އެކްޓަރު އަޖޭ ދޭވްގަންވެސް މުހިއްމު ރޯލްއިން ފެންނަ ވަރުގަދަ އެކްޝަން އެޑްވެންޗާ ފިލްމަކުން އަޖޭއަށް ބޮޑު ބޭބެ ކިޔާ ކުއްޖަކު ބޮލީވުޑަށް ނެރެން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އަޖޭއާއެކު މިފިލްމުން ލޯންޗުކުރާނީ ކޮއްކޮ ނީލަމް ދޭވްގަންގެ ފިރިހެން ދަރިފުޅު އަމަން ގާންދީ ދޭވްގަންއެވެ. މިފިލްމު އުފެއްދުމުގެ ޒިންމާ ޙަވާލުކުރެވިފައިވަނީ ގިނަ ފިލްމީ ތަރިން ލޯންޗުކޮށްފައިވާ ފިލްމީ ޕްރޮޑިއުސަރު އަބީޝެކް ކަޕޫރާއެވެ. އަބީޝެކް ކަޕޫރު މިހާތަނަށް ލޯންޗުކޮށްފައިވާ ތަރިންގެތެރޭގައި، ކުރީގެ އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް، އަމިތް ސާދް، ފަރްހާން އަޚްތަރު އަދި ބަތަލާ ސާރާ ޢަލީ ޚާން ހިމެނެއެވެ. އަބީޝެކް ޑައިރެކްޓްކުރާ މިފިލްމު ފެށުމުގެ ތައްޔާރީތައް ވަމުން އަންނައިރު ފިލްމުގައި ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާނީ ރޮނީ ސްކްރޫވާލާއެވެ.

މިފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ހަމަޖެހިފައިނުވާއިރު ފިލްމުގެ ކެރެކްޓާތައް އެކުލަވާލަން ރާވާފައިވަނީވެސް ވަރަށް ޔުނީކް ތަފާތުގޮތަކަށްކަމަށް ރިޕޯޓުތައް ބުނެއެވެ. ދުވަސްވީ ސީނިއާ އެކްޓަރަކާއި ޒުވާން ފަހުގެ ޖީލުގެ އެކްޓަރެއްގެ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅަށް ފިލްމުން ދައްކުވައިދޭނެކަމަށް ބޮލީވުޑް ހަންގާމާއިންވަނީ ބުނެފައެވެ. މިފިލްމުގެ މަސައްކަތް ކުރިޔަށްއޮތް ދެތިން މަހުތެރޭ ފެށޭނެކަމަށް މަޢުލޫމާތުލިބެއެވެ.

އަޖޭ ދޭވްގަންގެ ޝެޑިއުލް މިވަގުތުހުރިގޮތުން ކުރިއަށް އޮތް ދުވަސްތަކަކީ ފިލްމީ ޕްރޮމޯޝަން މަސައްކަތްތަކުގައި އެކްޓަރު އަވަދިނެތި އުޅޭނެ ދުވަސްތަކެކެވެ. އެގޮތުން ފިލްމު "ބޯލާ" މިއަހަރުގެ މާޗް މަހު ރިލީޒްކުރުމަށް ރާވާފައިވާއިރު މެއި މަހު އަޖޭގެ ފިލްމު "މައިދާން"ވެސް ރިލިޒްކުރުމަށްވަނީ ރޭވިފައެވެ. މި ދެ ފިލްމު ރިލީޒްކުރުމާއެކު އަޖޭގެ ސިގްނޭޗަ ފިލްމު "ސިންގްހަމް"ގެ އާބައި: ސިންގްހަމް އެގެއިން"ގެ މަސައްކަތް ފެށުމަށްވެސްވަނީ ނިންމާފައެވެ.