09 Jan 2023, 15:17
ގައުމީ ތިން މުބާރާތެއްގެ ނަތީޖާ ފާޅުކުރުން މި މަހު 20ވަނަ ދުވަހު ބާއްވާ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އިއުލާން ކުރަން ދިވެހި ބަހުގެ އެކަޑަމީން ނިންމައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ ޅެންވެރިންގެ ދުވަހަކީ މި މަހުގެ 15 ނަމަވެސް، އެދުވަހަކީ ސްކޫލް ކިޔަވާ ދުވަހަކަށް ވުމުން ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މާލެ އައުމަށް ދަތި ވާނެ ކަމަށެވެ. އެހެންވެ، ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ 20ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ދުވަހުގެ ރަސްމީ ޖަލްސާގައި ނަތީޖާ ފާޅުކުރަން ހަމަޖެހިފައިވަނީ މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނި ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތާއި، ހުތްއަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 25ވަނަ ޤައުމީ މުބާރާތުގެ ނަތީޖާއެވެ.
މި މުބާރާތްތަކަކީ ރާއްޖޭގެ 60އަށްވުރެ ގިނަ ސްކޫލުން ހާހަކަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މުބާރާތްތަކެކެވެ.
ބަހުގެ އެކަޑަމީން ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން
މި މުބާރާތްތަކުގެ ނަތީޖާ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އިއުލާން ކުރުމަށް ނިންމާފައިވާއިރު، ކޮންމެ އަހަރެއްގެ ވެސް ޅެންވެރިންގެ ދުވަސް ކޮންމެވެސް އެއް ބޭފުޅަކަށް ތަޙްސީސްކުރެވެއެވެ.
އެގޮތުން މި އަހަރުގެ ޅެންވެރިންގެ ދުވަސް ތަޙްސީސް ކުރަން އެކަޑަމީން ނިންމާފައިވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމް 2015ވަނަ އަހަރު، ޙާސިލް ކުރެއްވި ރަމްލާ ޢަބްދުލްޣަނީއަށެވެ.
ރަމްލާ އަކީ ޢުމުރުފުޅުން 17 އަހަރުގައި ޅެން ހައްދަވަން ފެށްޓެވި ބޭކަނބަލެކެވެ. ރަމްލާ މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 65 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރަމްލާ އަށް ސަރުކާރުން ޝަރަފުވެރިކަމުގެ އިނާމު އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް
އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހި ޅެންވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ވެސް 2000ވަނަ އަހަރު އެކަމަނާއަށް ވަނީ އަރުވާފައެވެ.
މި އަހަރުގެ ޅެންވެރިންގެ ދުވަސް ވެސް ކޮންމެ އަހަރެކޭ އެއްފަދައިން ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުންޏެވެ.
ނިމިދިޔަ އަހަރު ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ތިން ޅެން ފޮތް އެކަޑަމީން ވަނީ ނެރެފައެވެ.
މިގޮތުން ޖައުފަރު ކަމާލުއްދީންގެ ޅެންތައް އެކުލެވޭ ފޮތެއްގެ އިތުރުން ޚަޔާލާތެ ނަސީމުގެ ޅެންފޮތް އަދި ނިމިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކުރި އުތީމް އާދަމް އަބްދުއްރަހުމާން (އުތީމް އާދަމްބެ)ގެ ހާއްސަ ޅެން ފޮތެއް ވެސް ނިމިދިޔަ އަހަރު ވަނީ ނެރެފައެވެ.