08 Jan 2023, 10:57
އަންނަ ރަމަޟާން މަހަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ "ޗާލު މިސްކިތް" ފަންޑް ރައިސިން ހަރަކާތުން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ފެށި އެ ހަރަކާތް ނިންމާލައިފައިވަނީ އިއްޔެ ހަވީރު 18:00ގައެވެ.
ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ ހަރަކާތް ބޭއްވީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަހު ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ހަވީރު މި ހަރަކާތް ފަށާފައިވަނީ ކުޑަކުދިންގެ ހަވީރަކާ ވެސް އެކުއެވެ. އެ ސަރަހައްދުގައި މާލޭ ސަރަހައްދުގެ ކޮންމެ މިސްކިތަކަށް ވަކިން ސްޓޯލެއް ގާއިމްކޮށްފައިވާއިރު، އެމީހަކު ބޭނުންވާ މިސްކިތަކަށް ބޭނުންވާ މިންވަރެއް ހަދިޔާ ކުރުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލާފައެވެ.
މި ހަރަކާތް ކުރިއަށްދިޔަ ވަގުތު ރާއްޖޭގެ ދީނީ އިލްމުވެރިން ދީނީ ނަސޭޙަތް ވަނީ ފޯރުކޮށްދީފައެވެ.
ސިޓީ ކައުންސިލުން ބުނީ މި ހަރަކާތް ނިމުމަށްފަހު ވެސް އެހީވާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައި ހުންނާނެ ކަމަށެވެ.
އެ ކައުންސިލުން ބުނި ގޮތުގައި މިސްކިތްތައް މަރާމާތު ކުރަން ފަންޑް ހޯދުމަށް ހަރަކާތެއް ބޭއްވުމަށް ނިންމީ މިސްކިތްތަކަކީ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށްވުމާއެކު، މިސްކިތްތައް ކައުންސިލާ ހަވާލުކުރީ މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓަކާ ނުލާ ކަމަށް ވުމުންނެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2021 ވަނަ އަހަރާއި މިދިޔަ އަހަރު ސަރުކާރުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަށް ހަމަޖައްސައިދީފައިވަނީ އެއް މިލިއަން ރުފިޔާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ "ޗާލު މިސްކިތް" ފަންޑް ރައިސިން އިވެންޓް / ސަން ފޮޓޯ: ނާއިލް ހުސެއިން
އޭގެ ބޭރުން އެ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހަރަދުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
"ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަންރުފިޔާގެ މަރާމާތް ކުރި ނަމަވެސް އަދިވެސް ބައެއް މިސްކިތްތަކުގެ މަރާމާތްތައް ނުކުރެވި އެބަހުރި. އެ މަރާމާތްތައް ކުރުމަށް ނުވަ މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ. މިވަގުތު ސިޓީ ކައުންސިލުން މާލެއާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެއެވެ.