08 Jan 2023, 11:10
ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ނަގައިލައިފައެވެ.
ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ވިޔަރެއާލްގެ ފްރާންސިސް ކޮކަލިން އޭރިއާތެރޭގައި ހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ރެއާލްގެ ވިނީޝީއަސް ޖޫނިއާއަށް ވަނީ މެޗުގެ ލީޑޫ ނަގާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ރެއާލްގެ ކަރިމް ބެންޒެމާ ތަނަވަސްކުރި ފުރުސަތެއްގެ ބޭނުން ހިފައިގެން ވިނީޝިއަސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވިޔަރެއާލްގެ ކީޕަރު ޕެޕޭ ރެއިނާއެވެ.
ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ވިޔަރެއާލުން ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ވިޔަރެއާލްގެ ޔެރެމީ ޕީނޯ ފޮނުވާލި ހަމަލާ ރެއާލްގެ ޑިފެންޑަރު ފާލަންޑް މެންޑީ ގައިގައި ޖެހިފައި ވަތް ގޯލެކެވެ.

ވިޔަރެއާލްއާއި ރެއާލްމެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިން---
ނަމަވެސް މެޗުގެ 60ވަނަ މިނެޓުގައި ރެއާލުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ރެއާލްގެ ޗުއަމެނީ ވިޔަރެއާލްގެ އޭރިއާތެރެއަށް ދިން ޕާސް އެ ޓީމުގެ ޑިފެންޑަރު ހުއާން ފޮއިތު އަތުގައި ޖެހުމުން ދިން ޕެނަލްޓީއަކުން ބެންޒެމާ ޖެހި ގޯލެކެވެ.
އޭގެ ތިން މިނެޓު ފަހުން ވިޔަރެއާލުން ވަނީ ގޯލެއްޖަހައި އަލުން މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ފޮއިތު ޖައްސާލި ޕާހެއް ރެއާލްގެ ޑޭވިޑް އަލަބާ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އެ ގޯލުޖެހީ ޖެރާޑް މޮރޭނޯއެވެ.
އެ މެޗުން މޮޅުވެ ރެއާލަށް ލަލީގާ ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތުއޮތެވެ. ނަމަވެސް މެޗުން ބަލިވެ ރެއާލުން ވަނީ އެ ފުރުސަތު ނަގައިލައިފައެވެ.
މިހާރު ތާވަލުގެ ދެވަނައިގައި ރެއާލް އޮތީ 16 މެޗު ކުޅެ ލިބުނު 38 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ރެއާލްއަށްވުރެ އެއް މެޗު މަދުން ކުޅެ 38 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި މާދަމާރޭ އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެއްޖެ ނަމަ، ބާސެލޯނާއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބޭނެއެވެ.