އަގުތައް ނުރައްޓެހި ކަމާއިހުރެ ކުރިން ވަދެއުޅުނުހެން ހޮޓާ ހޮޓަލަކަށް މިހާރަކު ނުވަދެވެއެވެ. އެކަމަކު އިހަކަށްދުވަހު ފަތިހު މަގުމަތިން ރައްޓެއްސަކާދިމާވެ އޭނާގެއެދުމުގެމަތިން ހޮޓަލަކަށް ވަނީމެވެ. ބައިހެޔޮ ކަމާއިއެކު ހިސާބަކަށް އަޑުތައްހުރީއުފުލިފައެވެ. ގިނައީ ހަރުއުމުރުގެ މީހުންނެވެ. މަދުންނަމަވެސް ނޫކަށިފުރައިގެ ޒުވާނުން ތިއްބެވެ. އަހަރެމެންނަށް އިށީނދެވުނީ ދިގުމޭޒެއްގެ އެއްކޮޅުގައެވެ. އަށެއްކަ މީހުންގެ އެމޭޒުގައި އޭރު ތިބީ އަހަރެމެނާއިއެކު ފަސް މީހުންނެވެ.

ދެތަށި ހިކިކިރު ގެނުވައިގެން ބިސްކޯދާއި ބިސްގަނޑަކާއެކު އަހަރެމެންތިބީ، ފުރަތަމަ އެމީހުނާއި ވަރަށް ވަކިން އެކަނިއެކަންޏެވެ. މިދުވަސްވަރުގެ އާއްމުއުސޫލުގެމަތީން އެމީހުންވެސް ދައްކަމުންދިޔައީ އެއްމެން ދައްކާ އާއްމުވާހަކަ އެވެ. ސިޔާސީ ވާހަކައެވެ. ވެރިކަމާއިބެހޭ ވާހަކައެވެ. ޖޯޝާއިފޯރީގައި އެކަކު ވަރަށް ބާރަށް އޭނާގެކޮޅު މޮޅުކުރުމުގައި އަޑުގަދަކުރިއިރު އަނެކަކު ބުނެލަނީ ދޭތެރެއަކުން ކުރުކުރު ޖުމުލަޖުމުލަ އެވެ. ކުރަސް ފިސާރި " ލާނެތް " މާނަލާފައެވެ. ތިންވަނަމީހާ އަކީ އާނ ހޫނ ކިޔަމުން ތަށިތަކުގައިހުރި ހެދިކާތަކާއި އެކު ބައިވެރިވެގެން އިންމީހެކޭ ބުނެވޭވަރުވެއެވެ. އެހާވެސް އޭނާގެ ވާހަކަ މަދެވެ. އަމަލުގިނައެވެ. ދެކެވެމުން އޭރު ދިޔައީ މުޒާހިރާތަކުގެ ވާހަކައެވެ. އެކަކު އެކަމަށް ތާއީދުކުރާކުރުމަށް އަނެކަކު އިދިކޮޅުހަދަމުން އެކަން ގޯސްކަން ސާބިތުކޮށްދެމުން ހެކިތައް ދައްކަމުން ދިއައެވެ.

ވަކިހިސާބަކުން ހަމަކުއްލިއަކަށް އެއްކަލަ އަނގައިން ނުބުނެއިންމީހާ އަހަންނަށް ސުވާލެއް ހުށަހެޅީ އެވެ. އަޅެ ދެން މިކަން ހަމަޖެހުމަކަށް އަންނާނީ ކޮންއިރަކުން ކިހިނެއްތޯ އެހީއެވެ. ތައްޔާރުނުވެ އިންދާ ކޮށްލި އެސުވާލަށް ވިސްނާލެވުނުތަނާ އެމީހުންގެ ތެރޭގައި އިން އަޑުގަދަކުރާ އެއަށް ޖަވާބުދީފިއެވެ. އެއާއިއެކު މިނޫން ގޮތެއް އެބައޮތްތޯ އަހަރެންކުރެން އެއްސެވެ. އަހަންނަށް ޖެހުނީ ނުވަތަ ފެނުނީ އެއީ ރަނގަޅު މޮޅުގޮތެކޭ ބުނެ އޭނާއާއި އެއްބަސްވާށެވެ. އޭރު އެއްބަސްވެވުނީ މަޖަލަކަށާއި ބޮލުންނައްޓާލުމަކަށެވެ. އެކަމަކު ފަހުން ގެއަށްގޮސް އަހަރެމެން ދެމީހުން ދުފަންތިބެގެން އެވާހަކަ ދައްކާލެވުނުއިރު އެޖަވާބު އަހަންނަށް ހަމަ ރަނގަޅުވެސްވީއެވެ. އެ ނަމާއި އެޚިޔާލު ކަމުވެސް ދިޔައީއެވެ. ހިތަށްއެރިއެވެ. ޖެއްސުމަށް ނުވަތަ ފޯރިގަދަކޮށްލަން ވެގެން އޭނާއެގޮތަށް ޖަވާބުދިން ކަމުގައި ވިޔަސް އެއީހަމަ ރަނގަޅުވާހަކައެކެވެ. ކޮންވާހަކައެއް ކަމަށް ހެއްޔެވެ.

އޭނާބުނީ " މިހާރު މިހިސާބުގައި ދެން ހަދަންވީގޮތަކީ އައްޑޫސިޓީގައި ހެން މާލޭސިޓީގައިވެސް އެ ސަރަހައްދު ފަޅުރަށެއްކަމުގައި ހަމަޖައްސައި ކުއްޔަށް ދޫކުރަންވީ. އެރަށުގެ ނަމަކަށް ހިނދުކޮޅުފުށި ކިއައި ނިންމަންވީ " ކަމުގައެވެ. ވިސްނާލިއިރު އެގޮތަށް އެހިސާބު ވަކިކޮށް ފަޅުރަށަކަށް ހެދުމުގައި ގެއްލުމެއް ނެތެވެ. ތަފުސީލަކަށް ނުދިޔަސް އެގޮތުގައި އޮތީ ސަރުކާރަށާއި އާއްމު ފަރާތްތަކަށްވެސް ގެއްލުންކަން ސާބިތުކޮށެއް ހަމަ ނުދެވޭނެއޭ ބުނެލާނަމެވެ. ބަހުސްކުރާގޮތަށް ވާހަކަ ދައްކާނަމަ ދެކޮޅަށްވެސް ދައްކާނެ ވާހަކަތައް ހުންނާނެއެވެ. އެކަމަކު ލިޔަމުން އަޅާކަނޑަމުން މާކުސްދީފިނަމަ ގިނަވާނީ އޭނާގެ އެވާހަކަ ރަނގަޅުކަމަށް ލިބޭނެ އަދަދުކަން ހަމަޔަގީނެވެ. ދެން އޮތީ އެނަމުގެވާހަކަ އެވެ. އެއީވެސް ހަމަ ވަރަށް ގުޅޭ އެކަށީގެންވާ ރީތީނަމެކެވެ. މިއީ ފަހަރެއްގައިވެސް މަލާމާތަކަށް ނޫނެވެ. ބަޔަކު ނުރުހިތިބެ ގަބޫލުނުކުރިޔަސް އެވާހަކަ، ނުވަތަ ހިނދުކޮޅުއައުން އެއީ ހަމަ ހަގީގަތެކެވެ. މަށާއި ކަލެއާއި މީނަ އޭނަ އަދި ހަމަ އެއްމެންނަށްވެސް އެހެންވާނެއެވެ. ހިނދުކޮޅު ހަމަ އަންނާނެ އެވެ. ތަފާތުވާނީ އަންނަގޮތެވެ. މެދުވެރިވާ ސަބަބެވެ. ކޮންމެމީހަކަށްވެސް ހިނދުކޮޅު އައުމަކީ ދެބަސްވެވެންނެތް ހަގީގަތެކެވެ.

ހިނދުކޮޅު އައުމުގައި ތަފާތުކަންކަމާއި ސަބަބުތައް ދިމާވާކަން ކޮންމެމީހަކަށްވެސް ( ރުޅިއާއި ފޫއްސާއި ނުރުހުން ދުރަށްޖައްސާލުމަށްފަހު ) ވިސްނާލައިފިނަމަ އެނގި ފެންނަން އޮންނާނެކަންކަށަވަރެވެ. އެއްބަޔަކު އަންނަގަދަރުޅީގައެވެ. އަތްފައިން ގޯސްހަދައި އަމިއްލަހަށިގަނޑަށް ނުވަތަ އަނެކުންނަށް އެތަކެއް ބޮޑެތި އަނިޔާދީ ގެއްލުންތައް ލިބިގަންނަނީއެވެ. ދަރިފުޅު ގެއިންނެރެލައި އަނބިމީހާ ވަރިކޮށްލަނީއެވެ. އެއީވެސް ހަމަ ހިނދުކޮޅު އައުމެކެވެ. އަނެއްބަޔަކަށް ތަނަވަސްކަން އިތުރުވެގެން ގޮސްގެން ވެސް މިކަން ދިމާވެއެވެ. ބަލައިލުމެއް ވިސްނާލުމެއްނެތި ކައިވެންޏެއްގެ ރަނަށް މިލިއަންޑޮލަރުވެސް އެއްލާލާފައި ހުންނާނީ ހެވިފައެވެ. ވެރިކަން ލިބިދާނެކަމުގެކުލައެއް ދައްކާލިޔަސް ހުސްގަޔާ މަގުމައްޗަށް ނިކުމެވޭވަރު ވެފައި އެބަހުއްޓެވެ. ބައްޕަ އެތައްދުވަހަކު ނުފެނިހުރެފައި އައިސް ދެކިލަން ގެއަށްވަނީމާ އެބައްޕަ ގާތު ތިޔަހެން މިގެޔަށް ދެންނާންނާށޭ އަހަރެން ލަދުގަނެޔޭ އެބަ ބުނެލައެވެ. އެއީވެސް ހަމަ އެބުނާ ހިނދުކޮޅު އަންނައައުން ނޫންކަމަކަށް ނުވާނެއެވެ. ނުހެދޭނެއެވެ. އެކަކު އަނެކަކުގާތު ވެޔޭ، ވަމޭ،ހުއްޓާނުލައި ކިޔަމުން ރޮއެހޭރެމުން ފަހަތުން ދުވެހަދާ، މިކިޔާ ލޯބީގައިވެސް އެކަހަލަ ވަގުތުތައް ފެނިފައިވެއެވެ. އަމިއްލަ އަށް މަރުވާންއުޅުމާއި މަރުވުމާއި މޮޔަވުމާއި މޮޔައަކަށް ހެދިގެން އުޅުމަކީ ފާހަގަކޮށްލަންޖެހޭ ކަން ކަމެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ހިނދުކޮޅުއައުމަކީ ކޮންމެހެން ވަކިގޮތަކަށް ނިޔާކަނޑައަޅައިގެން މިވެނިގޮތެއްވެގެން ވާކަމެކޭ ބުނެވޭނެތަނެއް ނޯންނަކަމެވެ. އެއްބަސްވެވެނީ މަސްތުވެގެން ވާ ގޮތެއްކަމުގައެވެ. އެކަމަކު އެމަސްތުވުމަކީ ކޮންމެހެން ( ބަޔަކު ސާބިތުކުރެވޭތޯ ) މިކިޔާ ދިޔާތަކެއްޗާއި ހިކިއެއްޗެތި ބޭނުން ކޮށްގެން ކުރިމަތިވާ ކަމެއްނޫނެވެ. ކުރިންދެވުނު ބައެއްމިސާލުތަކާއި އަދި ވެރިކަމާއި އެފަދަ އެތަކެއް ބައިވަރު ސަބަބުތައްވެސް އެކުރުވަނީ ހަމަ މަސްތެކެވެ. އެވަނީ ހަމަ އެއްގޮތެކެވެ. އަންނަނީ ނުވަތަ ގެނެވެނީ އެބުނާ މަޝްހޫރު ހިނދުކޮޅު ތަކެވެ.

މިހަގީގަތްތަކަށް ވިސްނާލެވުމުން އަހަންނަށް އެހޮޓަލުން އެއިވުނު ނަމާއި ޚިޔާލު މާބޮޑަށްވެސް ރީތިވެ ކަމުދިޔައީއެވެ. އިދިކޮޅަށް އެތަކެއް ތަފާތު ވާހަކަތަކާއި ފާޑުކިއުންތައް ހުންނާނެކަން ޔަގީނެވެ. ދެން ވެސް ވަކިފަރާތަކަށް ނުޖެހި ހަމަޖެހިގެން ފޯރައިގެން ހިނދުކޮޅުން ބޭރުގައި ރަނގަޅަށް ވިސްނާލައިފިނަމަ މިލިއުމަކަށް އެހާ އިދިކީލި، ހަމަލާތަކެއް ނާންނާނެކަން ޔަގީން ކުރެވެ އެވެ. ބަޔަކު، ނުވަތަ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ހަގީގަތްވާނީ އަދި އޮންނާނީވެސް ހަގީގަތުގެ ގޮތުގައި ހަމަ އެހެންނެވެ.