08 Jan 2023, 14:20
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ ރަނިން މޭޓެއްގެ ގޮތުގައި އައްޑޫ ބޭފުޅަކާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ޕްރައިމަރީ ކެމްޕޭނަށް އަތޮޅު ތެރެއަށް ވަޑައިގެންނެވުމަށް ފަހުގައި މިއަދު މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވީ ރަނިން މޭޓަކަށް ވާންޖެހޭނީ ޒުވާނުން ރަމްޒުކޮށްދޭ ބޭފުޅެއް ކަމަށެވެ. އަދި، އެމަނިކުފާނު ވެސް އުމުރުން ދޮށީވެފައިވާތީ ޕާޓީ ތެރޭގައި ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އުމުރުން ވެސް މިހާރު ކުޑަކޮށް އެބަ ދޮށީވޭ. އަޅުގަނޑު ދެކެނީ ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް," ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަދި އެބޭފުޅަކު ވާންވާނީ އައްޑޫ ބޭފުޅަކަށް ކަމަށެވެ. އަދި، ރަނިން މޭޓަކީ މުޅި ރާއްޖެ ތަމްސީލު ކުރެވޭ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެންމެ ފަހުން އެމަނިކުފާނު ވާދަކުރެއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރަނިން މޭޓެއްގެ ގޮތުގައި ނެންގެވީ އައްޑޫ ބޭފުޅެކެވެ. އެފަހަރު އެމަނިކުފާނުގެ ރަނިން މޭޓަކީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއެވެ.
"60 ޕަސެންޓުން މަތިން ޕްރައިމަރީ ކާމިޔާބު ކުރެވޭނެ"
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ މިމަހު 28ގައި އޮންނަ ޕްރައިމަރީ 60 ޕަސެންޓުން ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އަދި، ރަަށްތަކަށް ކުރައްވާ ކެމްޕޭން ދަތުރުތަކުން އެ މަނިކުފާނަށް ތާއީދު އޮތް ވަރު ހާމަވެގެންދާ ކަމަށާއި ސަރުކާރާ މެދު އާންމު ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި އިންތިހާބު ނަގާކަށް އަޅުގަނޑަކަަށް އުދަނގުލެއް ނުވާނެ. އެއްވެސް ޝައްކެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް ދިއުމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ބުނާ ކަމަށާއި 60 ޕަސެންޓުން މަތިން ޕްރައިމަރީ ކާމިޔާބު ކުރެއްވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މި ބަލަނީ 60 އާއި 70 [ޕަސެންޓް]އާ ދޭތެރޭ މިކަން އެބަ އޮތް ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ