ގދ. ފިޔޯރީ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ އަތޮޅު ތިނަދޫ ފަޔާ ސްޓޭޝަނުން އެ ރަށަށް ދިޔުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.

އަދި ތިނަދޫއިން ފިޔޯރީއަށް ދިއުމަށްޓަކައި 45 ވަރަކަށް މިނެޓު ނަގާނެކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދު ހަވީރު 05:00 ޖަހާ ކަންހާއިރު ފިޔޯރީ ސްކޫލުގެ ބާ ހޯލް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އަދި ހާދިސާ ހިނގީ ސްކޫލު ބަންދު ވަގުތެއްގައިކަމުން، އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން އެޑިއުކޭޝަނުން ބުނީ އަލިފާން ރޯވި އިމާރާތުގައި ފަސް ކްލާސްރޫމް ހުންނަ ކަމަށެވެ. އަދި އެތަނުން ތިން ކްލާސްރޫމްގައި ދަރިވަރުން ކިޔަވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ކިޔެވުން ހުއްޓާނުލައި ކުރިޔަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީއާއި އެ ސްކޫލު ގުޅިގެން ހަމަޖައްސަމުންދާ ކަމަށެވެ. އަދި އެމްއެންޑީއެފްއާއި ފުލުހުންގެ އެހީތެރި ކަމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.