09 Jan 2023, 17:20
މާލޭގެ ނީލަން ފިހާރާގައި މިއަދު ރޯވި އަލިފާންގަނޑު ފެތުރި، ޖެހިގެން ހުރި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކަމޮޑޭޝަން ބްލޮކްގައި ރޯވެ ހިނގި ހާދިސާގައި ވަގުތީ ހިޔާވަހިކަން ދިން ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަދިވެސް އެކޮމަޑޭޝަން ހަމަނުޖެހޭކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ހާލުގައި ޖެހުނު ބިދޭސީން މިވަގުތު ތިބީ އިމާދުއްދީން ސްކޫލުގައެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލްގެ 202 ބިދޭސީންގެ ބޯހިޔާވަހިކަން ގެއްލުނެވެ.
މިކަމުގެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާކުރަމުން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންނަށް އެކޮމަޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
މޭޔަރު ޑރ. މުޙައްމަދު މުއިއްޒު މިއަދު ހެނދުނު ވިދާޅުވީ އެ މުވައްޒަފުންނަށް އެކޮމަޑޭޝަން ހަމަޖެއްސުމަށް ޕްލޭނިންގް މިނިސްޓްރީ އާއި، ޔޫތް މިނިސްޓްރީ އަދި ޑިޒާސްޓާ މެނޭޖްމަންޓްގައި އެދިފައި ވާނެކަމަށެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ ހުޅުމާލެއިން ބިދޭސީ މުވައްޒަފުންގެ އެކޮމެޑޭޝަން ހަމަޖެއްސުމުގެ މަސައްކަތް ޑިޒާސްޓާ މެނޭޖްމަންޓުން ކުރަމުންދާކަމަށެވެ.
މިހާރު އެންމެ އިސްކަމެއް ދީގެން ކައުންސިލުން ކުރަމުން ދަނީ މުވައްޒަފުންގެ ކެއިން ބުއިމުގެ ކަންކަން ހައްލުކޮށްދިނުމުގެ މަސައްކަތެވެ.
ނީލަން ފިހާރައިގައި އަލިފާން ރޯވީ މިއަދު ހެނދުނު 06:00 ހާއިރުއެވެ.
ފުލުހުންނާއި ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 07:30 އިރު އެތަނުގައި ރޯވި އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ވަނީ ރޯވެފައެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.
އެތަނުގައި ވިޔަފާރިކުރުން މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.