'އުންމީދާއެކު'ގެ ނަމުގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތެއް ބާއްވަން ޕީޕީއެމުން ނިންމައިފިއެވެ.

އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޔާމީންގެ އިރުޝާދާ އެއްގޮތަށް އެމަނިކުފާނުގެ ކެމްޕޭން ބާރަށް ކުރިޔަށް ގެންދަން އެޕާޓީން ނިންމާފައިވާ ކަމަށެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ވަނީ އިއްވައިފައެވެ. އެހެންވެ، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ވަނީ މަޑުޖެހިފައެވެ.

"ރައީސް [ޔާމީން]ގެ އިންސްޓްރަކްޝަން ލިބުމާއެކީ އަޅުގަނޑުމެން މި ފެށީ [ކެމްޕޭން]." ޝުޖާއު ވިދާޅުވިއެވެ.

މިމަހުގެ 19ވަނަ ދުވަހާއި 20ވަނަ ދުވަހު، އެމަނިކުފާނުގެ ކެމްޕޭނާ ގުޅޭ ހާއްސަ ކޮންފަރެންސެއް މާލޭގައި ބޭއްވުމަށް އެޕާޓީން ވަނީ ނިންމައިފައެވެ. މިގޮތުން އެ ކޮންފަރެންސުގައި ޕާޓީގައި ހުރިހާ ގުނަވަނެއްގެ މެންބަރުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުންމީދުގެ ދަންމަރު އޮތީ ޖަލުގެ ތޭރިތަކުގައި. އެ ދަންމަރު ޖަލު ފަޅާފައި އިރާދަކުރެއްވިއްޔާ ނުކުންނާނެ. ދިވެހި ރައްޔިތުންނަށް އުންމީދު ހާސިލުކޮށްދޭނެ" އޭނާ ވިދާޅުވިއެވެ

ޝުޖާއު ވިދާޅުވީ ކޮންފަރެންސްގައި އެޕާޓީގެ ދާއިރާތަކުގެ މެންބަރުންނަށް ތަމްރީނު ދޭނެ ކަމަށެވެ. އަދި، އެ ކޮންފަރެންސުން "ވައްކަން ނުކުރެވޭ" ވަރަށް ޕީޕީއެމްގެ މެންބަރުން ތަމުރީނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަލު ހުކުމް އިއްވުމާ ހަމައަށް ޔާމީން ގެންދެވީ ރިޔާސީ ކެމްޕޭން ކުރައްވަމުންނެވެ.

މިއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީނަށް އިއްވި ދެވަނަ ޖަލު ހުކުމެވެ. ކުރިން އެމަނިކުފާނަށް އިއްވި ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

މިފަހަރު ދަށު ކޯޓުން އިއްވި ހުކުމްވެސް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.