09 Jan 2023, 15:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދައިދިނުމަށް މަސައްކަތް ކޮށްފިނަމަ އެމްޑީޕީ މަގުމަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިމިވަނީ 2008ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމަށްފަހު، ދައުރު ފުރިހަމަނުކުރެވި މަގުމަތިވެގެން ދިޔަގޮތް ހަނދުމަފުޅު އެބަހުރި ކަމަށާއި، އެކަން ހަނދާނުން ނުފުހެވޭނެކަމަށް ވިދާޅުވެ ރައީސް ޞާލިހް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ނ. ކެނދިކުޅުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް ޞާލިހަށް ޓިކެޓު ހޯދައިދޭން އެއްވެސް މީހަކު މަސައްކަތްކޮށްފިނަމަ ރައްޔިތުން މަގުމަތިވާނެ ކަމަށެވެ. އަދި އެތައް ވޯޓެއް ގެއްލި އެމްޑީޕީއަށް ވެރިކަން ގެއްލި މަގުމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅުގަނޑުމެން މަގުމަތި ވާނެ ރައީސް ޞާލިހަށް އެ ޓިކެޓު ހޯއްދަވައިދޭން އަޅުގަނޑުމެން އެކަކުވެސް އުޅެފިއްޔާ. ދިހަ ޕަސެންޓުން ބަލިވެދާނެ އަޅުގަނޑުމެން. ރައީސް ޞާލިހް ކުރިމަތިލުމުން ގެއްލޭނެކަން ޔަގީންވާ ވޯޓުތައް އަޅުގަނޑަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.ރައީސް މުހައްމަދު ނަޝީދު
ސަރުކާރުގައި "މައުމޫނީ" ވެރިކަމުގެ ގޮތްގަނޑު އަށަގެންފި ކަމަށާއި އެއީ ކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން، މަތީ ތައުލީމު ހިލޭ ހާސިލުކުރުމާއި ސްކޫލްތަކުގައި ކުދިންނަށް ނާސްތާ ދިނުމާއި އުމުރުން ދުވަސްވީ މީހުންގެ އިނާޔަތުގެ އިތުރުން އެކަނިވެރި މައިންގެ އިނާޔަތް ފަދަ ކަންކަމަކީ ރައްޔިތުން އަމިއްލައަށް ރާއްޖެ ގެނައި ޑިމޮކްރަސީގެ ސަބަބުން ރައްޔިތުންނަށް ލިބޭ މަންފާތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، ރައްޔިތުން ބޭނުންވާ ތަރައްގީ ލިބެން އޮތީ ޑިމޮކްރަސީގެ ނިޒާމު ފުޅާކޮށްގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ