09 Jan 2023, 11:43
ޑިޒްނީ މާވެލްގެ ކެރެކްޓަރެއް ކަމަށްވާ ހޯކް އައިގެ ރޯލުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ޖެރެމީ ރެނާއަށް ލިބުނު އަނިޔާގައި ހޮސްޕިޓަލުން ފަރުވާ ދެމުން އޭނާގެ 52ވަނަ އުފަން ދުވަސް ފާހަގަކޮށްފިއެވެ.
މިދިޔަ ހަފުތާ ހޯމަ ދުވަހުގައި ރެނާ ވަނީ އޭނާގެ ގޭ ދޮށުން ސްނޯ ސާފު ކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި އަނިޔާތަކެއް ލިބި ހޮސްޕިޓަލަށް ލާފައެވެ. އޭނާގެ ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެތައް ބަޔަކަށް އޭނާގެ ހާލު ވީ ނުވީއެއް ނޭނގި ތިއްބައި އެންމެ ފަހުން ރެނާ އާންމުކޮށްފައިވަނީ ސެލްފީއެކެވެ.
އޭނާ ބުނެފައިވަނީ އޭނާ އަދި އެންމެ ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް ފޭނުންގެ ލޯތްބަށް އޭނާ ޝުކުރު އަދާކުރިއެވެ. މިދިޔަ ހޮނިހިރު ދުވަހު ރެނާ އަށް ވަނީ 52 އަހަރު ފުރިފައެވެ. ނަމަވެސް އޭނާގެ ހާލަތު ހުރިގޮތުން އޭނާ އޮތީ ހޮސްޕިޓަލުގެ އެނދުން ތެދުވެވޭ ކަހަލަ ގޮތަކަށް ނޫނެވެ.
އޭނާ އުފަންދުވަހާ ގުޅިގެން ވަނީ ސޯޝަލް މީޑިއާ އަށް ޚާއްސަ ފޮޓޯއެއް ޕޯސްޓުކޮށްފައެވެ. ސްޓޯރީއަށް ލާފައިވާ އެ ޕޯސްޓުގައި ރެނާ ވަނީ އޭނާގެ އުފަންދުވަސް ހޮސްޕިޓަލުގައި ފާހަގަކުރި ކަމަށް ބުނެފައެވެ. އަދި ހޮސްޕިޓަލުގައި އުފަން ދުވަސް ފާހަގަކުރީ އެތަނުގެ މުވައްޒަފުންނާއެކުގައެވެ.
ރެނާގެ ހާލަތު އަންނަނީ ރަނގަޅުވަމުން ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް އޭނާ ދޫކޮށްލެވޭނެ ދުވަހެއް އަދި ހާމަވެފައެއް ނުވެއެވެ.
ރެނާ އެންމެ ފަހުން ހޯކް އައިގެ ރޯލުން ފެނުނީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް އިން ނެރުނު ލިމިޓެޑް ސީރީޒް އިންނެވެ. ހޯކް އައިގެ ވާހަކަ ދައްކުވައިދޭ މި ޝޯގައި ހެއިލީ ސްޓައިންފީލްޑް އާއި ފްލޯރެންސް ޕިޔޫ ފެނުނެވެ.