މިދިޔަ އަހަރުގެ އޭޕްރީލް މަހު ކައިވެނިކޮށް މައިންބަފައިންނަށްވި ތަރިންކަމަށްވާ އާލިއާ ބަޓްއާއި ރަންބީރް ކަޕޫރު އިންޑިއާގެ ޕަޕަރާޒީންނާއެކު ވަރަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި އެކްޓަރު ރަންބީރު ކަޕޫރުވަނީ ދަރިފުޅު ރަހާގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް މީޑިއާ ރިޕޯޓަރުންނަށް ދައްކާލާފައެވެ. އެހެންނަމަވެސް އެފޮޓޯ އެއްވެސްގޮތަކަށް އާއްމުކުރުމުގެ ހުއްދަ ޢާއިލާއިން ނުދެއެވެ. އާލިއާއާއި ރަންބީރު މީޑިއާ ރިޕޯޓަރުންނާއެކު ބޭއްވި މިޚާއްޞަ ބައްދަލުވުމުގައި ރިޕޯޓަރުންގެ ފަރާތުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ދަރިފުޅު ރަހާގެ އުމުރުން ދެ އަހަރު ފުރެންދެން އެއްވެސް ގޮތަކަށް ދަރިފުޅުގެ ފޮޓޯ ނުނެގުމަށާއި ދަރިފުޅުގެ ފޮޓޯ އާއްމުނުކުރުމަށެވެ.

މަންމައަކަށްވުމަށްފަހު ބަތަލާ އާލިއާގެ ގިނަ ވަގުތު ދަރިފުޅަށް ހުސްކޮށްފައިވާއިރު، ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށްވެސް އާލިއާ އަންނަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ނޫސްވެރިންނަށް ދައުވަތު ދެވުނު މިބައްދަލުވުމުގައި އާލިއާގެ އިތުރުން ރަންބީރުގެ މަންމަ ނީތޫ ކަޕޫރުވެސް ބައިވެރިވިއެވެ. ރަންބީރު ކަޕޫރު މިބައްދަލުވުމުގައި ފެނުނީ އެކްޓަރުގެ ކުރިއަށްއޮތް ފިލްމު "އެނިމަލް"ގައި ފެންނަ ލުކްގައެވެ.

ފިލްމު "އެނިމަލް" ރިލީޒްކުރުމާއެކު ރަންބީރު ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަށް ދުރަށްޖެހި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްވަނީ ނިންމާފައެވެ. ކައިވެންޏަށްފަހުވެސް އާލިއާގެ ފިލްމީ ކެރިއަރު ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ރަންބީރުވަނީ މީގެކުރިންވެސް ބުނެފައެވެ.

އާލިއާގެ ދެމަފިރިންގެ އިތުރުންވެސް މީގެކުރިންވެސް ބޮލީވުޑްގެ ފަންނާނުންވަނީ އެމީހުންގެ ދަރިންގެ ފޮޓޯތައް ނުނެގުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފައެވެ. އޭގެތެރޭގައި ބަތަލާ އަނުޝްކާ ޝަރްމާ، އައިޝްވާރްޔާ ރާއީ، ކަރީނާ ކަޕޫރު ޚާން އަދި ދާދިފަހުން މަންމައަކަށްވި ބަތަލާ ސޯނަމް ކަޕޫރު ހިމެނެއެވެ.

ބަތަލާ ސޯނަމް ކަޕޫރުވެސް ދާދިފަހުން ނޫސްވެރިންގެ ފަރާތުން އެދިފައިވަނީ ދަރިފުޅުގެ ފޮޓޯ ނުނެގުމަށެވެ. ސްޓާ ކިޑްސްގެ ފޮޓޯތައް ނެގުމަށްފަހު އާއްމުކޮށް އާއްމުންގެ ފަރާތުން އެކިކަހަލަ ފާޑުކިޔުންތައް އައުން އިންޑިއާގައިވަނީ ފަހަކަށްއައިސް އާއްމުވެފައެވެ. ޚާއްޞަ ކޮށް ފިލްމީ ތަރިންގެ އާއިލާއަށް ނިސްބަތްވާ ކުދިންތައް ފިލްމީ ދާއިރާއަށް ތައާރަފްކުރުމާ ގުޅޭގޮތުން މިހާރުވެސް ހޫނު ބަހުސްތަކެއް އާއްމުންގެތެރޭ ކުރެއެވެ.