08 Jan 2023, 09:40
ރައީސުން ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ ގަދަ ކަމެއް ނޫން ކަމަށާއި ވެރިކަން ވެއްޓުނީ ވެސް އެގޮތަށް ރިއެކްޓް ކުރުމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސަައިން ރައްދުދެއްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރިއެކްޓް ނުކުރައްވާ ވެރިއެއް ކަމަށް ވިދާޅުވެ، ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ފާޑު ކިޔުންތަކަށް ރައްދުދެއްވާ ނ. ވެލިދޫގައި ރޭ އޮތް ޖަލްސާއެއްގައި ހިސާން ވިދާޅުވީ ރައީސަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެގޮތަށް ކަންތައް ކުރެއްވުމުން ބައެއް ފަހަރު ވެރިކަން ވެސް ވެއްޓޭ ކަމަށެވެ. ނުސީދާ ގޮތެއްގައި ހިސާން ރައްދުދެއްވީ ނަޝީދަށެވެ.
އިޝާރާތް ކުރެއްވީ 2008 ވަނަ އަހަރު އިންތިހާބުވި ނަޝީދުގެ އެމްޑީޕީގެ ފުރަތަމަ ވެރިކަން ތިން އަހަރު ތެރޭ ފެބްރުއަރީ 7، 2012 ގައި ވެއްޓުނު ވެއްޓުމަށެވެ.
"އަޅުގަނޑުގެ ތަޖުރިބާގައި ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ އެހާ ގަދަ ކަމެއް ނޫން. މާ އަވަހަށް، މާ ބޮޑަށް ރިއެކްޓް ކުރީމަ ނިކުންނަ ނަތީޖާއެއް ވެސް އެހާ ސަޅިއެއް ވެސް ނޫން." ހިސާން ވިދާޅުވިއެވެ.
"މާބޮޑަށް ރިއެކްޓް ކުރީމަ ބައެއް ފަހަރު ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަން ޖެހޭ. އަނެއްބައި ފަހަރު މާގަ ދައަށް ރިއެކްޓް ކުރީމަ ވެރިކަން އެބަ ވެއްޓިގެން ދޭ. އަނެއްބައި ފަހަރު ކުއްލި ނުރައްކާގެ ހާލަތު އިއުލާނު ކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ."
އޭނާ ވިދާޅުވީ ފަސް އަހަރަށް ރައްޔިތުން އިންތިޚާބު ކުރި ސަރުކާރެއް ތިން އަހަރު ތެރޭގައި ވެއްޓި، އެމްޑީޕީ މަގުމަތިވެގެން ދިޔަ ގޮތް ހަނދާނުން ނުފިލާނެ ކަމަށެވެ. \

މިފަހަރުގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވަން ނިންމެވީ ވެސް އެމަނިކުފާނަކީ ތަފާތު ހިޔާލުތަކުގެ މީހުންނާއެކު ވެރިކަން ކުރެއްވޭނެ ބޭފުޅެއްކަން ސާބިތުކޮށްދެއްވާފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އެމްޑީޕީގެ ވެރިކަން ގެއްލި އަލުން އެންމެން ޖަލަށްދާން ބޭނުންނުވާ ކަމަށެވެ. އަދި، ވެރިކަން ދެމެހެއްޓެން އޮތީ ގިނަ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރެއްވޭ ބޭފުޅަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ޕާޓީގެ މެމްބަރުން އަނބުރާ ޖަލު ގޮޅިތަކަކަށް ދާން ބޭނުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ރައީސްގެ ކެމްޕޭން ޓީމުން ނ. އަތޮޅަށް ވަޑައިގެންފައިވަނީ މި ހަފުތާ ބަންދާ ދިމާކޮށް، ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވާއިރު، ދެން އެ އިންތިޚާބުގައި ވާދަކުރައްވާ ނަޝީދު ވެސް ގެންދަވަނީ ކެމްޕޭނަށް ރަށްރަށަށް ޒިޔާރަތް ކުރައްވަމުންނެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.