ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ހޭޝްޓެގް ބޭނުންކުރީ ވަކި އަތަކަށް ޖެހިގެން ނޫން ކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބުނެފިއެވެ.

ޕީއެސްއެމުން މީސްމީޑިއާގައި ރައީސް ޞާލިހްގެ ކެމްޕޭނަށް ބޭނުންކުރާ ހޭޝްޓެގެއް ބޭނުންކުރި މައްސަލަ ވަނީ ހޫނުވެފައެވެ. ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ.

ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިޚާބުގެ އެންމެހައި މައުލޫމާތާއި ޚަބަރުތައް ގެނެސްދެވޭނީ ވަކި ފަރާތަކަށް ތާއީދުކުރެވޭ ނުވަތަ ހިތްވަރުދެވޭ ފަދަ ގޮތަކަށް ނޫން ކަމަށާއި މިހާރުވެސް އެކުންފުނިން ޚަބަރާއި މައުލޫމާތު ފޯރުކޮށްދެނީ ވަކި ބޭފުޅަކަށް ބުރަވެގެން ނޫން ކަމަށެވެ.

އަދި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކަވާރޭޖް ގެނެސްދޭނީ ބްރޯޑްކާސްޓިން ޤަވާއިދުތަކާއި ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތުގެ މަތިން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަކޮށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

"މި ހަރަކާތްތައް ކަވަރުކުރުމުގައި ޕީއެސްއެމްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި ޚަބަރު ގެނެސްދެމުންދާއިރު އެ ޚަބަރާއި ގުޅޭ ފަރާތްތަކުގެ ހޭޝްޓެގާއި އެހެނިހެން ޑިޖިޓަލް ބްރޭންޑިންއާ ގުޅުވިފައި ވާނެއެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ކެމްޕޭން ހަމަހަމަކޮށް މައުލޫމާތާއި ޚަބަރު ގެނެސްދޭ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ. އަދި ކޮންމެ ކެންޑިޑޭޓެއްގެ ކެމްޕޭން ޚަބަރުތައް ވެސް ގެނެސްދެވެނީ އެފަރާތަކުން ހިންގާ ހަރަކާތުގެ މައްޗަށް ކަމަށް ބުނެފައިވެއެވެ.

އަދި، ޕީއެސްއެމާ ގުޅޭ މައުލޫމާތު ފެތުރުމުގެ ކުރިން އެކަމާ ގުޅިގެން އެކުންފުނީގެ ބަހެއް ހޯދުމަށް ވަނީ އެދިފައެވެ.

"އާންމުންނަށް އޮޅުން އަރާ، ޕީއެސްއެމްގެ ބްރޭންޑް އިމޭޖަށް ގެއްލުންވާގޮތަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަމެވެ" ބަޔާނުގައި ބުނެފައިވެއެވެ.