Last Updated: 3 year 11 month ago

މާލޭގެ ނީލަންފިހާރައިގައި ރޯވެ އަނދަމުން އެބަދެއެވެ.
އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދިވެސް އަލިފާން ކޮންޓްރޯލް ކުރެވޭގޮތެއް ނުވެއެވެ.
އަލިފާންގަނޑުގެ ތެރެއިން ވަނީ ބޮޑެތި ގޮވުންތަކެއް ގޮވައިފައެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނީލަން ފިހާރައިގައި ރޯވި އަލިފާން ގަނޑު އެ ކައުންސިލްގެ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމޮޑޭޝަން ބްލޮކާ ހަމައަށް ފޯރާފައިވާ ކަމަށެވެ.
އެ ހާދިސާގައި އެކަމޮޑޭޝަން ބްލޮކްގައި ނޫޅެވޭ ވަރަށް ވަނީ އަނދައިފައެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.
އެތަނުގައި އުޅުނު ހުރިހާ މުވައްޒަފުން މިހާރު ވަނީ ރައްކާތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަމެއްގެ ގޮތުގައި އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައެވެ.
ބޮޑު އަލިފާން ގަނޑުގެ ސަބަބުން ބޯ ދުން އަރާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި އުޅޭ އެންމެން މާސްކް އެޅުމަށް ސިފައިން އިލްތިމާސްކުރެއެވެ.
އެނގިފައިވާގޮތުގައި މާލޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަލިފާން ކޮންޓްރޯލް ނުވުމުން އެއާޕޯޓްގައި ހުރި އަލިފާން ނިއްވާ ވެހިކަލް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ މެއިންޓަނަންސް ގަރާޖުގައި ހުރި ހުރިހާ ވެހިކަލެއް ވެސް ވަނީ ބޭރުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައެވެ.
މީގެކުރިން 2015 ވަނަ އަހަރާއި 2017 ވަނަ އަހަރުވެސް ވަނީ އެތަނުގައި އަލިފާން ރޯވެފައެވެ. އެ ދެ ފަހަރު ވެސް އެތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވުނެވެ.
ޒަމާނުއްސުރެ ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް ހިންގަމުން އައި ނީލަން ފިހާރަ މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ނިންމިކަން 2021 ވަނަ އަހަރު މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވިއެވެ. ނަމަވެސް އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫނެވެ.
ސަރުކާރުން ނިންމާފައި ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ނިމުމުން ސިނާއީ ހުރިހާ މަސައްކަތެއް ގުޅިފަޅަށް ބަދަލުކުރުމެވެ.
އެތަނުގައި ވިޔަފާރިކުރުން މަނާކޮށް އެކަން ހުއްޓުވިފަހުން އަލުން އެތަނުގައި ވިޔަފާރިކުރަން ފެށީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް ވިދާޅުވީ އެ މީހުން އެތަނުގައި ވިއްކަމުންދަނީ އެކިތަންތަނުން ވަގަށް ނަގާ ތަކެތި ކަމަށެވެ.
"މި މަކަން ހުއްޓުވުމަށް ފުލުހުންނަށް އަޅުގަނޑުމެންވާނީ ހުށަހަޅާފައި. އެހެންނަމަވެސް މިކަން ހުއްޓުވާފައެއް ނުވޭ،" ރަމީޒް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ.....
އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ގިނަ ބިދޭސީން ތަކެއް މި ވަގުތު ތިބީ އިމާދުއްދީން ސްކޫލްގައި. ސިޓީ ކައުންސިލްގެ އެ މުވައްޒަފުންނަށް އެހީތެރިވުމުގެ މަސައްކަތް އެ ކައުންސިލުން އަންނަނީ ކުރަމުން.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި އެނގިފައެއް ނުވޭ.
އަދިވެސް ބޯކޮށް ދަނީ ދުންއަރަމުން، އަދިވެސް އަލިފާންގަނޑު ކޮންޓްރޯލްވި ކަމަކަށް ނުބެލެވޭ













