ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން, އެ ކޮމިޝަނުގެ ނައިބުރައީސް ކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ގައިސް އިސްތިއުފާދެއްވައިފިއެވެ.

ސަންއާ ވާހަކަދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ، ކޮމިޝަނުގެ މެމްބަރުކަމުން މިއަދުގެ ވަގުތެއްގައި ގައިސް އިސްތިއުފާ ދެއްވާފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިސް މެމްބަރުކަމުން އިސްތިއުފާދެއްވާފައިވަނީ އަމިއްލަ ސަބަބަކާއި ހެދިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް, ބްރޯޑްކާސްޓިން ކޮމިޝަނުގެ މަޤާމަށް ގައިސް އައްޔަނުކުރައްވާފައިވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ.

ގައިސް އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުންނަކީ:

މަރިޔަމް ވަހީދާ: ކޮމިޝަނުގެ ރައީސް

އަމްޖަދު ވަހީދު: މެމްބަރު

ޢަލީ ޔޫސުފް: މެމްބަރު

އާމިނަތު އަމީނާ: މެމްބަރު

މުހައްމަދު ފަޒީން: މެމްބަރު

ޝިފްލާ އިބްރާހީމް: މެމްބަރު

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސްވެފައިވާ ކޮމިޝަނުގެ ނައިބްރައީސްގެ މަޤާމަށް މާދަމާގެ ވަގުތެއްގައި މެމްބަރަކު އައްޔަނުކުރުމަށް ވަނީ ހަމަޖެހިފައެވެ.