މިއަދު އިރު އެރީ އަނެއްކާވެސް ބޮޑު އަލިފާނުގެ ހާދިސާއަކުންނެވެ. މިއީ ކައިރިކައިރީގައި ހިނގި މިފަަދަ ތިންވަނަ ހާދިސާއެވެ.

މާލޭގައި ހުންނަ ނީލަން ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިއަދު ފަތިހު 05:15ހާއިރެވެ. އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ.

އެކަމަކު، އެ ސަރަހައްދު ވަރަށް ބޮޑަށް އަނދާ، އެތަނުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމޮޑޭޝަން ބްލޮކްވެސް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް އަނދައިފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ވަގުތު އިމާދުއްދީން ސްކޫލްގެ ވަގުތީ ހިޔާގައި އެ ކައުންސިލްގެ 166 މުވައްޒަފުން އެބަތިބި ކަމަށެވެ. އަލިފާނުގެ ހާދިސާގައި އެ މުވައްޒަފުންގެ އެކޮމެޑޭޝަން ބްލޮކް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް އެކި ފަހަރުމަތިން ނީލަން ފިހާރައިގައި ރޯވިއެވެ. އެގޮތުން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް އެތަނުގައި އަލިފާން ރޯވިއެވެ. ދެ ފަހަރު ވެސް ތުހުމަތު ކުރެވިފައިވަނީ އެތަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށެވެ. ނަމަވެސް މިފަހަރު އެތަނުގައި އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް ތަހުގީގީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެތަނުގައި ވިޔަފާރިކުރުން މިފަހުން އަނެއްކާ ވެސް މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ އެތަން ބައްލަވައިލައްވައިފައެވެ.

އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިފަދަ ހާދިސާތައް މަދުކޮށް ހުއްޓުވުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މި ފަހުން ހިނގި އަލިފާނުގެ ބޮޑެތި ހާދިސާތަކުގެ ޚާއްސަ ތަހުގީގެއް ފަށަން ނިންމައިފައިވާކަން ހާމަކުރައްވައިފައެވެ.

ކޮމިޝަނަރު ވިދާޅުވީ މާލެއާއި އަތޮޅުތެރޭގެ ރަށްތަކުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށާއި، އެކަމަށް އަންމުންގެ އެހީތެރިކަމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ.

މިއަދު ނީލަން ފިހާރަައިގައި ރޯވިއިރު، އިއްޔެ ވަނީ ގދ. ފިޔޯރީ ސުކޫލުގައި ވެސް އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފައެވެ. އަދި، އޭގެ ކުރީ ދުވަހު ވަނީ ރ. އަލިފުށީ ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެގެން ވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.