09 Jan 2023, 14:54
މީގެ ހަތް އަހަރު ކުރިން ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ އޭނާގެ ވާރިސުންގެ ބަހެއް ހޯދުމަށް ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެއެވެ.
ޒިޔަދަމްގެ ފަލަމަސްގަނޑަށް, އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމަ އެ ރަށު ބީޗްވިލާ އަލީ ޝިފާމްގެ މައްޗަށެވެ.
ޝަނޫންގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ނިންމާފައެވެ. ނަމަވެސް ޝިފާމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޖިނާއީ އިޖުރާޢަތުގެ ގާނޫނުގެ 87ވަނަ މާއްދާ ބުނާ ގޮތުން އުފުލާފައިވާ ދައުވާ ސާބިތުނުވި ނަމަވެސް, އެހެން ކުށެއް ކުރި ވަރަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެ އެ ކުށުގެ ރުކުންތައް ސާބިތުވާ ނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވިދާނެއެވެ.
އެހެންވެ، ހެއްކަށް ބަލައި ޝިފާމްގެ މައްޗަށް ވަނީ ޒިޔަދަމް މަރާލުމުގައި އެހީތެރިވިކަން ސާބިތުވެފައެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމެއްގައި ވަނީ ޒިޔަދަމް ދަންނަ ދެ މީހަކު ހާޒިރުކޮށް އޭނާގެ ވާރިސުންނާ ގުޅޭ މައުލޫމާތު ނަގާފައެވެ.
އެގޮތުން ޒިޔަދަމްގެ މަރާލި ފަހުން އޭނާގެ މަންމަ މަރުވެފައިވީ ނަމަވެސް ޒިޔަދަމްގެ ބައްޕަ ދުނިޔޭގައި އެބަހުއްޓެވެ. އަދި ޒިޔަދަމްގެ އެއްބަނޑު އެއްބަފާ ހަ މީހުން ދުނިޔޭގައި ހުރިއިރު އެއްބަފާ ދެ މީހަކު ވެސް ހުރި ކަމަށް މިއަދު ހާޒިރުކުރި ދެ މީހުން ވަނީ ހެކިބަސް ދީފައެވެ.
ޒިޔަދަމްގެ ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ. އޭނާ މުރިވިއިރު ދަރިފުޅުގެ މަންމައާ ދެ މީހުން ތިބީ ވަރިވެފައިކަމަށް އެކަކު ބުނި ނަމަވެސް އަނެކަކަށް އެކަން ޔަގީން ކޮށެއް ނުދެވެއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ, ވާރިސުންނަކީ ކޮބައިކަން ޔަގީންކުރެވިފައިވީ ނަމަވެސް އިދާރީ ގޮތުން ބައެއް ކަންކަން އަދި ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
އެހެންވެ، އަންނަ ހަފުތާއަށް ވާރިސުންގެ ބަހެއް ހޯދުމަށް ބާއްވާ އަޑުއެހުންތައް ފަށާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ޒިޔަދަމްގެ މަރު:
ހެކިންގެ ހެކިބަހުން އެނގޭ ގޮތުގައި, ޒިޔަދަމް އާއި ޝަނޫން އަދި ސިފާމް އަކީ ތިން އެކުވެރިންނެވެ. އެ ހާދިސާ ހިނގާފައި ވަނީ މުންޑޫގައި، ތިން މީހުން އެކުގައި ބަނގުރާ ބޯން ތިއްބައެވެ.
އެގޮތުން ތިން މީހުންގެ ތެރޭގައި މައްސަލަ އުފެދުނީ ޝިފާމްގެ ކޮއްކޮއާ ގުޅޭ ގޮތުން ޒިޔަދަމް ދެއްކި ވާހަކައަކާ ގުޅިގެންނެވެ. ޒުވާބުކޮށް އެ ދެ މީހުން މާރާމާރީ ހިންގަން ފެށުމުން އެ ދެމެދަށް ޝަނޫނު ވަދެ ވަޅިއަކުން ޝިފާމްއަށް ހަމަލަ ދިން ކަމަށް ހެކިވެރިއަކު ވަނީ ބުނެފައެވެ.
ވަޅިން ހަމަލަ ދިނުމުން ޒިޔަދަމް ދުވެފައި ގޮސް ވަނީ އެރަށު ވަގުތީހިޔާގޭގެ ބަދިގެއަށެވެ. ނަމަވެސް އެތަނަށް ވެސް ޝަނޫނު ވަދެ ޝިފާމަށް ހަމަލަދިންއިރު އެކަމަށް އެހީތެރިވެ މަގުފަހިކޮށްދީފައިވަނީ ޝަނޫނު ކަމަށް ބައެއް ހެކިވެރިން ވަނީ ބުނެފައެވެ.