08 Jan 2023, 17:53
ޗައިނާގެ ފްލައިޓްތަކުން ރާއްޖެ އައުމަށް ތާވަލްކޮށްފައިވާއިރު، މި އަހަރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ސަން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓާ ވިދާޅުވީ، ޗައިނާގެ މާކެޓުން ރާއްޖެއަށް ފަތުރުވެރިން މިދިޔަ އަހަރު ވެސް އައި ކަމަށާއި، ނިމިދިޔަ އަހަރު އެކަނިވެސް ޗައިނާއިން ރާއްޖެއަށް 12،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ.
އެހެން ނަމަވެސް މި އަހަރު، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން އިތުރުވާނެ ކަމުގައި ދެކޭކަމަށް މިނިސްޓާ ވިދާޅުވިއެވެ.
"އަދި މަންޒަރު އެހާ ސާފެއް ނޫން. އެހެން ނަމަވެސް އެމީހުންނަކީ ވަރަށް ބައި ބޯ ބަޔަކަށް ވެފައި އަޅުގަނޑުމެންނަށް ރީޒަނަބަލް ނަންބަރެއްގައި، ޗައިނާ މާކެޓު ރަނގަޅު ގޮތެއްގައި އައިސްފިނަމަ އެއްލައްކައާ ގާތްކުރާނެ ވަރުގެ އަދަދަކަށް ފަތުރުވެރިން އަންނާނެކަމަށް މި ބަލަނީ،" މިނިސްޓާ މައުސޫމް ވިދާޅުވިއެވެ.
މިނިސްޓާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ އެއްބާރުލުމާއެކު ޗައިނާގެ ފަތުރުވެރިންގެ އަދަދު އެއަށްވުރެ ވެސް އިތުރުކުރެވޭނެ ކަމުގައި ދެކޭ ކަމަށެވެ. އަދި އެ ކަމަކީ ރާއްޖޭގެ އިގްތިސާދަށް އެކަމުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމުގައި ދެކޭކަމުގައި ވެސް މިނިސްޓާ ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ޗައިނާގެ އެއާލައިންތަކުން ރާއްޖެއައުން މެދުކަނޑާލާފައި އޮންނަތާ ތިން އަހަރަށްފަހު، އެޤައުމުގެ ބައެއް އެއާލައިންތަކުން ރާއްޖެ އައުމަށް ތާވަލްކުރީ މިހިނގާ ޖެނުއަރީމަހުގެ ތެރޭގައެވެ. މިއާއެކު ކޮވިޑްގެ ސަބަބުން ވަރަށް ބޮޑަށް އަޑިއަޅާލާފައި އޮތް ޗައިނާ މާކެޓުން، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުމާއެކު، އެކަމަށް ރާއްޖޭގެ ސަރުކާރާއި އިދާރާތައް ތައްޔާރުވެފައިވަނީ ކިހާ މިންވަރަކަށްތޯ ގިނަ ޢާންމުން ސުވާލުކުރިއެވެ.
އެކަމަށް ޖަވާބުދެއްވަމުން މިނިސްޓާ މައުސޫމް މީގެކުރިން ވިދާޅުވީ، ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އައުމަށް ސަރުކާރުގެ އިދާރާތައް ތައްޔާރަށް އޮތް ކަމަށެވެ. އަދި ކޮވިޑްގެ ދުވަސްވަރުގައި ވެސް ރާއްޖޭގެ ސިއްޚީ އިދާރާތަކުން ދެއްކި ނަމޫނާއަށް އިތުބާރު ކުރައްވާ ކަމުގައި މިނިސްޓާ ވިދާޅުވިއެވެ.
ޗައިނާއިން ރާއްޖެއަށް އެންމެފުރަތަމަ އައުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ ބެއިޖިންގް ކެޕިޓަލް އެއާލައިނެވެ. އެގޮތުން ބެއިޖިންގް ކެޕިޓަލް އެއާލައިނުގެ ދަތުރުތައް ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ބެއްވުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. އެ އެއާލައިނުން ހަފްތާއަކު 4 ފްލައިޓު ރާއްޖެ އަންނާނެއެވެ.
ބެއިޖިން ކެޕިޓަލް އެއާލައިނުގެ އިތުރުން ޗައިނާ އީސްޓަން އެއާލައިނުގެ ދަތުރުތަކާއި، ހޮންކޮން އެއާލައިނުންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.