އިދިކޮޅު ޕީޕީއެމުން ރޭ މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިދކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވ. އާރަށުގެ މައްސަލައިގައި 11 އަހަރަށް ޖަލަށް ލުމާއެކު އެ މަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ކޮންމެ ރެއަކުހެން ޕީޕީއެމް އޮފީސް ދޮރުމަތީގައާއި މާލޭގެ އެކި ސަރަހައްދުގައި އިހުތިޖާޖު ކުރަމުންނެވެ.

ރޭގެ އެއްވުމުގައި އަންހެން ބައިވެރިންތަކަކާ ދިމާއަށް ދެ ފުލުހަކު ދުވެ އެ ތަނުން އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި އަމަލުކުރި ގޮތް ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ވީޑިއޯއިން ފެންނަނީ އިހުތިޖާޖުކުރަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާ ދުވެފައި ދަނިކޮށް ދެ ފުލުހަކު އޭނާ ހިފަހައްޓައި، އަތުގައި އޮތް ދިދަ އަތުލާ މަންޒަރެވެ. އަދި އަތް ކުޑަ ހުޅާ ހަމައިން ލަންބުވާލުމަށްފަހު އޭނާ ގަދަކަމުން ގެންދާ ތަން ވެސް ފެނެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ޚިޔާލު ފާޅުކުރަމުން ދިޔަ އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރަންވީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ފުލުހުންގެ އަމަލުތައް ހުރި ގޮތުން ނުރުހުން ފާޅުކޮށްފައެެވެ.

"ބޮޑެތި ކުށްކުރާ މީހުންނާއި، ސީޕީ ގެންގުޅުއްވާ މީހުން މަރަން ފަސްނުޖެހޭ ލިސްޓު މީހުންނާމެދު ރިއެކްޓްކޮށް ނުލެވުނަސް، ޝުއޫރެއް ފާޅުކޮށްލާ މީހާއާ ޖެހުނީމާ ނިކަން ބާރަށް ރިއެކްޓުކުރެވޭ ދޯ؟ ލަދުވެތި،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާ ހޫނުފެނަށް ވެއްޓިފައިވަނިކޮށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަންހެން މީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކޮންމެ ރެއަކުވެސް މި އެއްވުންތަކުން ގިނަ ބަޔަކު ހައްޔަރުކުރެއެވެ. އެއްވުމުގެ ބައިވެރިން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރާ ގޮތާ ގުޅިގެން އިދިކޮޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕީޕީއެމްގެ ވަކީލުންވަނީ އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ހައްޔަރުކުރަނީ އެއްވެސް އުސޫލެއް ނެތި "މީހުންތައް ޖަހައިގަނެގެން" ދާ ފަދަ ގޮތަކަށްކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެފަދަ ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅާނެކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.