ފިލިޕީންސާ އަދި ގުއާމްގައި ޗައިނާއަށް އަމާޒުކޮށްގެން ޢަސްކަރީ ބޭސްތަކެއް ބިނާކުރުމަށް އެމެރިކާ ކުރަމުންގެންދާ މަސައްކަތުގެ އަމާޒަކީ ކުރީގެ ސޮވިއެޓް ޔުނިޔަން ކޮންޓެއިން ކުރިގޮތަށް ޗައިނާ ކޮންޓެއިން ކުރުންކަމަށްވަނީ ބެލެވިފަ އެވެ.
އަސްކަރީ ގޮތުން ޗައިނާ ހޯދަމުންދާ އަވަސް ކުރިއެރުންތަކާމެދު އެމެރިކާ ނުތަނަވަސްވާ މިންވަރާއި ޗައިނާގެ ޢަސްކަރީ ބަޖެޓް ބޮޑުކުރުމުން އެމެރިކާ ކަންބޮޑުވާމިންވަރުގެ ސަބަބުން މިކަން ދުނިޔެއަށް ހާމަވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެއިތުރުން އޭޝިޔާއާއި އޭޝިޔާ ޕެސިކްގައި ޗައިނާއަށް ލިބެންޖެހޭ މަޤާމް ނިގުޅައިގަތުމަށާއި ޗައިނާގެ ޖިއޮސްޓްރެޓީޖިކް ސަރަޙައްދުތަކަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުވެސް އެމެރިކާގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
ހިލަރީ ވިދާޅުވީ އެމެރިކާ އިން އައު ދުޝްމަނުން ބޭނުންނުވާ ކަމަށާއި އެމެރިކާ ބޭނުންވަނީ ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށެވެ. ޗައިނާ އާއި އެމެރިކާއާދެމެދު ވާދަވެރިކަން އޮތްނަމަވެސް މިކަން ފިނަހނގުރާމައަކަށް ބަދަލުނުވާނެ ކަމަށް ހިލަރީ ވިދާޅުވި އެވެ. (އެސޯސިއޭޓެޑް ޕްރެސް)