ގދ. ފިޔޯރީ ސްކޫލުގެ ބާ އިމާރާތް އަނދާ ހުލިވެއްޖެއެވެ.

އެ ސްކޫލު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި މުޙައްމަދު އިގްބާލު މިރޭ 'ސަން'އަށް ވިދާޅުވީ, ފިޔޯރީ ސްކޫލުގެ ބާ އިމާރާތުގައި ހިފި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، އަލިފާންގަނޑު މުޅި އިމާރާތަށް ފެތުރި އިމާރާތް އެއްކޮށް އަނދާހުލި ވެފައިވާ ކަމަށެވެ. ނަަމަވެސް އާ އިމާރާތަށް އަލިފާނުގެ އަސަރު ކޮށްފައިނުވާކަމަށް އިގްބާލް ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން އެރަށު ފެނަކަ ސްޓޭޝަން މެނޭޖަރު ހަމްދޫން އަބްދުﷲ 'ސަން' އަށް ވިދާޅުވީ، އެ އިމާރާތުގެ ފުރާޅުވެސް ވެއްޓި، ފާރުތައް ވެސް ބިމާ ހަމަވެފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް އެތަނުން ދުން އަރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިޔޯރީ ސްކޫލުގެ ބާ އިމާރާތް އަނދާހުލިވެފައި--- ފޮޓޯ/ ފިޔޯރީ ފެނަކަ ސްޓޭޝަން މެނޭޖަރު

ހަމްދޫން ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ބޯޑެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި މިހާރު ތިނަދޫ ފަޔާ ސްޓޭޝަނުން ސިފައިން އައިސްފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު ހަވީރު 05:00 ޖަހާ ކަންހާއިރު ފިޔޯރީ ސްކޫލުގެ ބާ ހޯލް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގީ ސްކޫލު ބަންދު ވަގުތެއްގައިކަމުން، އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން އެޑިއުކޭޝަނުން ބުނީ، އަލިފާން ރޯވި އިމާރާތުގައި ފަސް ކްލާސްރޫމް ހުންނަ ކަމަށެވެ. އަދި އެތަނުން ތިން ކްލާސްރޫމްގައި ދަރިވަރުން ކިޔަވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ކިޔެވުން ހުއްޓާނުލައި ކުރިޔަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީއާއި އެ ސްކޫލު ގުޅިގެން ހަމަޖައްސަމުންދާ ކަމަށެވެ. އަދި އެމްއެންޑީއެފްއާއި ފުލުހުންގެ އެހީތެރި ކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ 18:54 ގައި ގދ.ފިޔޯރީއަށް ގޮސްފައި ކަމަށާއި، އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލުގައި ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތެއްގައި ކަމަށެވެ. އެ ހޯލުގައި ޕާޓިޝަން ޖަހައިގެން، ކިޔަވައިދިނުމަށް 5 ވަރަކަށް ކުލާސް ހަދާފައިވާ ކަމަށާއި، މި ކުލާސްރޫމުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ

މީގެއިތުރުން އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި ކަމަށާއި ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔާމަނުން ގދ.ފިޔޯރީއަށް ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކުރެވިފައި ކަމަށް އޮފިޝަލް ވިދާޅުވިއެެވެ.

އެހެންނަމަވެސް އަނގުރު އަލިފާނުގެ އަސަރު ހުރުމާއެކު ކޮންމެވެސް ވަރަކަށް އަދިވެސް ދުން އަރަމުންދާކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވާ ކަމަށާއި، އެ ސްކޫލުން އެމްއެންޑީއެފްއަށް މައުލޫމާތުދިން ގޮތުގައި އަލިފާން ރޯވެފައިވަނީ އެތަނުގައި ހުރި ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.