މޮސްކޯ (9 ޑިސެންބަރު 2022): ޔުކްރެއިން ހަނގުރާމައިގާ، ޔުކްރެއިންގެ އިރުމަތީގެ ރަށެއްކަމަށްވާ ކްރަމަތޮސްކްގައި އެގައުމުގެ އެތަށް ސަތޭކަ ބަޔަކު އެއްވެފައިވާ ތަނަކަށް ކުއްލި ހަމަލާތަކެއްދީ 600 އަށްވުރެ ގިނަ ސިފައިން މަރާލައިފި ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާގޮތުން ޔުކްރެއިންގެ ދޮނިޔެސްކް ސަރަހައްދުގެ ސިޓީއެއްކަމަށްވާ ކްރަމަތޮސްކްގެ ދެ ހޮޓަލެއްގައި ޔުކްރެއިންގެ ގާތްގަނޑަކަށް 1300 ސިފައިން ވަގުތީގޮތުން ތިބިކަން ޖާސޫސީ މައުލޫމާތުގެ އަލީގައި އެނގިގެން އެދެހޮޓަލަށް ރޮކެޓުން ކުއްލި ހަމަލާތަކެއް ވަނީ ދިފައެވެ. އެދެހޮޓާ ވަރަށް ބޮޑަށް ހަލާކު ކޮށްލާފައިވާނެ ކަމަށާއި މި ހަމަލާތަކުގައި ޔުކްރެއިންގެ 600 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

ނަމަވެސް ރަޝިއާގެ މިވާހަކަތަކަށް ޔުކްރެއިން ވަނީ އިންކާރުކޮށްފައެވެ. ޔުކްރެއިންގެ އީސްޓާން ކޮމާންޑުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވިގޮތުގައި ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން ސިފައިންގެ އެކަކުވެސް މަރުވެފައެއް ނުވެއެވެ. އަދި ކްރަމަތޮސްކްގެ ދެ ހޮޓަލެއްގައި ޔުކްރެއިންގެ 1300 ސިފައިން ތިބިކަމަށްބުނެ ރަޝިއާ ފެތުރި މައުލޫމާތަކީވެސް ސައްހަ މައުލޫމާތެއް ނޫނެވެ.

ދޮނިޔެސްކްގައި ޔޫކްރެއިން ކޮންޓްރޯލްކުރާ ސަރަހައްދުގެ އިދާރީ ވެރިޔާ ޕޮލްވޯ ކިރިލެންކޯ ވިދާޅުވިގޮތުގައި ރަޝިއާއިން ފޮނުވާލި މިސައިލްތައް އަމާޒުވީ ޔުކްރެއިން ސިފައިންނެތް މަދަނީ ތަންތަނަށެވެ. އޭގެތެރޭގައި ތައުލީމީ އަދި ވިޔަފާރީގެ މަރުކަޒުތައް ހިމެނެއެވެ.

މިދިޔަ ހަފުތާގައި ޔުކްރެއިނުންވެސް ވަނީ ދޮނިޔެކްސްގައި ރަޝިއާ ސިފައިން އެއްވެފައިވާތަނަކަށް އެމެރިކާގެ "ހައިމާސް" މަރުކާގެ މިސައިލުން ވަރުގަދަ ހަމަލާތަކެއްދީ ރަޝިއާ ސިފައިންގެ އެތަށް ސަތޭކަ ބަޔަކު މަރާލިކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާވަނީ އެކަމަކަށް އިންކާރުކޮށްފައެވެ. ރަޝިއާއިން ބުނާގޮތުން ޔުކްރެއިންގެ އެ ހަމަލާތަކުގައި މަރުވީ ރަޝިއާ ސިފައިންގެ 89 މީހުންނެވެ.

ދޮނިޔެކްސް އަކީ ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގާ ރަޝިއާ ހިފާފައިވާ ޔުކްރެއިންގެ ސަރަހައްދެކެވެ. އެސަރަހައްދުގެ ގާތްގަނޑަކަށް 70 އިންސައްތަ ކޮންޓްރޯލް ކުރަނީ ރަޝިއާއެވެ.

ޔުކްރެއިން ހަނގުރާމަ ދިގުލައިގެންދާއިރު ސުލްހައިގެ ވާހަކަ ދައްކައިގެން މިމައްސަލަ ހައްލުކުރުމުގެ ބަދަލުގައި ޔުކްރެއިންއާއި ޔުކްރެއިންގެ ފަހަތުގައިވާ އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ފެންނަނީ ހަތިޔާރާއި އިގްތިސާދީ އެހީތައް ދީގެން އަސްކަރީގޮތުން ރަޝިއާ ބަލިކޮށްގެން އަމާންދޭން ރަޝިއާއަށް މަޖްބޫރުކުރުމާއި ރަޝިއާ ވަށާލުމަށްޓަކައި ނޭޓޯ ފުޅާކުރުމުގެ ވިސްނުމެއް ގެންގުޅޭ ތަނެވެ.

އަދި ރަޝިއާ ބޭނުންވާ ސަލާމަތީ ގެރެންޓީ ދިނުމަށް އިންކާރުކޮށް ޔުކްރެއިން ބޭނުންކޮށްގެން އެމެރިކާގެ ޖިއޮޕޮލިޓިކަލް ބޭނުމެއްގައި އަސްކަރީ ގޮތުން ރަޝިއާ ބަލިކުރަން އެމެރިކާ އަޑީގައި އޮވެގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ހަނގުރާމައިގެ މައިދާނުން ފެންނަނީ ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން މުޅިން ހަލާކުވެ ބިމާ ހަމަވަމުންދާ މަންޒަރެވެ. ޔުކްރެއިންގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރ ފުނޑުފުނޑުވަމުންދާ މަންޒަރެވެ. ޔުކްރެއިންގެ ގިނަ ބަޔަކު ރެފިއުޖީންނަށްވެ ދެންތިބި މީހުންގެ ގިނަބަޔަކު ގަދަފިނީގައި ކަރަންޓާއި ފެންނެތި ވަރަށް ދަތި ގިލަންވެރި ހާލަތެއްގައި އުޅެމުންގެންދާ މަންޒަރެވެ.

ޔުކްރެއިނަށް ހުޅަނގުގެ ހަތިޔާރު ކިތަންމެ ވަރަކަށް ލިބުނުނަމަވެސް ރަޝިއާގެ އެތެރެއަށް ހަމަލާދެވެނީ ވަރަށް މަދު ފަހަރަކުއެވެ. ހަނގުރާމަ ހިނގަމުންދަނީ ޔުކްރެއިންގެ ބިމުގައެވެ. އަދި ޔުކްރެއިންގެ ބޮޑުބައެއް ރަޝިއާ ވަނީ ހިފާފައެވެ.

ހުޅަނގުން ލަފާކުރިގޮތަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އިގްތިސާދީ ގޮތުން ރަޝިއާ އިނދަޖައްސާލެވޭ މަންޒަރެއްވެސް ނުފެނެއެވެ. އޭގެބަދަލުގައި ފެންނަނީ ހުޅަނގުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ހަކަތައިގެ މައްސަލައާއި އިގްތިސާދީ ބޮޑެތި ދަތިތައް ކުރިމަތިވެ ތަކެތީގެ އަގުތައް ބޮޑުވެ ޔޫރަޕްގެ އެކި ގައުމުތަކުގައި ހަޅުތާލުތަކާއި މުޒާހަރާތައް ކުރަމުންގެންދާ މަންޒަރުތަކެވެ.

ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާއަށް އެއްވެސްކަމެއް މަޖްބޫރު ކުރެވިފައިނުވާއިރު އެފިޔަވަޅުތަކުން ރަޝިއާގެ އިގްތިސާދު އިނދަޖައްސާލެވިފައެއްވެސް ނުވެއެވެ. އަދި އެފިޔަވަޅުތަކުގައި ދުނިޔޭގެ އެހެން ގައުމުތައް ބައިވެރިކުރަން އެމެރިކާއާއި ޔޫރަޕުން ކުރި މަސައްކަތްތައް ކާމިޔާބުވެފައެއް ވެސް ނުވެއެވެ.