ޕިޔޮންގޔަންގް (އެޕްރީލް 12) : އުތުރުކޮރެޔާ އިން ޖައްވަށް ފޮނުވުމަށް މަސައްކަތްކުރާ ސެޓަލައިޓް އަންނަ އާދިއްތަ ދުވަހު ޖައްވަށް ފޮނުވާނެކަމަށް އެޤައުމުން ބުނެފި އެވެ.

ފަޒާގެ ޓެކްނޮލޮޖީއާބެހޭ އުތުރުކޮރެޔާގެ އިދާރާއިންބުނީ ސެޓަލައިޓް އެރުވުމުގައި ބޭނުންކުރާ "ޔުންހާ 3" މަރުކާގެ ރޮކެޓަށް ފިއުލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށްނިމޭނެ ކަމަށާއި ސެޓަލައިޓާއެކު މިރޮކެޓް އުދުއްސާލުމަށް ވާންޖެހޭ ބޮޑެތި ތައްޔާރީތައް މިހާރު ވެ ނިމިފައިވާ ކަމުގަ އެވެ.

އުތުރުކޮރެޔާގެ ސެންޓްރަލް ނޫސްއެޖެންސީންބުނީ ސެޓަލައިޓް ފޮނުވުމަށް ދުޝްމަނުން ގޮވާލާ ގޮވާލުންތަކަށް ކުޑަވެސް އިޖާބައެއް ނުދޭނެކަމަށާއި މިސެޓަލައިޓަށް އެއްވެސް ޤައުމަކުން ގޯނާކޮށްގެން ނުވާނެ ކަމުގަ އެވެ. ގޯނާކޮށްފިނަމަ ރަޙުމް ކުޑަގޮތަކަށް ރައްދު ދޭނެކަމުގެ އިންޒާރު އުތުރުކޮރެޔާވަނީ ދީފަ އެވެ.

ސެޓަލައިޓް ފޮނުވުމަށް އުތުރުކޮރެޔާ ބޭނުންކުރާ "ޔުންހާ 3" މަރުކާގެ ރޮކެޓަކީ ފަޒާގެ ދިރާސާތަކަށް އެޤައުމުން އުފައްދާފައިވާ ދުރުރާސްތާގެ ރޮކެޓެކެވެ. ފަޒާގެ އޯބިޓްތަކުގައި ސެޓަލައިޓް ބެހެއްޓުމުގެ ޤާބިލްކަން މިރޮކެޓަށް ލިބިގެންވާ ކަމަށް ތަޖްރިބާކާރުން ބުނެއެވެ. އެމެރިކާއާއި ޖަޕާނާއި ދެކުނު ކޮރެޔާއިންވަނީ މިސެޓަލައިޓް ޖައްވަށް ނުފޮނުވުމަށް އުތުރުކޮރެޔާއަށް އިންޒާރުކޮށްފަ އެވެ.

އުތުރު ކޮރެޔާ ބުނާގޮތުން މިއީ އެޤައުމުގެ ދަނޑުވެރިކަމާއި ޖަންގަލިތަކާބެހޭ ދިރާސާތައް ކުރުމުގެ އިތުރުން ބިމުގެ އަޑީގައިވާކަމަށް ބެލެވޭ ޤުދްރަތީ ރިސޯސްތަކާބެހޭ މަޢްލޫމާތު ހޯދުމަށް ފަރުމާކޮށްފައިވާ ސެޓަލައިޓެކެވެ. ބާރުގަދަ ކެމެރާތަކާއި ބިމުގެ އަޑީގެ މަޢްލޫމާތު ހޯދޭފަދަ ބާރުގަދަ އާލާތްތައް މިސެޓަލައިޓްގައި ހިމެނޭކަމަށް ޚަބަރު ލިބެ އެވެ. އަމިއްލަ ޓެކްނޮލޮޖީގައި ކުރިޔަށްދާ އުުތުރުކޮރެޔާވަނީ 1998 ގައި ވެސް ސެޓަލައިޓެއް ފޮނުވަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މިކަންވަނީ ނާކމާިޔާބުވެފަ އެވެ.

އެއަށްފަހު 2009 ގައި އުތުރުކޮރެޔާއިން ޖައްވަށްފޮނުވި ސެޓަލައިޓް އޭގެ އޯބިޓަށް ނުފޯރަނީސްވަނީ ވެއްޓިފަ އެވެ. ޖަޕާނާއި ދެކުނު ކޮރެޔާއިންވަނީ އުތުރުކޮރެޔާގެ ސެޓލައިޓް ވައްޓާލަންޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ނޫސްއެޖެންސީތައް)