09 Jan 2023, 10:19
ކައިވެނީގެ ހަފުލާ އެކަކަށް ވުރެ ތަފާތުކޮށް އެކަކަށް ވުރެ ބޮޑުކޮށް އަނެކަކު ރޭވުމަށް ތަފާތު އެކި ކަންތައް ކުރެއެވެ. އެއްބަޔަކު ލައިވް ކުރެހުންތެރިން ގެންދާއިރު އަނެއް ބަޔަކު އަގުބޮޑު ތަރީން އެ ހަފުލާއަށް ގެންދެއެވެ.
މިފަހަރު އަންހެނެއް އޭނަގެ ކައިވެނީގެ ހަފުލާގައި ކޮށްފައިވަނީ ތަފާތު ކަމެކެވެ. އިންސްޓަގްރާމް ޔޫޒަރެއް ކަމަށްވާ ބްރިއާނާ ޕިއާސަންގެ ކައިވެނީގެ އެންމެ ހާއްސަ ކަންތައްތައް ހިއްސާކުރުމަށްޓަކައި ފޮޓޮގްރަފީ ޕޭޖެއް ކަމަށްވާ "އަންފިލްޓާޑް ކަލެކްޓިވް" އިން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.
މި ވީޑިއޯ ހާއްސަ ވާ ސަބަބަކީ ކައިވެނީގެ ހަފުލާގެ ތެރެއިން ބްރިއާނާގެ އިސްތަށިގަނޑު ކޮށާލާތީއެވެ. މީގެ ފަހަތުގައި ވެސް ބޮޑު ސަބަބެއްވެއެވެ.
ބްރިއާނާގެ ދިގު އިސްތަށިގަނޑު ކޮނޑަށް ވުރެ މައްޗަށް ކޮށާލައި އެ މަންޒަރު އާންމުކޮށްފައިވަނީ ކެންސަރަށް ޑޮނޭޓް ކުރުމުގެ ނިއަތުގައެވެ. އަލަށް ބަދަލު ކުރި އިސްތަށިގަނޑުގެ ސްޓައިލް ބްރިއާނާ އަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އަދި ރޮވެން ކައިރިވެފައި އިނދެ ބްރިއާނާ އޭނާ އިސްތަށިގަނޑު ކޮށާލުމުގެ ފަހަތުގައިވާ ސަބަބު އިތުރަށް އާންމުކުރިއެވެ.
އޭނާގެ މަންމައަށް ކެންސަރު ޖެހިގެން މަރުވިއިރު އެއީ އެކަމުގެ ހަނދާނުގައި ކުރި ކަމެކެވެ.
"ކެންސަރު ހުންނަ ޕޭޝަންޓުން އަދި ހާއްސަކޮށް އަންހެނުންނަށް އިސްތަށިގަނޑު ގެއްލުމަކީ ވަރަށް ބޮޑު އުނދަގުލަކާއި ހިތްދަތިކަމަކާ ކުރިމަތި ލާން ޖެހޭ ކަމެއް،" ބްރިއާނާ ބުންޏެވެ.
އޭނާ ހަދިޔާ ކުރާ އިސްތަށިން، ވަރުގަދަ ކޮލިޓީގެ ވިގް ހަދައި ކެންސަރު ހުންނަ ޕޭޝަންޓުންނަށް ހަދިޔާ ކުރާނެއެވެ. މިއީ ކެންސަރު ހުންނަ މީހުންނަށް އެމީހުންގެ އާންމު ދިރިއުޅުމުގައި ހިފެހެއްޓުމަށް ލިބިގެންދާ ބޮޑު ހިތްވަރެކެވެ.