ނީލަން ފިހާރަ ސަރަޙައްދުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޓީސީސީ އިން ބުނީ އާރްޓީއެލް ބަހުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފައި ވަނީ ނީލަން ފިހާރަ ސަރަޙައްދުގައި ހިނގި އަލިފާނުގެ ހާދިސައާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކޮށްފައިވާތީ ކަމަށެވެ.

އެމްޓީސީސީގެ ޕަބްލިކް ޓްރާންސްޕޯޓް ޑިވިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އަމީނީ ރޫޓު ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އަމިނީ ރޫޓު މެދުކަނޑާލުމާއެކު އޯކިޑް ރޫޓު ބޭނުންކުރާ ކަސްޓަމަރުން އިތުރުވެދާނެކަމަށް ބެލެވޭކަމަށާއި އޯކިޑް ރޫޓަށް މިހާރު ބަސް އިތުރުކުރެވިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މީގެއިތުރުން ވެސްޓް ޕާކުން ހުޅުމާލޭ ފޭސް އެކަކަކާއި ދޭކަށް ދާ ބަހުގެ ޚިދުމަތް ވަގުތީ ގޮތުން ކާނިވަލް ސަރަހައްދަށް ބަދަލުކޮށްފައި ވާކަމަށް އެމްޓީސީސީން ބުނެއެވެ.

އަލިފާނުގެ ހަދިސާއާ ގުޅިގެން މުޅި ތަނަށް ފެތުރިފައިވާ ދުމުގެ އަސަރު ކެނޑުމުން ބަންދުކުރެވިފައިވާ ސަރަޙައްދު ހުޅުވާލާނެ ކަމަށާއި އެހާއިރުން އާންމު ހާލަތަށް ބަދަލުގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނީލަން ފިހާރާގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ނީލަން ފިހާރައިގައި އަލިފާން ރޯވީ މިއަދު ހެނދުނު 06:00 ހާއިރުއެވެ. އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 07:30 އިރުއެވެ.

މި ހާދިސާގައި ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ތިބޭ އެކަމޮޑޭޝަން ބްލޮކަކަށް ފެތުރި އެތަން ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އަދި ހާދިސާއާ ގުޅިގެން ހަތަރު ސްކޫލެއްގެ ކިޔެވުން މިއަދު ނުބާއްވަން ވަނީ ނިންމާފައެވެ. އެއީ އިމާދުއްދީން ސްކޫލާއި އިއްޒުއްދީން ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިތުރުން ބިލަބޮން ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލްގައެވެ.