ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ އާ ޝޯ، ވެނިސްޑޭގެ ދެވަނަ ސީޒަނެއް ނެރުމަށް ރިނިއުކޮށްފިއެވެ.

މަޝްހޫރު ފެންޓެސީ ޑްރާމާ ކެރެކްޓާސް ކަމަށްވާ "އެޑަމްސް ފެމިލީ"ގެ ކެރެކްޓަރަކަށް ބިނާކޮށް ތައްޔާރުކުރި އާ ޝޯ ވެނިސްޑޭގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެއާއެކީ އެތައް ބަޔަކު އެޝޯތައް ބަލަން ފަށައި ނެޓްފްލިކްގެ އެތައް ރެކޯޑުތަކެއް މުގުރަން ފެށިއެވެ.

ނެޓްފްލިކްސް އިން ތަފާތު އެކި މާކެޓިން ބޭނުންކޮށްގެން މި ޝޯ ޕްރޮމޯޓުކޮށްފައިވާއިރު މި ޝޯ ވެފައިވަނީ އެ ސްޓްރީމިން ސާވިސްއަށް ކާމިޔާބު ޝޯއަކަށެވެ.

ނަމަވެސް ނެޓްފްލިކްސް އަތުން ޝޯ ގެއްލިދާނެ ކަމުގެ ބިރު އުފެދި އެ ވާހަކަތައް ދެކެވެނިކޮށް ނެޓްފްލިކްސް އިން ޝޯގެ ދެވަނަ ސީޒަން ވަނީ އިއުލާނުކޮށްފައެވެ.

ނެޓްފްލިކްސްގެ ސޯޝަލް މީޑިއާއިން ވަނީ ޝޯގެ ދެވަނަ ސީޒަނެއް އަންނާނެ ކަމަށް ބުނެ ވީޑިއޯ ކޮމްޕިލޭޝަނަކާއެކު ޚަބަރު އާންމުކޮށްފައެވެ. އެ ވީޑިއޯގައި ފުރަތަމަ ސީޒަންގެ އުސް އަލިތައް ދައްކާލާފައިވެއެވެ. ނަމަވެސް ޝޯގެ ދެވަނަ ސީޒަން ނެރޭނެ ދުވަހެއް އާންމުކޮށްފައެއް ނުވެއެވެ.

ޝޯގެ އޮރިޖިނަލް ކާސްޓުގެ ގޮތުގައި ހިމެނޭ ޖެނާ އޯޓޭގާ ޝޯގެ ލީޑުން ފެންނާނެއެވެ. ނަމަވެސް އާ ސީޒަނާއެކު ޝޯއަށް އަންނާނެ ބަދަލުތަކެއް ހާމަކޮށްފައިނުވާތީ އިތުރު ކާސްޓުންގެ ގޮތުގައި ހިމެނޭ އެކްޓަރުން އަދި ކަށަވަރު ވެފައެއް ނުވެއެވެ.