08 Jan 2023, 16:18
މިއަހަރު ނުވަ ކްރޫޒް ލައިނާއިން 12،000 އެއްހާ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ކްރޫޒް ލައިނާތައް ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވަނީ މާލެ، އައްޑޫ އަދި ހއ. އަލިފް އަތޮޅުގައެވެ.
މިކަމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް "ސަން" އަށް ވިދާޅުވީ، ކްރޫޒް ލައިނާ ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމާ އަދި އިގްތިސާދަށް ނުހަނު މުހިއްމު ޓާގެޓް ވިޔަފާރިއެއް ކަމަށެވެ. އަދި، ވަކިން ޚާއްސަކޮށް މާލެ ކައިރިއަށް ބަނދަރުކުރާ ކްރޫޒް ލައިނާތަކުގެ ސަބަބުން މާލ އާއި މާލެ ކައިރި ރިސޯޓުތަކަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ޕެންޑަމިކަށް ފަހު ޓޫރިސްޓުން ރާއްޖޭގެ ރަށްތަކަށް އަންނާނަކަށް ނުފަށާ. އޭގެ ކުރިން އައިހާ ބޯކޮށެއް. އެހެންވީމާ ކްރޫޒް ލައިނާ އިން ޕަސެންޖަރުން އަންނަން ފެށީމާ އެރޫހު އާލާވެ ދެން ރިސޯޓިތަކުން ވެސް ފަތުރުވެރިކަމަށް ބާރުވެރިކަން ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ކްރޫޒް ލައިނާތަށް އައުމަށް ރާއްޖެ ވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ. އެގޮތުން ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތަކުން މަރުޙަބާ ކިޔައި ފޯރި ގަދަ ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކްރޫޒް ލައިނާގެ ޕެސެންޖަރުން ވަރަށް މަދުން ރިސޯޓް ހޮޓާ އެއްޗެހީގައި ނިދާ ހަދާނީ. އެމީހުންގެ ވޮލެޓުގެ ބޮޑު ބައި ކްރޫޒް ލައިނާގެ ތެރޭގައި ޙަރަދު ކުރާނެ ގޮތަކަށް އެމީހުން ރާވައިފައި ހުންނާނީ. އެހެން ނަމަވެސް އަޅުގަނޑުމެން މިކޮޅުގައި ފޯރި ގަދަ ކޮށް އެމީހުންނަށް ޚަރަދު ކުރާނެ ގޮތްތައް ހޯދައިދީފިއްޔާ އެމީހުންގެ އަތުން ލިބޭނެ މަންފާ ބޮޑުވާނެ،" އޭނާ ވިދާޅުވިއެވެ.
މި އަހަރު ރާއްޖެއަށް ކްރޫޒް ލައިނާތައް އައުމަށް ހަމަ ޖެހިފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ކެޕޭސިޓީއެއްގެ ކްރޫޒް ލައިނާ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. އެމްއެސް ކޯސްޓާ ޑެލިޒިއޯސާއިން ރާއްޖެއަށް 2826 ފަތުރުވެރިން ރާއްޖެ އައުމަށް ވަނީ ހަމަ ޖެހިފައެވެ.
މިއަހަރު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކްރޫޒް ލައިނާ ތަކުގެ ޝެޑިއުލް:
23.01.23 - އެމްއެސް އާޓިއާނިއާ (މާލެއަށް) - 1280 ފަތުރުވެރިން
- 02.02.23 - އެމްއެސް އޯޝެނިއާ ނޯޓިކާ (މާލެއަށް) - 684 ފަތުރުވެރިން
- 17.03.23 - އެމްއެސް ސިލްވާ ޝެޑޯ (އައްޑޫއަށް) - 388 ފަތުރުވެރިން
- 04.02.23 - އެމްއެސް ކޯސްޓާ ޑެލިޒިއޯސާ (މާލެއަށް) - 2826 ފަތުރުވެރިން
- 07.04.23 - އެމްއެސް ސެވަން ސީސް މެރީނާ (މާލެއަށް) - 700 ފަތުރުވެރިން
- 06.11.23 - އެމްއެސް އައިޑާބެއްލާ (މާލެއަށް) - 2050 ފަތުރުވެރިން
- 01.12.23 - އެމްއެސް ވަސްކޮ ޑަ ގާމާ ނިކޯ (މާލެއަށް) - 1512 ފަތުރުވެރިން
- 16.12.23 - އެމްއެސް ފްރެޑް އޮލްސެން ބޮލެޓް (ހާ އަލިފަށް) - 1400 ފަތުރުވެރިން
- 18.12.23 - އެމްއެސް ފްރެޑް އޮލްސެން ބޮލެޓް (އައްޑޫއަށް) - 1400 ފަތުރުވެރިން
މި ހުރިހާ ކްރޫޒްލައިނަތަކަކީ މިދިޔަ އަހަރު ރާއްޖެއައި ކްރޫޒްލައިނާތަކަށް ވުރެ ބޮޑު ކްރޫޒްލައިނާ ތަކެކެވެ.
ކްރޫޒް ލައިނާތައް ރާއްޖެ އައުމަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ ކަމެކެވެ. ނަމަވެސް، ރާއްޖެ އައުމުގައި މި ލައިނާތަކަށް ކުރިން ބޮޑެތި ގޮންޖެހުންތަކެއް ހުއްޓެވެ.
ކޮވިޑުގެ ސަބަބުން ރާއްޖެއިން ކަނޑައަޅާފައިވާ ބައެއް ސިޔާސަތުތަކާއި އެމްޕީއެލްއިން ނަގަމުން އައި ޕައިލޮޓޭޖް ފީ 2020ވަނަ އަހަރު ތެރޭގައި ބޮޑުކުރުމުން ވެސް ކްރޫޒް ލައިނާތައް އައުމަށް ގޮންޖެހުން ކުރިމަތިވިއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އެމްޕީއެލްއިން އެ ފީ ކުޑަކުރުމުން ބައެއް ކުރޫޒް ލައިނާތަކުން ރާއްޖެ އަންނަން ޝައުގުވެރިކަން ފާޅުކުރިއެވެ.
ކުރޫޒް ލައިނާތައް މާލެ ކައިރި އޮންނަ ދުވަސްތަކުގައި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބެއެވެ.
ކޮވިޑުގެ ކުރިން އަހަރެއްގެ މައްޗަށް ރާއްޖެއަށް 60 އެއްހާ ކުރޫޒް ލައިނާ އާދެއެވެ. އެ ބޯޓްތަކުން އެކަނި ވެސް، އަހަރަކު 60،000 އެއްހާ ޓޫރިސްޓުން ރާއްޖެ އާދެއެވެ.