7 ފެބުރުވަރީ 2012 ވީ ބުދަ ދުވަހުގެ ކުރީން، ރައީސް އޮފީސް ކައިރީން ސައިކަލުގައި ދުއްވާލާ މީހަކަށް މަދު ފަހަރަކު ނޫނީ ފެންނާނީ، އެ އޮފީހަށް ރީނދޫ ކުލައިގެ ޓައީ އަޅާފައި ތިބޭ މީހުން ވަދެނިކުމެވާ މަންޒަރެވެ. ރީނދޫ ޓައީ އަޅައިގެން ތިބޭ މީހުން އެ އޮފީހުގެ ވަށައިގެން އޮންނަ މަގުތަކުގައި އެކި ކޮޅުކޮޅަށް ހެލިފެލިވާ މަންޒަރެވެ. އެ މަންޒަރު ފެނުމުން އަޅުގަނޑުގެ ހިތަށް އަރައެވެ. ވަކި ޕާޓީއަކަށް ވެރިކަން ލިބުމާއެކު، ޤައުމުގެ ރިއާސީ ގަނޑުވަރާއި ރައްޔިތުންގެ މަޖިލިސް ފަދަ ތަންތަނުން ފެންނަން ޖެހޭނީ އެ ޕާޓީއެއްގެ ކުލަ ބާވައެވެ!

އަޅުގަނޑު ހިތުން ކަން އޮންނަން ޖެހޭނީ އެގޮތަކަށެއް ނޫނެވެ. ކޮންމެ ޕާޓީއެއްގެ ބޭފުޅަކު ރައީސްކަމުގައި ހުންނެވިޔަސް، ކޮންމެ ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގައި އަޣުލަބިއްޔަތު އޮތަސް، އެ މުއައްސަސާތައް ހިނގާ ޢިމާރާތްތަކުގެ ސަރަޙައްދުން ފެންނާން ޖެހޭނީ އެތަންތަނަކީ ހުރިހާ ރައްޔިތުންގެ ކުލައެވެ. ދިވެހި ޤައުމީ ކުލައެވެ. ފެއްސާއި ރަތާއި ހުދެވެ. ޕާޓީގެ ކުލަ ފެންނާން ޖެހޭނީ ޕާޓީގެ އޮފީހުންނެވެ.

ދެން ހަނދާނަށް އަންނަނީ ތަންކޮޅެއް ކުރީން، އެއިރުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްފުޅުތަކެކެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އެމަނިކުފާނުގެ ޕާޓީގެ މެންބަރަކު ފިޔަވައި އެހެން މެންބަރަކު އެމަނިކުފާނުގެ އަރިއަހަށް މުހުތާދަކައިގެން ގޮސް އުނދަގޫ ކުރުމުން އެމީހަކަށް ފެންނާނީ އެމަނިކުފާނުގެ "ނުލަފާ" ކަމެވެ. 11 ނޮވެންބަރު 2008 އިން، 7 ފެބުރުވަރީ 2012 އަށް އަލްފާޟިލް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސްކަމުގައި ހުންނެވި 1183 ދުވަހު، ރައީސް އޮފީސް ކައިރިން އެމްޑީޕީގެ ރީނދޫކުލައިގެ އަސަރުތައް އަބަދުހެން ފެނިފެނި ހުރުމަކީ އެމަނިކުފާނު އެ ވިދާޅުވި ބަސްފުޅުގެ ތެދުކަން ދައްކައިދޭ އެއް މިސާލު ކަމަށް ވެސް ބުނެވިދާނެއެވެ.

ވެރިކަން ވެއްޓުނީ ކީއްވެ؟

މި ދެންނެވީ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން ނާކާމިޔާބު ވުމުގެ އެންމެ ބޮޑު އެއް ސަބަބުގެ ވާހަކައެވެ. ނަޝީދަކަށް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ރައީސަކަށް ވެވަޑައެއްނުގެންނެވުނެވެ. ނަޝީދަށް ބެއްލެވުނީ، ނުވަތަ ނަޝީދު ބެއްލެވީ އަމިއްލަފުޅު ޕާޓީގެ މެންބަރުންނަށް ހުރިހާ ކަމެއްގައި ވެސް އިސްކަން ދެއްވުމަށެވެ. އެގޮތުން ނަޝީދު ދެއްކެވި ނަމޫނާގެ ހިޔަނި، އެމަނިކުފާނުގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެހެން ބޭފުޅުންގެ ކިބައިން ރީތިކޮށް ދިޔައީ ފާޅުވަމުންނެވެ. ސަރުކާރުން ރައްޔިތުންނަށް ޓަކައި ބިނާކުރާ ފްލެޓުތަކުގެ ތެރެއިން އެމްޑީޕީގެ މެންބަރުން ނަގައިފައި ބާކީ ހުރި އެއްޗެއް ނޫނީ އެހެން ރައްޔިތަކަށް ނުލިބޭނެ ކަމަށް އެމްޑީޕީގެ ޕާރލަމެންޓޭރިއަނަކު، ޕާޓީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ވިދާޅުވި ވިދާޅުވުމަކީ މި ދެންނެވި ބަހުގެ ހެއްކެކެވެ.

ނަޝީދުގެ ޕާޓީގެ މެންބަރުންނަށް ޤާނޫނާއި ޤަވާޢިދާއި ޑިމޮކްރަޓިކް ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ހޯދައިދެވުނު ފައިދާތަކުގެ ވާހަކަތަކަކީ ދިގު ވާހަކައެކެވެ. ޕާޓީގެ އެކްޓިވިސްޓުންނަށް، ޢިލްމީ ޤާބިލުކަމާއި މަސައްކަތުގެ ތަޖުރިބާއާއި އަޚްލާޤީ ފެންވަރަށް އެއްވެސް ރިޢާޔަތެއް ނުކޮށް ދެއްވި ސިޔާސީ މަޤާމުތަކުގެ ވާހަކައާއި، ޕާޓީގެ އެކްޓިވިސްޓުންނަށް ޤާނޫނުތަކާ ޚިލާފަށް އެތައް ސަތޭކަ ރަށެއް ދެއްވި ވާހަކަ ފަދަ އެތައް ވާހަކައެކެވެ.

ރައްޔިތުންނާ މުޢާމަލާތު ކުރެއްވުމުގައި ތެދުވެރިކަމެއް ނެތުމަކީ ވެސް ނަޝީދުގެ ކިބައިން އަޅުގަނޑުމެންނަށް ފެނުނު ބޮޑު އުނިކަމެކެވެ. ތެދުވެރިކަމެއް ނެތް މީހަކަށް ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނަމޭ ވިދާޅުވެ ކުރެއްވި ވަޢުދާ ޚިލާފުވެވަޑައިގަތުމަށްފަހު ވެސް ނަޝީދު ވަނީ ރައްޔިތުންނަށް ޖެއްސުން ކުރައްވަނީއޭ ބުނެވޭ ދަރަޖައަށް ތަފާތު ވާހަކަތައް ވިދާޅުވެފައެވެ. އެއްފަހަރު ވިދާޅުވީ ތިމަންނާ އެފަދަ ވަޢުދެއް ނުކުރައްވަމޭ އެވެ. އަނެއްފަހަރު ވިދާޅުވީ އެއީ ފަލްސަފާއެއް ކަމަށެވެ. އަނެއް ފަހަރު ވިދާޅުވީ އެއީ ޑރ. ޙަސަން ސަޢީދު އުނދަގޫ ކުރެއްވުމުން ވިދާޅުވި އެއްޗެއް ކަމަށެވެ. ދެން ވިދާޅުވީ އެއިރު ވެވަޑައިގެންނެވި ވަޢުދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަޢުދު ކަމަށެވެ. އެންމެފަހުން، ވެރިކަން ދޫކޮށްލެއްވުމަށްފަހު ވިދާޅުވީ އެއްކަލަ ވަޢުދަކީ މި ދުވަސް އަންނާނެކަން އެނގިވަޑައިގަންނަވާތީ، މި ދުވަސް އައުމުން ވަގުތުން ރިއާސީ އިންތިޚާބެއް ބާއްވަން ޖެހޭނެތީ، އެ އިންތިޚާބުގެ ވާހަކަ ކަމަށެވެ.

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ރައީސް ނަޝީދާ ދެކޮޅަށް ތެދުވާން ޖެހުނު މައިގަނޑު ސަބަބަކީ އިސްލާމް ދީނާ ދެކޮޅަށް ނަޝީދުގެ ސަރުކާރުން ގެންގުޅުނު އަތްނުލައި އައްދޮ ކިޔުއްވުމުގެ ސިޔާސަތެވެ.

ނަޝީދުގެ އަރިސް ބޭފުޅުންނާއި، އޭނާގެ ސަޕޯޓަރުން މިހާރުވެސް ޤަބޫލުނުކުރާ، އެކަމަކު ލޯ ހުޅުވައިގެން ހުރި ކޮންމެ މީހަކަށް ވެސް ފެންނާން ޖެހޭ ވަރަށް ކަޝްފުވެފައި އޮތް ޙަޤީޤަތަކީ، ނަޝީދުގެ ސަރުކާރުން އިސްލާމް ދީނާ މެދު ޢަމަލުކުރީ ވަރަށް ވެސް އިހާނެތިކޮށް ކަމެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ ތެރެއިން، ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި އޮތް ޙުކުމްތައް އެއިން ނަގަން ނަޝީދު ވަކާލާތު ކުރެއްވިއެވެ. އިސްލާމީ ޝަރީޢަތަކީ މި ޒަމާނަށް ނުފެތޭ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. ހަމަ އެ މޭރުމުން ނަޝީދުގެ ޕާޓީގެ ޕާރލަމެންޓޭރިއަނުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދެއްކެވިއެވެ. ޚުދު ނަޝީދު، ކީރިތި މާތް ރަސޫލުﷲ ގެފާނުގެ އަބުރުފުޅަށް އަރައިގަތުން ކަމަށް ނުހަނު ސާފުކޮށް ބެލެވޭ ފަދަ ޢިބާރާތްތަކުން ވާހަކަފުޅު ދެއްކެވިއެވެ. ދިވެހި މުސްލިމުންގެ ބިމުގައި، ޣައިރު މުސްލިމުން އަޅުކަން ކުރާ ޠާޣޫތުތައް ބަހައްޓައިފައި، އެހެރީ ބަހައްޓާފައޭ، އަދިވެސް ބަހައްޓާނަމޭ، އެއްކަމެއްވެސް ނުކުރެވޭނެޔޭ، ބުނެ ތަޙައްދީ ކުރެއްވިއެވެ. ދީނީ އަޅުކަމެއް ކަމަށްވާ ނަމާދުގެ ޙަރަކާތްތަކަށް ހަޖޫ ޖެއްސެވިއެވެ. ނަޝީދުގެ ސަރުކާރުގެ ފުރިހަމަ ބައިވެރިވުމާއެކު، ރާއްޖެއިން ބޭރުން މީހަކު ގެންނަވައި، އޭނާގެ ދުލުގެ ބޭނުން ކުރައްވައިގެން އިސްލާމީ ޝަރީޢަތަށް އެންމެ ހުތުރު، އެންމެ ނިކަމެތި ގޮތުގައި މަލާމާތް ކުރެއްވިއެވެ. އެންމެ ފަހުން، ތިމާމެންގެ ގޮތާ ޚިލާފަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ބާވައިލެއްވިޔަސް، އެ ވަޙީއަށް ވެސް ފުރަގަސް ދޭނެ ކަމަށް މާނަ ދޭހަވާ ގޮތަށް ވާހަކަ ދެއްކި އެވެ.

އިސްލާމް ދީނާ ދެކޮޅަށް ނަޝީދުގެ ސަރުކާރުން ގެންގުޅުނު ރުޅިވެރިކަމާއި ނަފްރަތުގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން ޤައުމު ކެކިއަރަން ފެށުމަށްފަހު، ނަޝީދު ހެއްދެވި އެންމެ ބޮޑު ގޯހަކީ، ޤާނޫނާއި ޤާނޫނުގެ ޙުކުމަށް އޭނާގެ ސަރުކާރުން ފެށުނީއްސުރެ ގެންގުޅުނު ބޭއިޙުތިރާމުގެ ސަގާފަތް މުޅީން އައު ފައްތަރަކަށް ގެންނެވުމެވެ.

ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އެއް އިރެއްގައިވެސް ނަޝީދުގެ ސަރުކާރަކަށް މާކަ މުހިއްމު ކަމެއް ނޫނެވެ. އެކަން ނަޝީދުގެ ސަރުކާރު ދެމިއޮތް 1183 ދުވަހުގެ ތެރޭގައި ވަނީ ރީތިކޮށް ފެނިގެން ގޮސްފައެވެ. ސުޕްރީމް ކޯޓުގެ ތަޅު އެޅުވި ދުވަހުއެވެ. ކޯޓަށް ޙާޟިރުވުމުގެ އަމުރުތައް ބޮލާލައި ޖެހުމުގެ އާދައެއް ސަރުކާރުގެ އިސްވެރީން އުފެއްދެވި އުފެއްދެވުމުންނެވެ. ޤާނޫނާއި ކޯޓުގެ އަމުރާ ޚިލާފަށް ސަރުކާރުގެ މީޑިއާ ހިންގެވި ހިންގެވުމުންނެވެ. އެންމެފަހުން، ދިވެހިރާއްޖޭގެ ފަނޑިޔާރަކު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިތުރުން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ހަމަތަކާ ވެސް މުޅީން ޚިލާފަށް "ވަގަށް ނެންގެވި" ދުވަހަކީ ނަޝީދުގެ ސަރުކާރުން ގެންގުޅުނު ޤާނޫނުގެ ޙުކުމް ފުނޑުފުނޑުކޮށްލުމުގެ ސަގާފަތު ދޮން ވެ ފައްކާ ވީ ދުވަހެވެ.
ނަޝީދުގެ ވެރިކަމުގެ ނިމުން ފެށުނީ މި ދެންނެވި ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ހައްޔަރު ކުރެވުނު ދުވަހު ކަމަށް ބެލެވިދާނެއެވެ. ނުވަތަ އެ ދުވަހަކީ 23 ޑިސެންބަރުގެ ބޮޑު މުޒާހަރާގެ ދުވަސް ކަމަށް ވެސް ބުނެވިދާނެއެވެ.

ބާޣީންނާއި ބަޠަލުން

އަނިޔާވެރި، ދޮގުވެރި، ޢަދުލުވެރިކަމެއް ނެތް، ލާދީނީ ވެރިކަންތަކާ ދެކޮޅަށް ތެދުވުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޙައްޤެކެވެ. ހަމައެކަނި ޙައްޤެއް ވެސް ނޫނެވެ. އެއީ ކޮންމެ ޤައުމެއްގެ ކޮންމެ ރައްޔިތެއްގެ މައްޗަށް އޮންނަ ގައުމީ ވާޖިބެކެވެ. އިސްލާމް ދީނުގެ ނަމުގައި ދޮގުވެރި ވާހަކަތައް، މައުޟޫޢު އަދި ޟަޢީފް ޙަދީޘްތަކުގެ އަލީގައި ފަތުރަމުންދާ ބައެއް މީހުން ޓީވީއަށް އަރައި، އަދި މަޖައްލާތަކުގައި ލިޔެގެން ދޮގުތައް ފަތުރައި، މުސްލިމުން ތިބެން ޖެހޭނީ ނިކަމެތި ކުއްތާތަކެއް ފަދައިން، ނުބައި ވެރީންގެ އަޅުން ކަމުގައި ވެގެން، އިސްލާމް ދީނާއި ރައްޔިތުންގެ ޙައްޤުތައް ނެތިގެން ދާ އިރުވެސް ރޮއިލަރޮއިލައި، ކަމެއް ނުކޮށް ކަމަށް ބުނަމުން ގެންދިޔަޔަސް ޙަޤީޤަތަކީ އެއެއް ނޫނެވެ. އިސްލާމީ ޝަރީޢަތާ ޚިލާފުވެއްޖެ އެއްވެސް ވެރިއަކަށް، އިސްލާމް ދީނުގެ ޙިމާޔަތުގައި ވެރިކަމެއް ނުކުރެވޭނެއެވެ. އެފަދަ ވެރިއަކަށް، ވެރިމީހާއަށް މުސްލިމުން ކިޔަމަން ވާން ޖެހޭ ކަމަށް ކަނޑައަޅާ އާޔަތެއް، ޙަދީޘެއްގެ ހިޔާވަހިކަމެއް ނުލިބޭނެއެވެ.
ހަމައެފަދައިން މި ޒަމާނުގެ ސިޔާސީ ފަލްސަފާވެރީންގެ ތެރެއިން ހެންރީ ޑޭވިޑް ތޮރޯ ފަދަ ބޭބޭފުޅުންގެ ފިކުރުތައް ދިރާސާ ކޮށްލުމުން، ޢިލްމާނީ ފަލްސަފާގައި ޢަދުލުވެރި ނޫން ވެރިކަންތަކާ ދެކޮޅަށް ރައްޔިތުންނަށް ލިބިގެންވާ ޙައްޤުތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް ފެނިގެން ދެއެވެ.

ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު، ނަޝީދުގެ ސަޕޯޓަރުން މެދުނުކެނޑި ކުރާ ދަޢުވާއަކީ ނަޝީދު ވެރިކަމުން ވެއްޓުނީ ބަޣާވާތަކުން ކަމުގެ ދަޢުވާއެވެ. އެ ބަޣާވާތް ކުރީ ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ކަމުގެ ދަޢުވާއެވެ.
ރައްޔިތުންގެ ކުރިމަތީގައި ހުއްޓިހުރެ، ރައްޔިތުންގެ ތެރެއިން ތިމާގެ ޕާޓީއަށް ނިސްބަތްވާ މީހުން ފިޔަވައި، އެހެން ޕާޓީއެއްގެ މީހަކު ތިމާގެ ގާތަށް ކަމެއް ބޭނުންވެގެން އަތުވެއްޖެނަމަ، އެމީހަކަށް ފެންނާނީ ތިމާގެ ނުލަފާކަމޭ ވިދާޅުވާ ރައީސަކު އެ ކުރައްވަނީ ކޮންކަމެއް ބާވައެވެ! ޤާނޫނީ ބާރުތަކުގެ ބޭރުން، ޢަސްކަރީން ފޮނުއްވަވައިގެން ޤައުމުގެ ސުޕްރީމް ކޯޓުގައި ތަޅު އަޅުއްވާ ރައީސަކު އެ ކުރައްވަނީ ކޮންކަމެއް ބާވައެވެ! ދިވެހި މުސްލިމު ޤައުމުގެ ރައްޔިތުންގެ ކުރިމަތީގައި ހުއްޓިވަޑައިގެން ހުންނަވައި، އިސްލާމް ދީނުގެ ނަބިއްޔާގެ އަބުރުފުޅާ ބެހިވަޑައިގަންނަވާ ރައީސަކު އެ ކުރައްވަނީ ކޮން ކަމެއް ބާވައެވެ! ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ މުޅީން ޚިލާފަށް، ދިވެހިރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު، އޭނާގެ ތުއްޕުޅު ބޭފުޅުންގެ ކުރިފުޅުމަތީގައި، ކިޑްނެޕް ކުރައްވާ ރައީސަކު އެކުރައްވަނީ ކޮންކަމެއް ބާވައެވެ!

އަޅުގަނޑު ދެކޭގޮތުގައި މި ދެންނެވި ކަންކަމަކީ ރައްޔިތުންނާއި، ޤައުމާއި، ޤާނޫނާއި، ދީނާ ދެކޮޅަށް ކުރެވޭ އެންމެ ބޮޑު ބަޣާވާތެވެ. ވެވޭ އެންމެ ބޮޑު ޚިޔާނާތެވެ.

7 ފެބުރުވަރީ 2012 ވީ ބުދަ ދުވަހު ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނާއި، ޤައުމުގެ ޤާނޫނާ ދެކޮޅަށް ދިވެހި ފުލުހުން ބަޣާވާތެއް ނުކުރެއެވެ. އެމީހުން އަދާކުރީ ދީނީ، ޤައުމީ ވާޖިބެވެ. ޤާނޫނީ ޒިންމާއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ އެއްމެ ހެޔޮ ޖިހާދަކީ ނުބައި ވެރިއެއްގެ ކުރިމަތީގައި ޙައްޤުގެ އަޑު އިއްވުން ކަމުގައެވެ. އެ ދުވަހު ދިވެހި ފުލުހުން އިއްވީ ޙައްޤުގެ އަޑެވެ. އެހެންކަމުން އެމީހުން އެދުވަހު ކުރީ ހެޔޮ ޖިހާދެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ދިވެހި ރާއްޖޭގެ ފުލުހުންގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސިފައިންގެ ޤާނޫނުގެ ޞަރީޙު ނައްޞުން ކަނޑައަޅައި އަންގާފައި އޮންނަނީ، ޣައިރުޤާނޫނީ އެއްވެސް އަމުރަކަށް ފުލުހުން ވެސް އަދި ސިފައިން ވެސް ތަބަޢަ ނުވުމަށެވެ. އެހެންކަމުން ދިވެހި ފުލުހުންނަށް، ސަރުކާރުގެ ވެރީންގެ ކުރިމައްޗަށް ހުއްޓި، ޣައިރުޤާނޫނީ އަމުރުތަކަށް ތިމަންނަމެން ތަބަޢައެއް ނުވާނަމޭ، މީގެ ފަހުން އެފަދަ އަމުރުތައް ތިމަންނާމެންގެ މައްޗަށް ނުކުރާނެކަމުގެ ޔަޤީންކަން ދޭށޭ، މިހެން ބުނެވޭނެއެވެ. އެހެން ބުނުމުގެ ސަބަބުން އެމީހުންގެ މައްޗަށް ބަޣާވާތް ކުރުމުގެ ހުތުރު ތުހުމަތު އެޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ރައީސް ނަޝީދަށް އެ ދުވަހުވެސް ދެ ގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރެއްވުމުގެ ފުރުޞަތު އޮތެވެ. ފުރަތަމަ އިޚްތިޔާރަކީ ފުލުހުން އެދުނު ފަދައިން، އެމީހުންގެ މައްޗަށް ޣައިރުޤާނޫނީ އަމުރެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވުމެވެ. ދެވަނަ އިޚްތިޔާރަކީ އެ ޔަޤީންކަން ދެއްވުމަށް އިންކާރު ކުރެއްވުމެވެ. އިންކާރު ކުރެއްވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އޭގެ މާނައަކީ އަދިވެސް އެފަދަ އަމުރުތައް ކުރައްވާނޭ ކަމެވެ. ދެން ދިވެހި ފުލުހުން ހަދަންވީ ކިހިނެއްތޯއެވެ؟ "އަދިވެސް ކުރައްވާނަމު ދެއްތޯ، އެހެންވިއްޔާ ރަނގަޅު، އަޅުގަނޑުމެން ދެން ދަނީ، ޢިއްޒަތް ތެރި ރައީސް ވިދާޅުވި ގޮތެއް" މިހެން ބުނެފައި އެމީހުން ގެއަށް ދާންވީތޯއެވެ؟ ނުވަތަ، ނަޝީދު ނިންމަވާފައި އޮތް ގޮތަށް، ހައްޔަރުވެގެން ޖަލުތަކުގެ އަނދިރި ގޮޅިތަކަށް ފެތިގަންނަންވީތޯއެވެ؟

ޤަބޫލު ނުކުރާ މީހަކު ޤަބޫލު ނުކުރިޔަސް، ފުލުހުންގެ ވާޖިބަކީ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވެ، އެފަދަ އަމުރުތަކަށް ތަބާ ނުވާނެކަމަށް ބުނުމެވެ. އެމީހުން އެހެން ބުނުމުން، އެމީހުންގެ މައްޗަށް ޣައިރުޤާނޫނީ އަމުރު ކުރާ ވެރީން ޖެހޭނީ އެމީހުންގެ ކިބައިން މަޢާފަށް އެދޭށެވެ. ނަމަވެސް 7 ފެބުރުވަރީގައި އަޅުގަނޑުމެންނަށް ފެނުނީ ރައީސް ނަޝީދު އަނެއްކާވެސް ގޮތްދޫނުކުރެއްވުން ކުރިޔަށް ނެރުއްވި މަންޒަރެވެ. ފުލުހުންގެ އެދުމުގައި އެމަނިކުފާނު ޖެއްސެވީ ކޮޅުފައިންނެވެ.
މިކަންކަން ހިނގަމުން ދިޔައިރު، އެމްޑީޕީގެ އެކްޓިވިސްޓުންގެ ބަޔަކު، ޕާރލަމެންޓޭރިއަނުން ކަމަށްވާ މާރިއާ އަޙުމަދުދީދީ އާއި އީވާ ޢަބްދުﷲގެ ފަހަތުން ބައި ހަދައިފައި "ބާޣީން ހައްޔަރުކުރޭ" މިހެން ކިޔައި ހަޅޭއްލަވަމުން، ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާ ދެކޮޅަށް އެތަނަށް އައެވެ. އެތަނުގައި އެމީހުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް އެތައް އަނިޔާއެއް ކުރިއެވެ. ފުލުހުންގެ މީހެއްގެ ގަޔަށް ތޫނު ދަގަނޑެއް ވެސް ހަރާލިއެވެ. ފުލުހުން، އެމީހުންގެ މައްޗަށް ޣައިރުޤާނޫނީ އަމުރު ނުކުރާށޭ ބުނީތީވެ، ރައީސް ނަޝީދު އެމީހުން ހައްޔަރުކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ޕާޓީގެ އެކްޓިވިސްޓުން "ބާޣީން ހައްޔަރުކުރޭ" ކިޔައި ގޮވަމުން އައުމުގެ މާނައަކީ ކޮބައިބާވައެވެ!

20 ފެބުރުވަރީ 2012 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ނަޞުރުގެ މައިދާނުގައި އެއްވެ ތިބި އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވަމުން، ޕާރލަމެންޓޭރިއަން ޙަސަން ޢަފީފު ވިދާޅުވިގޮތުގައި، 7 ފެބުރުވަރީގައި ފުލުހުން "އެމީހުންގެ ވެރީންނަށް ނުކިޔަމަންތެރިވީއެވެ". އެހެން ވިދާޅުވިއިރު، ޙަސަން ޢަފީފަށް އެނގިވަޑައިނުގަންނަވާ ކަމަކީ، ޤާނޫނުގެ ޙުކުމް ހިނގާ ޑިމޮކްރަޓިކް ޤައުމެއްގައި، ޙަޤީޤީ ވެރިއަކީ ޤާނޫނު ކަމެވެ. ވެރިއަކު ވެރިއަކަށް ވަނީ، އެ ވެރިމީހާ ޤާނޫނުގެ ތަރަހައިގެ މަތީގައި ޤާއިމުވެ ހުންނަހައި ހިނދަކުއެވެ. އެވެރިމީހާ ޤާނޫނު މުގުރައިލުމުން، ދެން ތިބޭ ބަޔަކު ޖެހޭނީ އޭނާ ދޫކޮށްލައި، އެ ބަޔަކު އަމިއްލަޔަށް ނަމަވެސް ޤާނޫނު ރައްކާތެރި ކުރާށެވެ. ޢަފީފަށް އެނގިވަޑައިނުގެންނެވި ކަމަކީ، ތޯމަސް ހޯބްސްގެ ފަލްސަފާ އަކީ މިހާރު ބައުވެފައިވާ ފަލްސަފާއެއް ކަމެވެ. މިހާރުގެ ފަލްސަފާއަކީ އިސްލާމީ ފަލްސަފާ ކަމެވެ. ހުޅަނގުގެ އެދުރުންގެ ކިބައިން ފިލާވަޅު ލިބިގަންނަ ނަމަ، ހެންރީ ޑޭވިޑް ތޮރޯ ވިދާޅުވަނީ، "އަނިޔާއެއް ނުވަތަ ބޭއިންޞާފެއްގައި އެހީތެރިވާން ގޮވައިލެވިއްޖެ ނަމަ، އެކަމާ އިންކާރުކޮށް އެކަމުން ދުރުހެލިވެގަތުމަކީ ތިބާގެ މައްޗަށް ވާ ވާޖިބެއް" ކަމަށެވެ. ދިވެހި ފުލުހުންނާއި ސިފައިން އެދުވަހު ދެއްކީ މީގެ ރިވެތި ނަމޫނާއެކެވެ. ދުނިޔެއިން ވެސް މަދުން ނޫނީ ނުފެންނަ ފަދަ ފުރިހަމަ ނަމޫނާއެކެވެ. އެހެންކަމުން، އެމީހުންނަކީ ޙަޤީޤަތުގައި ވެސް ބަޠަލުންނެވެ.

7 ފެބުރުވަރީ 2012 ވީ ބުދަ ދުވަހު ދިވެހި ފުލުހުންނާއި، އަދި ފަހުން ދިވެހި ސިފައިން، ދެއްކި ރިވެތި ނަމޫނާއަކީ ޙަޤީޤަތުގައި މުޅި ދުނިޔެއަށް ދިވެހިން ދިން ޢިބުރަތްތެރި ފިލާވަޅެކެވެ. އެއީ ޒަމާންތަކެއް ފާއިތުވެދިޔުމަށްފަހު، ދިވެހީންނަށް ދުނިޔޭގެ ކުރިމަތީގައި ފަޚުރުވެރިވާން ލިބުނު ސަބަބެކެވެ. މިއަދު ދިވެހީންނަށް މުޅި ދުނިޔޭގެ ކުރިމައްޗަށް އިސް އުފުލާލައިގެން ތިބެ ހުއްޓެވިދާނެއެވެ. އަދި ބުނެވިދާނެއެވެ. "އަހަރެމެންގެ ޤައުމުގައި ހުރި ވެރިއަކު އަހަރެމެންގެ ރައްޔިތުން ބައިބައިކޮށް، ވަކި ބަޔަކަށް ޤާނޫނާ ޚިލާފަށް އިނާމާއި އިނާޔަތްތައް ދީ، ރައްޔިތުންގެ ޙައްޤުތަކަށް ފައިން އަރައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް މުގުރަން ފެށުމުން، އަހަރެމެންގެ ފުލުހުންނާއި ސިފައިން ޞުލްޙަވެރިކަމާއެކު ތެދުވެ، ރައްޔިތުންނާ ދެކޮޅަށް ކުރެވޭ ޣައިރު ޤާނޫނީ އަމުރުތައް ތަންފީޛު ނުކުރާނެ ކަމަށް ބުނެ، ރައްޔިތުންނާއި ޤާނޫނު ޙިމާޔަތް ކޮށްދިނެވެ. މިފަދަ މިސާލެއް ދުނިޔޭގެ އެހެން ތަނަކުން، ފަހުގެ ތާރީޚެއްގައި ފެނިފައެއް ނެތެވެ. އެހެންކަމުން ޑިމޮކްރަސީގެ ވާހަކަ މުޅި ދުނިޔޭގައި ދައްކާ މީހުންނަށް، އަހަރެމެންގެ ފުލުހުންނާއި ސިފައިން ޑިމޮކްރަސީގެ ޙަޤީޤީ ނަމޫނާ ދައްކައިދީފިއެވެ."

ދިވެހި ފުލުހުންނާއި ސިފައިންނަކީ ބާޣީންނެއް ނޫނެވެ. އެމީހުންނަކީ މި ޤައުމުގެ ބަޠަލުންނެވެ. 7 ފެބުރުއަރީ 2012 ވީ ބުދަދުވަހު ޖުމްހޫރީ މައިދާނުގައި، ޣައިރުޤާނޫނިއްޔަތާ ދެކޮޅަށް ތެދުވި އެ ބަޠަލުންގެ ނަންތައް މި ޤައުމުގެ ތާރީޚުގައި ލިޔެވޭނީ ރަން އަކުރުންނެވެ. އެމީހުންނަކީ "ހެޔޮ ވެރިކަން" މި ޝިޢާރުގެ ފަހަތުގައި ފޮރުވިފައި އޮތް ޢަދުލުވެރިކަމެއް ނެތް، ލާދީނީ، ނުބައި، ފަސާދައިން ފުރިގެންވާ، އަދި ފޭލިވެފައި އޮތް ސަރުކާރެއްގެ ކިބައިން ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ރައްޔިތުން ޙިމާޔަތްކޮށްދިން ބަޠަލުންނެވެ.