09 Jan 2023, 16:51
ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ޚާއްސަ ތަމްރީން ސެޝަންތަކެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވަ ހުންނަވާ ސަފީރު ވަންގް ލިޒިން، މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ޓްރީޓޮޕް ހޮސްޕިޓަލްގައި ބޭއްވި ހަފްލާއެއްގައި ޗައިނާ ސަރުކާރުގެ އެހީގައި ޓްރީޓޮޕް ހޮސްޕިޓަލަށް ވަނީ ޕީސީއާރް ހަދާ މެޝިނަކާއި ޓެސްޓް ކިޓްތައް ހަދިޔާކޮށްފައެވެ. މި މެޝިން ރަސްމީކޮށް ހަވާލުކޮށްދެއްވީ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ.
ޓްރީޓޮޕްގައި ބޭއްވި ޕީސީއަރް މެޝިން ހަވާލުކުރުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ނާއިލް ހުސައިން
މި ހަފްލާގައި ވާހަކަދައްކަވަމުން ޗައިނާގެ ސަފީރު ވަންގް ލިޒިން ވިދާޅުވީ ހަދިޔާ ކުރެވުނު ޕީސީއާރް ހަދާ މެޝިނަކީ ގިނަ ބަޔަކަށް އޭގެން މަންފާކުރާނެ އެއްޗަކަށް ވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލްގެ ކުރިއެރުމަށް ތަފާތު ކަންކަން ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި މި ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ޚާއްސަ ސެޝަންތަކެއް ގެންދެވޭނެކަމަށް އުންމީދުކުރަން،" ޗައިނާގެ ސަފީރު ވަންގް ލިޒިން ވިދާޅުވިއެވެ.
އަދި އެކަމަނާ ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ވާހަކަ ފާހަގަކުރައްވާފައެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ވެދެއްވި ދީލަތި އެހީތެރިކަން ފާހަގަކުރައްވާ ޓްރީޓޮޕް ހޮސްޕިޓަލްގެ ފަރާތުން މެނޭޖިން ޑިރެކްޓާ އަހުމަދު ނަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ހޮސްޕިޓަލްގެ ބޭނުންތަކަށް އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހޮސްޕިޓަލްގެ ފަރާތުން ޗައިނާގެ ސަފީރަށް ވަނީ ހަނދާނީ ފިލާއެއްވެސް އަރުވާފައެވެ.
ޗައިނާ އާއި ރާއްޖޭގެ ޑިޕްލޮމެޓިކް ކުޅުން ޤާއިމް ކުރީ 1972 ވަނަ އަހަރުއެވެ. މިދިޔަ އަހަރު އެ ގުޅުމަށް 50 އަހަރު ވީއިރު، ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދަށް ނުހަނު ބޭނުންތެރި ހިއްސާތަކެއް ކުރާ ގައުމެކެވެ. ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކުން އެކަމަށް ހެކިދެއެވެ.
އަދި ކޮވިޑްގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާގެ މާކެޓަކީ ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ.
ރަސްމިއްޔާތު ނިންމުމަށްފަހު ޗައިނާ ސަފީރު ވަނީ ހޮސްޕިޓަލްގެ އެކި ތަންތަން ބަލާލާލުމަށް ޒިޔާރާތްކޮށްފައެވެ.