12 Apr 2012, 10:07
ދާދިފަހުގެ ދުވަހެކެވެ. ހަވީރުގެ ވަގުތެވެ. މަގުމަތީގައި މީހުން މަދެއް ނޫނެވެ. އަހަރެންގެ ކުރިން ޓެކްސީއެއް ދުއްވާފައި ދެއެވެ. މާ ހަރު ދުވެއްޔެއްގައެއް ނޫނެވެ. އަހަރެންވެސް ދުއްވަމުން ދިޔައީ ހަމަ އެފަދަ ދުވެއްޔެއްގަ އެވެ. މަގުގެ ދެފަރާތުން ހިނގާ މީހުން ވެސް ކޮޅުކޮޅަށް ދަތުރުކުރެ އެވެ. މަގު އޮތީ އާދައިގެ ހާލަތެއްގަ އެވެ.
އިރުކޮޅަކުން ފަހަތުން ގަދަފަދަ އަޑުފަށް ގަނޑަކާއެކު، ވައިރޯޅިއާ ވާދަކުރާފަދަ ދުވެއްޔެއްގައި ދުއްވާފައި އަންނަ ސައިކަލެއްގެ އަޑު އިވިއްޖެ އެވެ. އަރާ ހަމަކޮށް ފަސްދީފި އެވެ. ކަންފަތް ބަށްކޮށްލާފަ އެވެ. އޭގައި ތިބީ ޒުވާން ފުރައިގެ ދެ ސޮރެވެ. މަގަކީ ހަނި މަގެކެވެ. އެހެންނަމަވެސް ފަރިތަކަމާއެކު ނަންނުގަތީގެ ދުވެއްޔަށް ދުއްވާފައި ގޮސް، ކުރީގައި އޮތް ޓެކްސީން ނައްޓައި، ކުރިއަށް އަރަން އުޅުމުގެ ތެރޭގައި، ޓެކްސީގެ އެއްފަރާތުގައި ސައިލްގެ ހުންގާނުގެ ކޮޅު ޖެހި ގޭނިއްޖެ އެވެ.
ޓެކްސީ މަޑުކޮށްފި އެވެ. ސައިކަލްވެސް މަޑުކޮށްފި އެވެ. ޓެކްސީން ފޭބީ އުމުރުން ދުވަސްވެލާފައި ހުރި މީހެކެވެ. ފޭބިއިރުވެސް އޭނާ ހުރީ ވާނެ ހަތަރެއްޗެއްވެ ނިމިފަ އެވެ. އޭނާ ކާރަށް ބަލައިލި އެވެ. ހެޔޮވަރުގެ ކޫރެއް އެޅިފައި ހުއްޓެވެ. މިތަން ފެނިފައި އޭނާގެ ރުޅި ހައްދުން ނައްޓައިފި އެވެ. ފުރަތަމަވެސް އެ ދެސޮރާ ދިމާއަށް، ހެއްދެވި ނެހެއްދެވިއަށް ގޮވައިގަތީ އެވެ. އެވެރިންވެސް ދުލެއް ނުކުރި އެވެ. އޭނާއަށް ވުރެ ބާރަށް، އަމުދުން ހުތުރުކޮށް ހަޅޭއްފަޅޭއް ޖަހައިގެންފި އެވެ. ޑްރައިވަރު އެއްޗެހި ކިޔަމުން ގޮސް ކާރަށް އަރައިފި އެވެ. އެހެންނަމަވެސް އެ ދެސޮރު ހުއްޓައެއް ނުލަ އެވެ. ސައިކަލުން ފައިބައިގެން އައިސް، ޓެކްސީގެ ދޮރުފަތް ހުޅުވައިގެން ވެސް އެމީހާއާ ދިމާއަށް ހަޅޭއްލެވި އެވެ. ސައިކަލަށް އަރައި ނައްޓާލަމުން ކޮންމެ މީހަކުވެސް ފައި ކުރުކޮށްފައި ޓެކްސީގައި ފައިން ބޮނޑިއެއް އެޅި އެވެ. އަހަންނަށް އިނދެވުނީ ބަސްހުއްޓިފަ އެވެ.
އެހެން ދުވަހެކެވެ. މިއީވެސް ހަމަ މިފަދަ ކަމެކެވެ. ކަން ހިނގަން މެދުވެރިވި ސަބަބެއް ސީދާ ބުނާކަށް ނޭނގެ އެވެ. އަހަންނަށް އެހިސާބަށް ދެވުނުއިރު، ފެންނަން އޮތީ ހިތަށް އުނދަގޫކުރާފަދަ މަންޒަރެކެވެ. މިފަހަރުވެސް ޓެކްސީ އެކެވެ. ޒުވާން ފިރިހެން ކުއްޖަކު، ޓެކްސީގެ ކުރިމައްޗަށް ސައިކަލް ހުރަސްކޮށްލައިގެން، އޭގެ މަތީގައި އަރިއަކަށް ޖައްސާލައިގެން އިނެވެ. އެސޮރު އިނީ ރުޅި އައިސް ރަތްވެފަ އެވެ. އިނދެގެން ކިޔަނީ ދެން ނިކަން ގޮސްބަލާށެވެ! މަށަށް ވެސް ޖެއްސުން ކުރަން އެނގޭކަން ދައްކާލާނަމެވެ. މިކަހަލަ ބަނދިވަރެކެވެ.
ގިނަ އިރުތަކެއް ނުވި އެވެ. ފަހަތުން މަގު ބުލޮކް ވެއްޖެ އެވެ. ބަރުގޮނުގެ އަޑުން މުޅިތަން އަޑުބައްދާލައިފި އެވެ. ޒުވާނާގެ ހިތަށް ކަހެރުވަކެކޭވެސް ހީނުވެ އެވެ. އެހެންނަމަވެސް ފަހަތުން މީހުންގަނޑު ހަޅޭއް ފަޅޭއް ޖަހަންފެށުމުން އިންނާކަށް ނުކެރުނެވެ. ކާރުމަތީގައި ގޮށްމުށް ކަވާފައި އެތިފަހަރެއް ޖަހަމުން ތި.... އަށް ހޭއަރުވައިލާނަމޭ ބުނެފައި ސައިކަލަށް އަރައިގެން ނައްޓާލައިފި އެވެ. ސަހަރޯއޭ ހިތަށް އެރި އެވެ. އިރު އަރައި އޮއްސޭއިރު މިފަދަ ކިތަން ކަންތައް މި މާލޭގައި ހިނގާނެބާވަ އެވެ.
މިއީ މިއަދު މިގައުމުގެ ހާލަތެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް މީހަކު އަނެކަކަށް ދޫކޮށްގެން ވާކަށް ނެތެވެ. ތިމާއަށް ވުރެ ވަކިން ބާރުގަދަ މީހަކު، ކެރޭ މީހަކު ނެތްކަން ދައްކަން މަސައްކަތް ކުރާއިރު، އަހަރެމެންގެ އޮތީ ކޮން ބާރެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެސްފިޔަވެސް މި ހަލުވައި ލެވެނީ، އެ ކުޅަދާނަކަން ވަކި ފަރާތަކުން ދެއްވީމަ އެވެ. މީހެއްގެ މުދަލެއްގައި ފައި ކުރުކޮށްފައި ޖަހާއިރު، ގޮށް މުށްކަވާފައި ޖަހާއިރު، އެފައިގެ ނުވަތަ އެ އަތުގެ މާދަމާގެ ހާލަތެއް އެނގެނީ ކާކަށް ހެއްޔެވެ؟ ނިކަން ވިސްނައި ފިކުރުކޮށްބަލާށެވެ!
ބާރު އަޑުން މޮޅުބަސް ބުނެ، މޭ ފުއްޕައި މަތިހަށި ނަގައިފައި މީހުންނާ ދިމާކުރަން، ނުވަތަ ތަންތަން ހަލާކުކޮށް ސުންނާފަތި ކުރަން ދުވާއިރު، އަހަރެމެން އިންސާނުންނަކީ ކިހާވަރެއްގެ ނިކަމެތި ބައެއް ކަމާމެދު ވިސްނައިލިން ހެއްޔެވެ؟ ދުނިޔެއަށް ފޮނުއްވި އުޞޫލުން ގެންދަވާނެ އެވެ. ގެންދަވާނީ ކޮން ވަގުތަކުކަން އެނގޭ މީހަކު ނޭޅެ އެވެ. އެހެންކަމުން އެކަމަށް އަބަދުވެސް ހޭ އަރަން އެބަ ޖެހެ އެވެ. މީހަކު ތިމާއާ ދޭތެރޭ ނުކިއްސަރު ގޮތަކަށް ކަމެއް ކުރާހާ ފަހަރަކު، އެމީހަކު ފަހާ ދުވުމުގެ ބަދަލުގައި، އެއީވެސް ހަމަ އަހަރެމެންފަދަ އިންސާނެއްކަން ހަނދާން ބަހައްޓާށެވެ!
މީހަކަށް ކަމެއް ކުރެވިދާނެ އެވެ. އެފަދަ ކޮންމެ ވަގުތަކީ ރުޅި އިސްކުރަންޖެހޭފަދަ ވަގުތަކަށް ނަހަދާށެވެ! ދެފަރާތުން ވެސް މަސްލަޙަތަށް އިސްކަންދޭށެވެ! އެންމެ ރީތި، މޮޅު ގޮތަކީ، ކުށެއް ކުރެވިއްޖެނަމަ އެކަމަށް މާފަށް އެދުމެވެ. ނޭނގިގެން ކަމަށް ވިޔަސް، އެނގިގެން ކަމަށް ވިޔަސް، ވީ އެންމެ އަވަހަކަށް މާފަށް އެދޭށެވެ! އަދި މީހަކަށް ކުށެއް ކުރެވިގެން އެކަމަށް މާފަށް އެދިއްޖެނަމަ އެންމެ ރީތި ގޮތަކީ އެމީހަކަށް މާފުވެސް ދިނުމެވެ. ދީނީ ނަޒަރަކުން ބެއްޔަސް މިއަށް ވުރެ ވަކިން ރަނގަޅު މޮޅު އިތުރު ގޮތެއް ނޯންނާނެ އެވެ. މިކަހަލަ ކަންކަމާދޭތެރޭ މިއަދުގެ މުޖުތަމަޢު ވިސްނާނެނަމަ ކޮންފަދަ ހެއްޔެވެ؟